ފުޓްސަލްގެ ލެޖެންޑް ރިކާޑީނިއޯ ރާއްޖޭގެ ކުލަބު އެޗްޑީސީއަށް

ކުރިއަށްއޮތް ކުލަބު މޯލްޑިވްސް ކަޕް 2025 ގައި ވާދަކުރާ ކުލަބު އެޗްޑީސީއަށް ދުނިޔޭގެ ފުޓްސަލްގެ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލެޖެންޑް ޕޯޗުގަލްގެ ރިކާޑީނިއޯ ސޮއިކޮށްފިއެވެ. މިއީ 2005 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސްގެ ތާރީހުގައި ކުލަބަކުން މިހާތަނަށް ގެނައި އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔާއެވެ. އުމުރުން މިހާރު 39 އަހަރު ވެފައިވާ ރިކާޑީނިއޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ 2021 ވަނަ އަހަރު ފީފާ ފުޓްސަލް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ. ރިކާޑީއިނޯގެ އިންޑިވިޖުއަލް ކާމިޔާބީތައްވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ޔޫރަޕުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދާފައެވެ. ޕޯޗުގަލް ސަރުކާރުންވެސް ވަނީ ރިކާޑީނިއޯގެ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އޭނާއަށް ދެ އެވޯޑެއް ދީފައެވެ. ރިކާޑީނިއޯ އާއެކު މިފަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގައި ވާދަކުރާ އެޗްޑީސީ ޓީމު--- ފޮޓޯ: އެޗްޑީސީ ރިކާޑީނިއޯ ލެވަލްގެ ކުޅުންތެރިއަކު ރާއްޖޭގެ ފުޓްސަލް މުބާރާތެއްގައި ކުޅުން މިއީ ރާއްޖޭގެ ފުޓްސަލްއަށް ލިބިގެން ދާނެ ބޮޑު ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ފުޓްސަލްއަށް ލިބޭނެ ބޮޑު އިންގިލާބަކަށެވެ. ކުލަބު މޯލްޑިވްސް ކަޕުގައި އެޗްޑީސީ ވާދަކުރާނީ ބޮޑު މުބާރާތުގައެވެ. އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. އެޗްޑީސީގެ ސްކޮޑުގައި ރާއްޖޭގެ ފުޓްސަލްގައި މިހާރު ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އަދި ކުލަބު މޯލްޑިވްސް ކަޕުގައި އެޗްޑީސީން މިހާތަނަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ