ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް ދެނީ
ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމުގެ ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.ރައީސް އޮފީހުން މިއަދު ބުނީ އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެ ކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނާއި އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށެވެ.އެ ޝަރަފު އަރުވާނީ މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ.ރައީސް މުއިއްޒު ޝަރަފުވެރި ކޮށްދެއްވާ އެ ހާއްސަ ހަފުލާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދޭނެ އެވެ.ރައީސް އޮފީހުން ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅާގެ ހަނދާނަށެވެ.މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ސަރުކާރުން ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު ދޭއިރު، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ލިބޭނެ ކަމަށް، ރައީސް އޮފީހުން މައުލޫމާތު ދެއެވެ.ގައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ ބާރުގެ ދަށުގައި 15 ވަރަކަށް އަހަރު ދިވެހީން އުޅުމަށްފަހު، ރާއްޖެއަށް މިނިވަންކަން ލިބުމާއި، އެ މިނިވަންކަން ހޯދައިދެއްވުމުގައި އިސްކޮށް ހުންނެވި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު)ގެ ހަނދާނުގައެވެ.އުތީމު ގަނޑުވަރަކީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ