ބަޓޫމީ ކަޕުގެ ސިންގަލްސް ކުއާޓާ އަދި ޑަބަލްސް ސެމީއަށް ލައިބާ ދަތުރުކޮށްފި

ޖޯޖިއާގެ ބަޓޫމީގައި ކުރިއަށްދާ ބަޓޫމީ ކަޕް ޔޫތު އިންޓަނޭޝަނަލް 2025 ގައި ރާއްޖޭގެ ލައިބާ އަހުމަދު މަހްލޫފް (އެލީ) މިކްސް ޑަބަލްސް ކެޓަގަރީގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި، އަދި ސިންގަލްސް ކެޓަގަރީގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މުބާރާތުގެ ސިންގަލްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ތުރުކީގެ ތުގްބާ އޮކްސުސް 5-15، 9-15 ގެ ނަތީޖާއަކުން ދެ ސެޓު ނެގުމަށްފަހުއެވެ. ލައިބާ ކުއާޓާފައިނަލުގެ ޖާގަ ކަށަވަރުކުރީ ގްރޫޕްގެ ތިން މެޗު ނަގައިގެން ގްރޫޕްގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. މިކްސް ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކަށް މަސައްކަތް ކުރަނީ އަރުމީނިޔާގެ މަނުކްޔަން ނަރެކެވެ. އޭނާއާއެކު ކުއާޓާ ފައިނަލުގައި ޖޯޖިއާގެ އެންޑްރިއާ ޑްވަލްޝިވިލީ އަސި އަރުމީނިޔާގެ އަސިލްބެކްޔާން މަރީނާއާ ވާދަކުރުމަށްފަހު 6-15، އަދި 7-15 ގެ ނަތީޖާއަކުން ދެ ސެޓު ނަގައިގެން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރިއެވެ. މިމަހުގެ 22 އިން 24 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތަކީ ޖޯޖިއާގެ ނެޝަނަލް ބެޑްމިންޓަން ފެޑެރޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހަތް ގައުމަކުން 78 އެތުލީޓުން ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ޖޯޖިއާ، ކަޒަކިސްތާނު، އަރުމީނިއާ، ލެޓްވިއާ، އަޒަރުބައިޖާންގެ އިތުރުން ދިވެހިރާއްޖެއެވެ. މުބާރާތް ކުރިއަށްގެންދާ އުމުރުފުރާތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށުގެ އިތުރުން 15 އަހަރުންދަށެވެ. ކުރިއަށްގެންދާ ކެޓަގަރީތަކަކީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތަކެވެ. ލައިބާ ވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ބޭއްވި "އަރުމީނިއަން ޔޫތު އޯޕަންގެ ތިން ކެޓެގަރީއަކުން ރަން މެޑަލްވެސް ހޯދާފައެވެ. މީގެއިތުރުން ލައިބާ ވަނީ ދާދިފަހުން ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުގައި ވެސް ހިމެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ