އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ފޭރުނު މީހާ، ޗޮކްލެޓެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފި

އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައިވާ މީހާ، ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން، ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެ ތަނުގައި އުޅޭ ބަނގްލަދޭޝް މީހެއްގެ އަތުން ފޯނާއި، 9،000 ރުފިޔާ ފޭރުނު މައްސަލައައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން އޭރު ހައްޔަރުކޮށްފައިވަނީ ގ. ބެރުގޭ، މުހައްމަދު ނަވީނެވެ. މިދިޔަ ސެޕްޓެމްބަރު މަހު، އެ މައްސަލައާ ގުޅިގެން ނަވީން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި ފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގައިގެންނެވެ. މި މައްސަލައިގައި ހުކުރު ދުވަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ބަންދު މަޖިލީހުގައި ވާހަކަ ދައްކަމުން ނަވީން ބުނެފައިވަނީ އޭނާ ޗޮކްލެޓް ހިފައިގެން ބޭރަށް ދިޔައީ ބޭރުގައި ހުރި މީހެއް އަތުން ފައިސާ ހޯދައިގެން އައިސް ފައިސާ ދައްކަން ކަމަށެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ މޭ މަހު ވެސް މި ފަދަ މައްސަލައެއްގައި ނަވީން ހައްޔަރުކޮށްފައިވެއެވެ. އޭނާއަކީ ބަންދު ރެކޯޑް ގިނަ މީހެއްކަން ބަންދު އަމުރުގައި ވެސް ފާހަގަކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުގެ ރެކޯޑްތައް ދައްކާ ގޮތުން، ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2023 ވަނަ އަހަރު، ނަވީންއާ ދެކޮޅަށް ކޯޓަށް ހުށަހެޅުނެވެ. އެކަމަކު އެ މައްސަލައިގައި ޝަރީއަތުގައި ނަވީންވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަށް އިންކާރުކޮށްފައެވެ. އެ މައްސަލަ ނިމުނީ ސައިކަލު ވަގަށް ނެގި ކަމަށް އޭނާގެ މައްޗަށް ސާބިތުނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ