އިޒްޔާން، ތަޒްކިޔާ އަދި މިރާލަށް ފެތުމުގެ ގައުމީ ރިކޯޑެއް
ރޫމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އިޒްޔާން ނާޒިމްއާއި، އަމްނާ ތަޒްކިޔާ މިރުސާދުގެ އިތުރުން އައިޝަތު އަލްޔާ ޝާއިގު ގައުމީ ރިކޯޑުތަކެއް ހަދައިފިއެވެ. ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް އިޒްޔާން ވަނީ ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. މި ރިކޯޑު އިޒްޔާން މުގުރާލާފައިވަނީ ދެ މިނެޓު 45.21 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އާ ކޮށްފައިވަނީ އިފްޒާލް އިބްރާހީމް މަޙްފޫޒެވެ. ފިލިޕީންސްގެ ނިއު ކްލަކް ސިޓީގައި މިދިޔަ އަހަރު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި އިފްޒާލް މި ރިކޯޑު އާކޮށްފައިވަނީ ދެ މިނެޓު 45.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސްގައި ތަޒްކިޔާ މުގުރާލާފައިވަނީ އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރެކޯޑު ތަޒްކިޔާ މުގުރާލާފައިވަނީ 32.77 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އާ ކޮށްފައިވަނީ އައިޝަަތު އަލްޔާ ޝާއިގެވެ. އެއީ މިދިޔަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ސްވިމިން ވެސްޓާން އޮސްޓްރޭލިއާ (އެސްޑަބްލިއުއޭ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް 34.18 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި މިރާލް ގައުމީ ރިކޯޑު އާކޮށްފައިވަނީ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައެވެ. މި މުބާރާތުގައި ވާދަކޮށް މިރާލް މި ރިކޯޑު އާކޮށްފައިވަނީ ދެ މިނެޓު 42.46 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ވެސް މިރާލްއެވެ. އެއީ މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ދެ މިނެޓު 44.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ