ވަޒީރުންނާއި މެންބަރުން ހިމެނޭހެން މުޅި ގައުމު އޮތީ ދަތީގައި، ފަގީރުންގެ ދަފްތަރު ބަދަލުކުރަންޖެހޭ: ޝަހީމް
ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާހެން މުޅި ގައުމު މިއަދު އޮތީ ދަތި ހާލުގައި ކަމަށާއި، އެކަން ރަނގަޅަށް ބެލުމަށްފަހު ފަގީރުންނާއި މިސްކީނުންގެ ދަފްތަރަށް ބަދަލު ގެންނަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ދެވަނަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، 'އިންޒެކް 2025' ގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކި ދާއިރާތަކުން ދޭ އެހީތެރިކަން ފުޅާކުރަން މިއަދު އެބަޖެހޭ ކަމަށެވެ. ސަބަބަކީ މިއަދު މުޅި ގައުމުގެ ރައްޔިތުން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށްވުމުން ކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީހުން މިއުޅެނީ ވަރަށް ދަތީގައި. ވަޒީރުން ވެސް އުޅެނީ ދަތީގައި. މަޖިލީހުގެ މެންބަރުން ވެސް އުޅެނީ ދަތީގައި. މުޅި ގައުމު ދަތީގައި އުޅޭނަމަ އެބަޖެހޭ ފަގީރުންނާއި މިސްކީނުންގެ މި ޒަމާނުގެ މަފްހޫމެއް ކަނޑައަޅަން. ކޮބައިތޯ ހަގީގަތުގައި ފަގީރުންނާއި މިސްކީނުންނަކީ [ބަލަން]، ޝަހީމް ވިދާޅުވީ އެކަމަކީ ހަގީގަތުގައި ވެސް ވަރަށް ފުންކޮށް ވިސްނައިގެން މިއަދު ކުރަންޖެހޭ ކަމެއް ކަމަށެވެ. ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، 'އިންޒެކް 2025' ގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ތައުލީމާއި، ސިއްހީ ކަންކަމާއި، ދިރިއުޅޭނެ ތަނެއް ލިބުން ފަދަ ކަންކަމަކީ ހަގީގަތުގައި ވެސް ކޮންމެ މީހަކަށް ލިބެންޖެހޭ ޒަރޫރަތެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އެ ހުރިހާ ކަމެއް ޒަކާތު ފަންޑުގެ ތެރެއިން ފުޅާކުރެވޭނެ ކަމަށެވެ. ސަބަބަކީ، ޒަމާނާ ގުޅުވައި ފުޅާކުރެވޭ ހަމައެކަނި ރުކުނަކަށް އިސްލާމްދީނުގައި ޒަކާތް އޮތުމުންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެހެން ރުކުންތަކަކީ ބަދަލުކުރެވޭނެ ރުކުންތަކެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ. ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް އެ ޚިދުމަތް ފުޅާކުރަން މަސައްކަތް ފަށައިފައިވާ ކަމަށް މިނިސްޓަރު، މި ރަސްމިއްޔާތުގައި އިއުލާނުކުރެއްވިއެވެ. އެގޮތުން އެކަމާ ގުޅޭ ކަރުދާހެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ ކަރުދާހުގެ މަސައްކަތް ނިމުމާއެކު ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. https://sun.mv/210320 ޝަހީމް ވިދާޅުވި ގޮތުގައި އެ ކަރުދާހުގައި ބޭސްފަރުވާއާއި ތައުލީމާއި ބޯހިޔާވަހިކަމާއި އެފަދަ އެހެނިހެން ކަންތައްތަކުގައި، ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރުވެފައި ތިބޭ ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން އެހީތެރިވެވޭނެ ގޮތް ހިމަނުއްވާނެއެވެ. ވަޒީރުންނާއި، ބައެއް މަޖިލިސް މެންބަރުން ދަތީގައި އުޅޭކަމަށް ޝަހީމް ވިދާޅުވިއިރު، އެ ބޭފުޅުންނަކީ ދައުލަތުގެ މަގާމުތަކަކަށް ދޭ އެންމެ ބޮޑު އެއް މުސާރައާއި އެހެނިހެން އިނާޔަތްތައް ލިބިވަޑައިގަންނަބާ ބޭފުޅުންނެވެ. ސިޔާސީ ބޭފުޅުންގެ މުސާރަތައް ބޮޑުވެ، ސިޔާސީ މަގާމުތައް އިތުރުވުމަކީ އާންމު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ޚާއްސަކޮށް، މަޖިލިސް މެންބަރުން، އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައާ އިނާޔަތްތަކާ އެއްވަރަށް މަސައްކަތް ނުކުރާ ކަމުގެ ފާޑުކިޔުން އާންމުން ފާޅުކުރެއެވެ. އެގޮތުން އެކަމާ ގުޅޭ ޕެޓިޝަނެއްގައި ވެސް މިފަހުން ގިނަ ބަޔަކު ސޮއި ވެސް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ