ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި
ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބާތިލުކޮށްފިއެވެ. އެ ރަށު ފަޅު ތެރޭގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅަށް ވާއިރު، އެ މަސައްކަތް ކުރަން ކެލާގެ އިހުތިސާސަށް ވަނީ ބަދަލު ގެނެސްފައެވެ. ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދަން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މާޗު މަހުގެ 31ގައެވެ. https://sun.mv/204288 އޭރު ހުޅުވާލީ އެ ފަޅުގައި 12.19 ހެކްޓަރުގެ ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރާށެވެ. އެ ތަނުން އެއް ރަށަކީ 156.2 ހެކްޓަރުގެ ރަށެކެވެ. އަނެއް ރަށަކީ 169.3 ހެކްޓަރުގެ ރަށެކެވެ. ދެ ރިސޯޓުގައި ވެސް 200 އެނދު ތަރައްގީކުރަން ޖެހޭއިރު، ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށެވެ. އެ ތަނުން 156.2 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވުމުން ދެ މަސް ދުވަސް ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހެއެވެ. އަދި، 169.3 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވުމުން ދެ މަސް ދުވަސް ތެރޭގައި ސަރުކާރަށް 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަންޖެހެއެވެ. އެކަމަކު، އެ އިއުލާނު އިއްޔެ ބާތިލުކޮށް، ނެރުނު އިއުލާނެއްގައި ވަނީ ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި އެ ސިނާއަތް ފުޅާކުރުމުގެ ގޮތުން ހއ އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ އަތޮޅާއި އައްޑޫ ސިޓީގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 24 މަހުސް މުއްދަތަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން، ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާނު ބާތިލުކުރީ އެ ލުއިތައް ދީ އަލުން އިއުލާނުކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. ރައީސް ފެބްރުއަރީ މަސް ތެރޭގައި ކެލައަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ކެލާގެ ރައްޔިތުންގެ ބޭނުންވާ ގޮތަށް އަދި ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ