އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިމަހު 11 ގައި ކުޅުދުއްފުށީގައި ބާއްވަން ތައްޔާރުވެއްޖެ އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިމަހު 11 ގައި ކުޅުދުއްފުށީގައި ބާއްވަން ތައްޔާރުވެއްޖެ

އިދިކޮޅު އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 11 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބާއްވަން އެ ޕާޓީން ތައްޔާރުވެއްޖެ އެވެ.
ކުޅުދުއްފުށީގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން އިއުލާނު ކުރީ މިރޭ އޮތް އެ ޕާޓީގެ ހަރުގެ ޖަލްސާގަ އެވެ. އެކަން އިއުލާނު ކުރައްވަމުން އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވީ 11 ވަނަ ދުވަހުގެރޭ އޮންނަ ޖަލްސާއަށް މާލެއިން ވެސް ވަފުދެއް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"11 ވަނަ ދުވަހުގެރޭ ކުޅުދުއްފުށީ ޖަލްސާ އޮންނައިރު، މާލެއިން އަޅުގަނޑުމެންގެ ވަފުދެއް ދިޔުމަށް މިހާރު އަރުމާޒެއް ތައްޔާރު ކުރެވިފައި އެބައޮތް، އަޅުގަނޑުމެން ފުރާނީ ޖުލައި 10 ވަނަ ދުވަސް އެއީ، ބުރާސްފަތި ދުވަސް، ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:00 ޖަހާއިރު،" އައިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޖަލްސާގައި ބައިވެރިވާން ކުޅުދުއްފުށްޓަށް ދާން ބޭނުންވާ މެންބަރުން އެ ދާއިރާއެއްގެ ރައީސްއަށް ނަން ފޮނުވުމަށް އެދޭ ކަމަށެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާތަކެއް ބާއްވަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ. އެ ޖަލްސާތައް މިމަހުގެ 11 ވަނަ ދުވަހު ފަށާއިރު، އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ޖަލްސާ ބާއްވާނީ އެންމެފަހުން އޯގަސްޓު މަހުގެ ތެރޭގައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ސިލްސިލާ ޖަލްސާތަކުގެ އިތުރުން އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18، ގައި ދުވުމެއް ފަށަން ނިންމާފައިވާ ކަމަށާއި އެ ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިހާބު 2008 ގައި ކާމިޔާބުކުރީ އެ ޕާޓީ އިސްކޮށް އުފެއްދި ކޯލިޝަނަކުންނެވެ. އެ ޕާޓީން ދެވަނަ ފަހަރު ވެރިކަމަށް އައީ 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ