ރައީސް މުހައްމަދު މުއިއްޒާއި ސާޖިދާ މުހައްމަދުގެ ދަރިފުޅަކު ދުންފަތުގެ އިސްތިއުމާލު ކުރައްވާ ކަމަށް މުޅި ދިވެހިރާއްޖޭގައި އަޑުފެތުރި، އެއީ ގޭގޭގެ ކަންމަތީ ހޮޓާތަކާއި ޖޯލިފަތިތަކުގައި ދައްކާ މަޝްހޫރު ވާހަކައަކަށް ވެއްޖެ އެވެ.
މި އަޑުތައް އިވެން ފެށީ، މުޅި ދިވެހިރާއްޖެއިން ވޭޕް މަނާ ކުރަން، ދިރާސާއެއް ކުރުމެއް ނެތި ސަރުކާރުން އަޅަން ފެށި ކުއްލި އަދި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ވޭޕް މަނާ ކުރަނީ، ކުޑަކުދިން ވޭޕް ބޭނުން ކުރާތީ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.
އެކަމަކު، އަޑު ފެތުރުނީ، ވޭޕް އަދި ސިނގިރޭޓާ ދެކޮޅަށް ރައީސް މުއިއްޒު އަޅުއްވާ ހަރުކަށި ފިޔަވަޅުތަކަކީ، ދަރިކަލަކު ވޭޕް ބައްލަވާތީ އެކަމާ ނުރުހުންވެ، ރައީސް އަޅުއްވަން ގެންދެވި ފިޔަވަޅުތަކެއް ކަމަށެވެ. ދުވަސްކޮޅަކުން އެ ވާހަކަތައް ސިޔާސީ މައިދާނުގައި ވެސް ތިލަކޮށްލައިފި އެވެ. އަދި ހދ. ކުޅުދުއްފުށިން ބޮޑު އީދުގައި ނެރޭ މާލި ޕެރޭޑުގައި ވެސް "ވޭޕު ދަރި" ދައްކާލި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ބާއްވާ ޖަލްސާތަކުގައި ވެސް ރައީސްގެ ދަރިކަލެއްގެ ވާހަކަ ދެއްކި އެވެ. އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މުޒާހަރާއެއްގެ ތެރޭގައި ވެސް އެ ވާހަކަ ދެއްކި އެވެ.
ނަމަވެސް، އެ ކުޑަކުއްޖާގެ ވާހަކަ ދެއްކި އެންމެންގެ ތެރެއިން ރައީސް މުއިއްޒުގެ އާއިލާއަށް ކުށްވެރިވީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެ ވާހަކަ ދެއްކި މީހަކު ނިސްބަތްވާ ޕާޓީގެ ޗެއާޕާސަންއަށް ވީތީ އެމްޑީޕީގެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް ވެސް ކުށްވެރި ކުރި އެވެ. އަދި އެމްޑީޕީއާއި، ފައްޔާޒްއާ ދެކޮޅަށް ދެ ކޯޓެއްގައި ދައުވާ އުފުލި އެވެ.
ސާޖިދާގެ ދައުވާތަކުގައި ބުނެފައި ވަނީ ދައުވާ އުފުލުމުގެ މަގުސަދަކީ ދަރިކަލުންގެ އަބުރު ހިމާޔަތް ކުރުން ކަމަށެވެ. ނަމަވެސް ދައުވާގެ ތެރެއަށް އިދިކޮޅު ޕާޓީގެ ލީޑަރު ވެއްދުމާއި ދަރިކަލުންގެ ވާހަކަ ދެއްކި އެންމެންގެ ތެރެއިން ހަމައެކަނި އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެޕާޓީއާއި އެމްޑީޕީގެ ޗެއާޕާސަން ކުށްވެރިވުމުން، މިއީ ސިޔާސީ ދައުވާއެއް ނޫންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މާޗް 12، 2025، ގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން އެމްޑީޕީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ބުނީ، ދިވެހި ޒުވާނުން ބިޑި "ބިޑި އޮޅަން ޖެއްސީ" ރައީސްގެ ދަރިކަލަކު ވޭޕް ކުރަން ފެށުމުން ކަމަށެވެ.
ވާހަކަ ކުރިއަށް ގެންދަމުން ސާޖިދާއަށް މަންދީ ދިން ނަސޭހަތަކީ "އަމިއްލަ ދަރިފުޅު ފުރަތަމަ ބަލަންވީނޫހޭ" އެވެ. ދުންފަތާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ޕޮލިސީގެ ވާހަކަ އެ ދުވަހު މަންދީ ވަރަށް ދިގުކޮށް ދެއްކި އެވެ.
މަންދީގެ ވާހަކައަށް ފަހު ޖެހިގެން އައި ދުވަހު ސަރުކާރުން ދައުލަތުގެ އެކި އިދާރާތައް ބޭނުންކޮށްގެން އިދިކޮޅު އެމްޑީޕީއަށް ހަމަލާތައް ދޭން ފެށި އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އިލެކްޝަންސް ކޮމިޝަން ހިމެނެ އެވެ.
"ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައިވާތީ ކުޑަކުއްޖަކާމެދު ހިންގާފައިވާ މި އަމަލު ކުށްވެރި ކުރަން،" އޮބަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ފަހުން، މަންދީގެ ވާހަކަތައް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ރާއްޖެ ޓީވީއަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަރުގަދަ އިންޒާރެއް ދިނެވެ.
"ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް [ސުލޫކީ މިންގަނޑު] ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް ދަންނަވަން،" ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވެ އެވެ.
މަންދީގެ ވާހަކަތަކަށް ތިން ދުވަސް ފަހުން އޭނާގެ ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފެށި އެވެ. އޭނާއަށް ކުރި ތުހުމަތަކީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމެވެ. މަންދީގެ އިތުރުން އަހުމަދު ސަލީމް (މާޒް ސަލީމް) ގެ މައްޗަށް ވެސް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަން ފެށި އެވެ.
ސާޖިދާގެ ދަރިކަލުންގެ ވާހަކަ އެންމެ ބޮޑަށް ދެކެވުނީ ކުޅުދުއްފުށިން ނެރުނު މާލި ޕެރޭޑުގައި "ވޭޕު ދަރި" ނެރުމުންނެވެ.
އެ މާލީގައި ފެންނަނީ ބަރޯއެއްގައި ބާއްވާފައި އޮންނަ މީހެކެވެ. ބަރޯ ދުއްވަން ހުރީ ސާޖިދާ ގޮތަށް ހެދުން އަޅައިގެން ހުރި މީހެކެވެ. ބަރޯގައި ޖަހާފައި އިނީ "ވޭޕު ދަރި" މިހެންނެވެ.
އެމްޑީޕީގެ އެއްވުމެއްގައި ވެސް ރައީސްގެ ދަރިކަލެއްގެ ނަމެއް ނުބުނެ އެވެ. ކުޅުދުއްފުށި މާލި ޕެރޭޑުގައި ވެސް ރައީސްގެ ދަރިކަލެއްގެ ނަމެއް ނުބުނެ އެވެ. އެކަމަކު ދައްކަން އުޅޭ ވާހަކަ އެންމެނަށް ވެސް ސާފެވެ. އެހެންވެ، އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަ ކުށްވެރިވެފައި މާލި ޕެރޭޑު ކުށްވެރިނުވާންވީ ސަބަބެއް ނޭނގެ އެވެ.
ސިޔާސީ ޕާޓީއަކުން ހަރަކާތްތެރިވާންޖެހޭނީ އަދި އަމަލު ކުރަންޖެހޭނީ މާލި ޕެރޭޑަށްވުރެ ޒިންމާދާރުކޮށް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު، އު ކުއްޖާގެ ވާހަކަ އެންމެ ގަދައަށް ދެއްކި ޕީއެންއެފްގެ އެއްވެސް ބޭފުޅަކަށް ސާޖިދާގެ ނުރުހުން އަމާޒެއް ނުވި އެވެ.
އެ ކުއްޖާގެ ވާހަކަ ދައްކައިގެން ޕީއެންއެފްގެ ލީޑަރުން މަލީހު ޖަމީލު އާއި ހުސެއިން ވަހީދު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓެއް ވެސް ފޮނުވި އެވެ. އެއީ މައްސަލައެއް ކަމަށް ބަލައިގެން ފުލުހުން އެކަން ތަހުގީގު ކުރި އެވެ. އެކަމަކު، ސާޖިދާއަށް އެއީ މައްސަލައަކަށް ނުވި އެވެ.
މަންދީ ދެއްކި އެއްވެސް ވާހަކައެއްގައި ސާޖިދާގެ ދަރިކަލެއްގެ ނަން ބޭނުންކޮށްފައެއް ނުވެ އެވެ. ދުންފަތުގެ ވާހަކައިގެ ތެރެއަށް ކުއްޖާގެ ނަން ގެނައީ ސާޖިދާގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު މެދުވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.
"މި ފުރުސަތުގައި (ކުއްޖާގެ ނަން) އަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ސާޖިދާގެ ނަމުގައި ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
މިއީ އެ ކުއްޖާގެ ވާހަކަ މީޑިއާގައި ސާޖިދާ ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވެސް އެ ކުއްޖާގެ އަހުލާގީ މައްސަލަތަކެއް ހުރި ކަމަށާއި ކުއްޖާއަކީ އަމިއްލައަށް ކިޔަވާ ވިދާޅުވާ ކުއްޖެއް ނޫން ކަމަށް ސާޖިދާ ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ ބޯއި. ބޮޑަށް މިހުންނަ ބޯއީއަކީ ކުޑަކޮށް ޕުޝް ކުރަންޖެހޭ ކުއްޖެއް، ގާލް ހެނެއް ނޫން. އަޅުގަނޑު ޖެހޭނީ ހަމަ ކައިރީގައި އިނދެގެން [ކިޔަވަން] ޕުޝް ކުރަން،" ކުއްޖާގެ އުޅުން ހުންނަ ގޮތް ފާހަގަ ކުރައްވަމުން ސާޖިދާ ވިދާޅުވެފައިވެ އެވެ.
އެއަށްފަހު ދެން ސާޖިދާ ވިދާޅުވީ ކުއްޖާގެ އުޅުމަށް ބަދަލު އަންނާތީ އެކަމާ ކަންބޮޑުވެވަޑައިގެން، ކެމްޕެއިނުން ޗުއްޓީއެއް ނަގައި އެކަމަނާ ހުންނެވީ ގޭގައި ކަމަށެވެ.
"ދެން ކުޑަކޮށް ބިހޭވިއާ ވެސް މި ދޭތެރެއިން (ޗޭންޖް) އައީމަ މި ހަފުތާ އެއްކޮށް ގޭގައި މަޑުކޮށްލީ އެހެންވެގެން. ވަރަށް ނުފެނެއެއް ނޫންތޯ މިހާރު؟،" ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާގެ ބަޔާނަކުން ކުއްޖާގެ ވާހަކަ މީޑިއާއަށް ތިލަކޮށްލުމުން، ދަރިފުޅުގެ ކަރާމާތް ނަގައިލިކަމުގެ ތުހުމަތު އަމާޒުވީ އަމާޒުވީ ސީދާ ސާޖިދާއަށެވެ.
އެ ތުހުމަތުތައް ސާޖިދާއަށް އަމާޒު ކުރީ އިދިކޮޅު އެމްޑީޕީ އިން އޭޕްރީލް 18، ގައި ނެރުނު ބަޔާނެއްގަ އެވެ. ކުއްޖާގެ ވާހަކަ ރިޔާސީ އިންތިހާބުގައި ވެސް ސާޖިދާ ދެއްކެވިކަން އެމްޑީޕީ އިން ފާހަގަ ކުރި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލެއްގެ ނަން މީޑިއާއަށް ތިލަކޮށް އެ ކުއްޖާގެ ކަރާމާތް ނަގާލާފައި ވަނީ ސާޖިދާ މުހައްމަދުގެ ފަރާތުން އޭނާގެ ވަކީލު އާޒިމާ ޝަކޫރުކަން ފާހަގަ ކުރަން. މީގެ ކުރިން ވެސް ސާޖިދާ މުހައްމަދު ވަނީ ރިޔާސީ އިންތިހާބުގައި އެ ކުއްޖާގެ ޒާތީ ދިރިއުޅުމާ ގުޅޭ މައުލޫމާތު އާންމުކޮށް މީޑިއާއެއްގައި ދައްކަވާފައި،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީ އިން ތުހުމަތު ކުރަނީ ސާޖިދާ މަސައްކަތް ކުރައްވަނީ ސިޔާސީ ބޭނުމެއްގައި، އާއިލާ "ނިވާފަތްގަނޑަކަށް" ހަދައިގެން ކަަމަށެވެ.
"ސިޔާސީ ބޭނުމުގައި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދައުވާ އުފުލި ނަމަވެސް ރައީސް މުއިއްޒުގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ފަސްޖެހުމެއް ނެތި މި ޕާޓީއިން ތެދުވާނެކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައިވެ އެވެ.
އެ މައްސަލައިގައި ސާޖިދާ އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރުމަށްފަހު ވެސް ޝައްކު އުފެދޭ ގޮތަކަށް އަމަލުތައް ބެހެއްޓެވި އެވެ. ފަހުން އަޑުއެހުންތައް ސިއްރުކުރަން އެދުނު ނަމަވެސް، ސިވިލްކޯޓުގައި ހުށަހެޅި ހުށަހެޅުމުގައި އެކަމަނާގެ ފަރާތުން ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރުމަށް ވެސް އެދުނެވެ. އެކަން ހުއްޓުވީ މައްސަލަ ބެއްލެވި ގާޒީ އެވެ.
"މި ދެ ގަޒިއްޔާއަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތް ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހެޅިފައިވާ މައްސަލަތަކެއް ކަމުގައިވާތީ މި މައްސަލައިގެ އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރުމަށާއި ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އަސާސް ނެގެހެއްޓުމުގެ ގޮތުން މި މައްސަލަތަކުގެ ޝަރީއަތުގެ އެންމެހައި އަޑުއެހުންތައް އާންމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދިޔުމަށް ނިންމައިފިން،" ގާޒީ ވިދާޅުވެފައިވެ އެވެ.
~~
ރައީސްގެ ދަރިކަލުންގެ ކަރާމާތް ގެއްލޭނީ ހަމައެކަނި އެމްޑީޕީގެ މީހުން އެބޭފުޅާގެ ވާހަކަ ދެއްކީމައެއް ނޫނެވެ. ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހަގީގަތުގައި ވެސް ކަރާމާތް ގެއްލޭ ފަދަ ވާހަކައެއް ނަމަ ކުއްޖާގެ ކަރާމާތް ގެއްލޭނެ އެވެ.
ކުއްޖާގެ ވާހަކަ މިއަދާ ހަމައަށް ވެސް މީޑިއާގައި ދައްކަމުން މި ދަނީ ސާޖިދާ ކުރިއަށް ވަޑައިގެންނެވި ގޮތުންނެވެ. ކުއްޖާގެ ނަން މީޑިއާއަށް ތިލަ ކުރެއްވީ އެކަމަނާ އެވެ. އަބުރުގެ ޝަރީއަތް މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރަން ބޭނުންވެވަޑައިގެންނެވީ ވެސް އެކަމަނާ އެވެ.
މިއީ ވިސްނަންޖެހޭ ކަންކަމެވެ. ކުޑަކުއްޖެއްގެ ކުރިމަގާމެދު ނުވިސްނަވައި، ހަމައެކަނި ތިމާ ނުރުހޭ ބަޔަކާ ދެކޮޅަށް ނަގާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކުޑަކުއްޖެއްގެ ނަން ބޭނުންކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
"އެ ކުއްޖާ" ކުށްވެރިވެފައި "ވޭޕު ދަރި" ކުށްވެރިއެއް ނުވި: ސާޖިދާ ކުރެއްވީ ސިޔާސީ ދައުވާއެއް "އެ ކުއްޖާ" ކުށްވެރިވެފައި "ވޭޕު ދަރި" ކުށްވެރިއެއް ނުވި: ސާޖިދާ ކުރެއްވީ ސިޔާސީ ދައުވާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ