މެންޗެސްޓާ (ޖުލައި 22) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް، އަލެހަންދްރޯ ގާނާޗޯ ވިއްކާލަން އެ ކްލަބުން ކިޔަމުން އައި އަގު ކުޑަކޮށްފި އެވެ.
ގާނާޗޯ، 21، ޔޫތު ކެރިއަރު ހޭދަކުރީ، ސްޕެއިނުގެ ދެ ކްލަބް ކަމަށްވާ ގެޓަފޭ އާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގަ އެވެ.
މީގެ ތިން އަހަރު ކުރިން ޔުނައިޓެޑުގެ ސީނިއާ ޓީމުން ފުރުސަތު ހޯދަން ފެށި ގާނާޗޯ އަށް އެ ކްލަބްގައި ކުރިއަށްދިއުމުގެ ފުރުސަތު ގެއްލުނީ، ޔޫރޮޕާ ލީގުގެ ފައިނަލް މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމް ދެއްކި ވާހަކަ އަށް ރައްދުދިނުމުން އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ.
ޔުނައިޓެޑުން 84 މިލިއަން ޑޮލަރަށް ވުލްވްސްގެ މަޓެއުސް ކޫންޏާ އާއި 94 މިލިއަން ޑޮލަރުގެ އަގަކަށް، ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ ގަނެފައިވާއިރު، އެ ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށް ކޯޗު އަމޮރިމް ވަނީ ބުނެފަ އެވެ.
އެކަމަކު، އިތުރު ކުޅުންތެރިން ގަތުމުގެ ކުރިން، ޓްރާންސްފާ ފަންޑް ހޯދުމަށް ބައެއް ކުޅުންތެރިން ވިއްކާލަން ޖެހެ އެވެ. އެ ގޮތުން، ޔުނައިޓެޑުން ދޫކޮށްލަން ނިންމާފައިވާ ގާނާޗޯ އަަވަހަށް ވިއްކާކަން ނިންމާފައިވާއިރު، ކުރިން އޭނާ ވިއްކާލަން ކީ 65 މިލިއަން ޑޮލަރު ވަނީ 50 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.
ގާނާޗޯ އަށް ފާރަލަމުން އަންނަ ކްލަބްތަކުގެ ތެރޭގައި، ޗެލްސީ، އެސްޓަން ވިލާ އަދި ޓޮޓެންހަމް ހޮޓްސްޕާސް ހިމެނެ އެވެ.
ޔުނައިޓެޑުން ގާނާޗޯ ވިއްކާލަން ކިޔާ އަގު ކުޑަކޮށްފި ޔުނައިޓެޑުން ގާނާޗޯ ވިއްކާލަން ކިޔާ އަގު ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ