ލަންދުއަށް ރައީސްގެ ޔަގީންކަން: ދެން އަންނާނީ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރަން
ނ. ލަންދުއަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް، ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނަށް ދެއްވައިފިއެވެ. އެ މަނިކުފާނު ގެންދަވަނީ ނ. އަތޮޅަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން މިއަދު ލަންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވައުދުފުޅާ އެއްގޮތަށް ސިއްހީ މަރުކަޒުގެ ޚިދުމަތް ވެސް 24 ގަޑިއިރަށް ބަދަލުކުރަން ކުރަންޖެހޭ ކަންކަން ހަމަޖެހި، މުވައްޒަފުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި، ސިއްހީ ދާއިރާއަށް ބޭނުންވާ މި ނޫން ވެސް ކަންކަން ފުރިހަމަކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، މުޅި ރާއްޖެއަށް ޚާއްސަކޮށްގެން ހޭންޑްބޯލް ކޯޓު ތަރައްގީކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ލަންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އެރިއުޅުމަށް ޚާއްސަ ސަހަރައްދެއް ތަރައްގީކުރުމުގެ މަސައްކަތް ހަތްވަނައަށް ފައްޓާ ބެޗުގައި އެ ރަށް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު، ނ. ލަންދޫގައި: އެ މަނިކުފާނު ވަނީ މަޝްރޫއުތައް ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް އެހެންވެ، ސެޕްޓެންބަރު މަހާ ހިސާބުގައި އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބަށް ގެންދެވި، ނޮވެންބަރު ނުވަތަ ޑިސެންބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ލަންދުއަށް ކޮށްދެއްވާނެކަމަށް ވިދާޅުވި އިތުރު ބައެއް ކަންކަން: ސްކޫލަށް ބޭނުންވާ އިތުރު ކަންކަން ފުރިހަމަކުރުން ތައުލީމީ ދާއިރާއިން ބޭނުންވާ އެހެން ކަންކަން އިސްކަންދީގެން ފުރިހަމަކުރުން ލަންދޫގައި ގާއިމުކުރާ އައިސް ޕްލާންޓްގެ މަސައްކަތް މި އަހަރު ނިންމާލުން "ވަރަށް ސަމާލުކަން ދީގެން، ވަރަށް ރަނގަޅަށް އެ ކަންކަން ކޮށްދެއްވަން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް ދެން. ދެން އަޅުގަނޑު މި ރަށަށް އަންނައިރު، އަޅުގަނޑު ބޭނުންވަނީ މި ދެންނެވި ކަންކަން ނިމިގެން އެ ކަންކަމުގެ ނިމުން ފާހަގަކުރަން ތި ބޭފުޅުންގެ ގާތަށް އަންނަން. އެހެންވީމާ އެ އުންމީދުގައި މިއަދު އަޅުގަނޑު ތި ބޭފުޅުންނާ ވަކިވެލާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ނ. އަތޮޅަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފެއްޓެވީ އިއްޔެއެވެ. އެ ދަތުރުފުޅުގެ ތެރެއިން ރައީސް ގެންދަވަނީ އެ ރަށްރަށަށް ވެލެއްވި ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ. މި އަހަރު ކުރީކޮޅު ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކަށް ވަޑައިގެން ވެސް ރައީސް ވަނީ "ދެން އަންނާނީ މަޝްރޫއުތައް ނިންމައި، އުފާފާޅުކުރަން،" ކަމަށް ވިދާޅުވެ، ޔަގީންކަން ދެއްވައިފައެވެ. https://sun.mv/201682 މި ސަރުކާރު އައި ފަހުން މަޝްރޫއުތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެކަމަކު، ރައީސް މުއިއްޒު މީގެ ކުރިން ވަނީ މި އަހަރާއި އަންނަ އަހަރަކީ މަޝްރޫއުތައް ހިންގާ، ނިންމާނެ ދެ އަހަރު ކަމަށް އިއުލާނުކުރައްވައިފައެވެ. މީގެ ކުރިން އެ މަނިކުފާނު ވަނީ މިދިޔަ އަހަރު މަޝްރޫއުތައް ނުހިންގުނީ އޭރު އޮތް 19 ވަނަ މަޖިލީހުގައި އެމްޑީޕީން ފާސްކުރި ބަޖެޓު އޮތް ގޮތުން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެކަމަކު، މި އަހަރަށް މި ހިނގާ 20ވަނަ މަޖިލީހުން ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓާ އެކު ވެސް މަޝްރޫއުތަކަށް ކުރާ ހޭދަ ވަރަށް ދަަށެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް، މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.8 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެކަމަކު، ރައީސް މުއިއްޒު ވަނީ 2028 ވަނަ އަހަރުގެ ކުރިން ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ