މިތުރާ ގަޔާވެލީ... 26

ރޫބީއަށް ފުންމައިގެން ގޮނޑިން ތެދުވެވުނެވެ. މީގެ ވިހި އަހަރު ކުރިން ރޫބީގެ ހިތް ފަތަހަ ކުރި މީހަކީ ޔަޒްދާނެއް ނޫނެވެ. ރޫބީގެ ކުޑަ ޔަޒްދާންގެ އަތުގައި އޮތަސް، އެދުވަހު ރޫބީ ސަލާމަތްކުރީ ޔަޒްދާންގެ ފުރާނައެއް ނޫނެވެ. އެއީ ކާކުކަން އެނގޭ ވަރަށް ހެކި ފެނި، އެމީހަކާއި އެހާ ކައިރީގައި އެތައް ދުވަހެއް ވޭތުކުރި އިރުވެސް، ރޫބީއަށް އެއީ ކާކުކަމެއް ނޭނގުނެވެ. ރޫބީގެ ދެލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ހުރިހާ ހެއްކެއް ކުރިމަތިން ފެންނަން ހުރެމެ، ރޫބީއަށް އެކައްޗެއްވެސް ނޭނގުނެވެ. ނުވިސްނުނެވެ. ******** "އަހަރެންމީ ވަރަށް ގޯސް މީހެއް ދޯ...." ރޫބީއަށް ވީގޮތް ފެނި ޔަޒްދާނަށް ނެގުނީ ގޯސް މާނައެކެވެ. "އަހަރެން ކަހަލަ މީހަކާއެކީ އެކަކަށްވެސް ރައްކާތެރިކަމެއް ނެތް..." ފަހު ޖުމުލަވީ ޔަޒްދާންގެ ހިތުގައެވެ. އިކާންއަށް ދިމާވި ކަންތަކުން އަމިއްލަ ނަފުސު ކުށްވެރިކުރުމުން އަރައިގަންނަން ޔަޒްދާނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން މީހަކީ ޖަޒްލީއެވެ. އެކަމަކު، ޔަޒްދާނަށް އެހީވުމުގެ ބަދަލެއްގެ ގޮތުން ގެއްލުނީ ޖަޒްލީގެ ފުރާނައެވެ. އޭނާއަށް އެހީވާކަށް މިއަދު ޖަޒްލީއެއް ނެތެވެ. ޔަޒްދާންގެ ސަބަބުން އިބާއަށްވެސް ގެއްލުންވެއްޖެއެވެ. އެހެން މީހުން ބުނާ ފަދައިން ޔަޒްދާނަކީ، ބަދުނަސީބުވެރިއެއް ހެއްޔެވެ؟ ކައިރީގައި ބަހައްޓަން ބޭނުންވާ އެކަކުވެސް ޔަޒްދާނާއި އެކުގައި ނުވަނީ އެ ބަދުނަސީބުކަމުގެ ސަބަބުން ހެއްޔެވެ؟ ޔަޒްދާން ހިތި ގޮތަކަށް ހިންދިރުވައިލިއެވެ. ރޫބީގެ ކަރުނަތަކުން ޔަޒްދާންގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ފަހުވަގުތު ޔަޒްދާންގެ ކައިރީގައި އެކަކުވެސް ނުހުންނާނެއޭ ހީވިއެވެ. ޔަޒްދާން ކުރަމުން އައި ހިތްވަރު އެލުނެވެ. އެންމެން ގެއްލުނު ފަދައިން ރޫބީވެސް ގެއްލޭނެއޭ އޭނާގެ ހިތް ބުންޏެވެ. އިތުރު އެއްޗެއް ބުނާނެ ހިތްވަރު ނެތި، ޔަޒްދާން ދެލޯ މަރައިލިއެވެ. "އިކާން... މިހުރިހާ ދުވަހު އަހަންނަށް އެކަން ނޭނގުނީ ކީއްވެ؟... ހުރިހާ ހެއްކެއް ފެނި، އެއީ އިކާން ކަން ވިސްނާ ނުލެވުނީ ކީއްވެ؟... އަހަރެން އަބަދުވެސް އެހާ މޮޔައީތަ؟...." ރޫބީ އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލު އަމިއްލަ ހިތާއި، ވާހަކަ ދައްކަމުން ދިޔައެވެ. ވޯޑުން ނުކުތް ރޫބީއަށް ފާރުގައި ލެނގިލެވުނެވެ. ހިނގައިދިޔަ ހުރިހާ ކަމެއް ރޫބީގެ ސިކުނޑިއަށް އަންނަމުން ދިޔައެވެ. ވިހި އަހަރުފަހުން އިކާންއާއި ބައްދަލުވީގޮތާއި، އެދުވަހާއި ހަމައަށް ކަންތައްވަމުން އައި ގޮތެވެ. ދެމީހުން އެކަކު އަނެކަކަށް ހާއްސަވި ގޮތެވެ. ކައިވެންޏާއި ހަމައަށް ދިޔަ ގޮތާއި، ރޫބީގެ ހިތުން އިކާނަށް މަގާމެއް ހާއްސަކުރެވުނު ގޮތެވެ. ކަރުނައިގެ ތެރެއިން ރޫބީއަށް ހިނިތުންވެލެވުނެވެ. ދެމީހުންގެ ބައްދަލުވުންތަކަކީ އިއްތިފާގެއް ނޫނެވެ. އެއީ ތަގުދީރުގެ ނިޔާ ހެއްޔެވެ؟ ރޫބީގެ ހިތުން އިކާނަށް ހާއްސަ ގަދަރެއް ދެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ހުރިހާ ކަމެއް ގުޅިފައިވީ ދެމީހުންގެ ހިތި މާޒީއަށެވެ. ރޫބީ ކެތްތެރިކަން ކޮޅުންލައިގެން ދާން އުޅުނެވެ. އޭނާ ފޯނު ނަގައި އިކާންގެ ނަންބަރު ހޯދައިލިއެވެ. "ނަޖާތުގެ ފެމެލީ ކުއްޖެއްތޯ؟..." ދާދި ކައިރިން މީހެއްގެ އަޑު އިވުމުން، ރޫބީ ކުޑަކޮށް ސިހުނެވެ. ރޫބީގެ ކުރިމަތީގައި ހުރީ ނަރުސްކުއްޖެކެވެ. އެކުއްޖާ ހުރީ ފައިލެއް ހިފައިގެންނެވެ. ރޫބީ ބޯޖަހައިލާފައި، ފޯނު ތިރިކޮށްލިއެވެ. ނަރުސްކުއްޖާއަށް ސަމާލުކަން ދިންއިރު، ރޫބީގެ ހިތް ބާރަށް ތެޅެއެވެ. ނަޖާތަށް ކަމެއް ވީ ހެއްޔެވެ؟ "ޕޭޝަންޓް ހޭއަރައިފި... މި ފޯމުގަ ސައިން ބޭނުން..." ނަރުސްކުއްޖާ ފައިލު ދިއްކޮށްލިއެވެ. "ނަޖާ ކިހިނެއް؟ ބައްދަލުކޮށްލެވޭނެތަ؟..." ފައިލުގައި ހިފިއިރު، ރޫބީގެ ހިތް ވަނީ އަވަސްވެފައެވެ. "މިހާރު އަޅުގަނޑުމެން މިއުޅެނީ ޕޭޝަންޓް ވޯޑަށް ބަދަލުކުރަން..." ނަރުސްކުއްޖާ ހިނިތުންވެލިއެވެ. "ޑޮކްޓަރ އިތުރު ތަފްސީލް ދެއްވާނެ..." ******** ފޯނުގެ އިސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިން އިކާންގެ މޫނުން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ފޯނުން ފެންނަން އޮތީ ރޫބީގެ ނަންބަރެވެ. އެ ނަންބަރަށް ގުޅަން އިކާން އެތައް މަސައްކަތެއް ކޮށްފިއެވެ. ނުލިބުނީ ހިތްވަރެކެވެ. އިކާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ފޯނު ބަންޑުންވާހެން މޭޒުމަތީގައި ބޭއްވިއެވެ. "ޔަޒްދާން މަސައްކަތްކުރީ އަޅުގަނޑު ބްލެކްމެއިލް ކޮށްގެން ތި ވީޑިޔޯ ފޮހެލަން... އަޅުގަނޑުގެ އަތުގަ ބެކަޕް ވީޑިޔޯ ބޭއްވީ މިދުވަސް އައިސްދާނެކަން އެނގޭތީ... ރޫބީއާ ޔަޒްދާން ގުޅިގެން އެ މަސައްކަތް ކުރަނީ އިކާންގެ ދިރިއުޅުން ހަލާކުކޮށްލަން... ތި ވީޑިއޯ އިން އެ ދެމީހުންގެ ގުޅުން ވަރަށް ސާފުކޮށް ފެންނަން ތިއޮތީ... ދުނިޔެ މީ ކެހިވެރިން ގިނަ ތަނެއް... އެކަކަށްވެސް އިތުބާރުކުރާ އެއްޗެއް ނޫން..." ނިޝްރީން ދެއްކި ވާހަކަތައް އިކާންގެ ކަންފަތް ކައިރީގައި ގުގުމަމުން ދިޔައެވެ. ނިޝްރީން ފޮނުވި ވީޑިއޯ އިކާނަށް ތަކުރާރުކޮށް ބެލުނެވެ. ޔަޒްދާންގެ އަތްދަނޑިމަތީގައި ރޫބީ އޮތް މަންޒަރު ބަލަން ފަސޭހަނުވި ކަމުގައިވިޔަސް، އިކާނަށް އެކަން ކުރެވުނެވެ. ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. ނިޝްރީން ބުނިހެން ޔަޒްދާނާއި ރޫބީގެ ދެމެދުގައި ގުޅުމެއް ނެތްނަމަ، ޔަޒްދާންގެ އަތްދަނޑިމަތީގައި ރޫބީ އޮންނަންވީ ކީއްވެ ހެއްޔެވެ؟ ގަބޫލުކުރަން ބޭނުންނުވި ކަމުގައިވިޔަސް، ހުދު އިކާންގެ ދެލޮލަށްވެސް ވަނީ ކިތަންމެ މަންޒަރެއް ފެނިފައެވެ. ޔަޒްދާން މަސައްކަތްކުރާ ފަންގިފިލާއިން އެތައް ފަހަރަކު ރޫބީ ފެނުން އެއީ ދެމީހުންގެ މެދުގައި ގުޅުމެއް އޮތްކަމުގެ ހެއްކެކެވެ. ވަކީން ހާއްސަކޮށް އެ ވީޑިއޯ ފޮހެލުމަށް ޔަޒްދާން އެދޭނީ ސިއްރުކުރަން ބޭނުންވާ ކަމެއް އޭގެ ފަހަތުގައި ފޮރުވިފައިވާތީއެވެ. އިކާންގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ދެލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ. އެ ފިނި ތަނުގައިވެސް ނިތްކުރިމަތިން ދާހިއްލާލިއެވެ. ނޭވާ ހާސްވާހެން ހީވެ، އިކާނަށް އޭނާގެ ކަރުގައި އަޅާފައިވާ ޓައީގެ ގޮށަށް ދޫކޮށްލެވުނެވެ. "ރޫބީ!... އަހަރެންގެ ހިތަށް މިހާ ތަދު މިވަނީ ކީއްވެތަ؟..." އިކާން ދެލޯ މަރައިލިއެވެ. "މިތާދޯ ތީނީ... ހާދަ ވަރަކަށް ގުޅައިފީމޭ..." އެތެރެއަށް ވަން މިފްޒާލްގެ މޫނުން ފެންނަން ހުރީ ހާސްކަމެވެ. "ދޭއްޖެހީމަވެސް މިތާ އިންނާނެކަމެއް ނޭނގޭނެއެއްނު.... ފޯނުވެސް އެބައޮތްދޯ ކައިރީގަ..." "ގުޅިކަން ނޭނގުނީ... ކިހިނެއްވީ؟..." އިކާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. މިފްޒާލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިކާންގެ މޭޒު ކައިރިއަށް ހުއްޓުނެވެ. އަތުގައި އޮތް ކަރުދާސްކޮޅު އިކާންގެ މޭޒުމަތީގައި ބޭއްވިއެވެ. "މި ކޯއްޗެއް؟..." ކަރުދާސްކޮޅުގެ ދެފަރާތް ބަލައިލަމުން އިކާން އަހައިލިއެވެ. "އަހަރެންތަ މި ބިލު ދައްކަންވީ؟..." މިފްޒާލް ހައިރާންވެފައި އިކާންގެ އަތުގައި އޮތް ކަރުދާސްކޮޅަށް ބަލައިލިއެވެ. ހާސްވެފައި ހުރިވަރުން އޮޅިގެން މިފްޒާލަށް ދެވުނީ އިބާއާއިއެކު ރެސްޓޯރެންޓްގައި ކެއި ބިލެވެ. މިފްޒާލް އަވަސް އަވަހަށް ބިލު ދަމައިގަތެވެ. ރަނގަޅު ކަރުދާސްކޮޅު ނަގާފައި ދިއްކޮށްލިއެވެ. އޭރު އިކާން އިނީ ފާޑަކަށް ހިނިއައިސްފައެވެ. "ކޮން އަންހެންކުއްޖެއް ގޮވައިގެން އުޅެފަ ތިއައީ؟..." ދިމާކުރާ ރާގަކަށް އިކާން އަހައިލިއެވެ. "ދޭހާ އެއްޗެއް ނުބަލަބަލަ..." މިފްޒާލް ހީގަތެވެ. މިފްޒާލް ދިނީ ބިޒްނަސް ކާޑެކެވެ. އެ ކާޑަށް ބަލައިލި އިކާންގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. ކަރުދާސްކޮޅަށް ބަލައިލިގޮތަށް މިފްޒާލަށް ބަލައިލަން އިކާނަށް މަޖުބޫރުވިއެވެ. "މި ފެންނަނީ ހަމަ ރަނގަޅު ނަމެއްތަ؟... މީ އަހަރެން މި ހީކުރާ ނައީމުގެ ރެސްޓޯރެންޓެއްތަ؟..." އިކާން ދެވަނަ ފަހަރަށް ކާޑަށް ބަލައިލިއެވެ. "އާނ..." މިފްޒާލް ބޯ ޖަހައިލިއެވެ. "އެއީ އެހާ މުއްސަނދި މީހެއްތަ؟..." އިކާންގެ ހައިރާންކަން ފިލައިގެން ނުދެއެވެ. "ދެން ކީއްވެ މިފްޒާލް ބުނެގެން ފައިސާއަށް ކަމެއް ކުރަން އެއްބަސްވީ؟.." "އެގްޒެކްޓްލީ... ތީ އަހަރެންވެސް ހިތަށް އެރި ސުވާލު... އަހަރެންވެސް އަޖައިބުވެފަ މިހުރީ ތިކަމާ..." މިފްޒާލް ގޮނޑިއަށް ވެއްޓިގަތެވެ. "އަހަރެންގެ ހިތެއް ނުބުނޭ އޭނަ ރޫބީއާ އިންނަން އެއްބަސްވީ ހަމައެކަނި ފައިސާއަށޭ...." އިކާން އިނީ ވިސްނަންވީ ގޮތެއްވެސް ނޭނގިފައެވެ. "އޭނަގެ އެހެން ރޭވުމެއްގެ ދަށުން ހިނގި ކަމަކަށް ވާނީ..." "އަހަންނަށްވެސް ކުރިއަކުން ނޭނގެ ނައީމަކީ މިހާ މުއްސަނދި މީހެއް ކަމެއް... އެކަމަކު އަހަރެން މިއައީ މީ ހަމަ އެ ނައީމު ކަން ކޮންފާމްކޮށްގެން... މީ ހަމަ އޭނަގެ ތަނެއް... އިތުރު އެއްކަމެއްވެސް ނުކޮށް އުޅެވޭ ވަރަށް އޭނައަށް މި ރެސްޓޯރެންޓުން އާމްދަނީ ލިބޭނެ...." މިފްޒާލް އިތުރު ތަފްސީލް ދިނެވެ. "އަދި ތިއެއް ނޫނޭ އަސްލު ޕޮއިންޓަކީ... އަސްލު ޕޮއިންޓަކީ، މި ކާޑު ލިބުނު ގޮތެއްނު...." މިފްޒާލް އޭނާއަށް އެ ކާޑު ލިބުނުގޮތް ކިޔައިދިންއިރު، އިކާނަށް ހުރެވުނީ ކޮޅަށް ތެދުވެއެވެ. ފުލުފުލުގައި އެތައް ހަބަރެއް ލިބުމުން އިކާންގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ. ނައީމުގެ ސަބަބުން އިކާން ލޯބިވާ އެންމެންނަށް އަނިޔާ ވަނީއެވެ. އިބާ އެކަން ސިއްރުކުރުމުން، އިކާން ވަކީން ބޮޑަށް ހިތްހަމަނުޖެހުނެވެ. އިކާން ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުން ނުކުމެގެން ދިޔަ ތަން ފެނުމުން، މިފްޒާލަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އިބާ ތަކުރާރުކޮށް އިކާންގެ ކައިރީގައި ނުބުނުމަށް އެދުމުންވެސް މިފްޒާލް އެކަން ކުރީ އިބާއަށް ކުރިމަތިވެދާނެ ކަމަކަށް ނުވިސްނައެވެ. "އަހަރެން ކީއްވެ މި ހާސްވަނީ؟..." ފުރަތަމަ ފަހަރަށް އިބާ އާއި ދޭތެރޭގައި ވިސްނެން ފެށުމުން، މިފްޒާލަށް އޭނާގެ ބޮލުގައި އަތުން ޖަހައިލެވުނެވެ. އަމިއްލަ ނަފުސަށް ބާރުފޯރުވުމަށް ހިތާއިހިތުން އަމުރުކުރިއެވެ. "އިބާ..." ގޭތެރެއަށް ވަދެގެންދިޔަ އިކާންގެ ބާރު އަޑު މުޅި ގޭތެރޭގައި ގުގުމައިލިއެވެ. ކޮޓަރީގައި އުޅުނު ފަލާހާއާއި ނާޝިޒްވެސް ކޮޓަރިން ނުކުމެގެން އައެވެ. އިބާ އޮތީ ކޮޓަރީގައި ހެޑްސެޓް ޖަހައިގެންނެވެ. އޭނާއަށް ހަމަހޭވެރިކަންވީ އިކާން ބާރަށް ދޮރު ހުޅުވައިލުމުންނެވެ. ހެޑްސެޓް ނައްޓާލާފައި، ދޮރާއި ދިމާއަށް ބަލައިލި އިބާއަށް ފުންމައިގެން ތެދުވެވުނެވެ. އިކާން ފެނުމުން، އިބާގެ މޫނުން ފެނުނީ ޖެހިލުންވުމުގެ އަސަރެވެ. އިކާން ހުރިގޮތުން ހުރިހާ ކަމެއް އެނގިއްޖެކަން އިބާއަށް އެނގުނެވެ. "މިފްޒާލް... ޔޫ... އެވަރަށް ނުބުނާށޭ ބުނީމަވެސް..." އިބާއަށް މަޑުމަޑުން ބުނެވުނެވެ. މިފްޒާލް ކަންތައްކުރިގޮތުން ވީދެރައިން އިބާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ތުންފިއްތައިލެވުނެވެ. މިފްޒާލަށް އެއްވެސް ވަރަކަށް އިބާ ހާއްސަނުވާކަމާއި، އިބާއާއި ދޭތެރޭގައި ވިސްނަނީ ކުޑަ ކުއްޖެއްގެ ގޮތަށް ކަން އިބާއަށް ވިސްނުނެވެ. އިކާންގެ ކައިރީގައި ބުނާނަމޭ ބުނި ނަމަވެސް މިފްޒާލް އެހާ އަވަހަށް އެ ހަބަރު އިކާންގެ ކަންފަތާއި ހަމައަށް ގެންގޮސްފާނެކަމަކަށް އިބާ ފަހަރެއްގައިވެސް އުއްމީދެއް ނުކުރެއެވެ. "އިބާ ތީ ކުޑަކުއްޖެކޭ.... މާ ބޮޑު މީހަކަށްވެގެން ތަންތަނަށް ދުވާ ވަރެއް އަދި ނުވެއޭ..." އިކާން ހަޅޭއްލަވައިގަތެވެ. "ކިހިނެއްވީތަ؟...." ފަލާހާ ދުވެފައި ކަހަލަ ގޮތަކަށް އިބާގެ ކޮޓަރިއަށް ވަނެވެ. ކުށްވެރިއެއްހެން އިސްޖަހާލައިގެން އިބާ އިނެވެ. އަމިއްލަ ދިފާއުގައި ބަސްބުނާ އިބާ ހިމޭނުން އިނުމުންވެސް އިކާންގެ ހިތަށް އުނދަގޫވިއެވެ. ފަލާހާއާއި ނާޝިޒް މަންޒަރު ބަލަން ތިބީ އޭގެ ކުރިން ދުވަހަކުވެސް އިކާން އެފަދަ ގޮތަކަށް ރުޅި އައިސްގެން އިބާއާއި ދިމާއަށް ހަޅޭއްލަވާފައިނުވާތީއެވެ. ދެމީހުންގެ އުޅުމުގައި އެތައް ފަރަގެއް ހުރި ނަމަވެސް، އެކަކު އަނެކަކުދެކެ ލޯބިވެއެވެ. "އިބާއަކަށް ނޭނގޭނެއޭ އެ ނައީމަކީ ކިހާ ނުރައްކާތެރި މީހެއް ކަމެއް...." އިކާންގެ ރާގު ބަދަލުވިއެވެ. "ނައީމު....." ފަލާހާ ހައިރާންވެފައި ނާޝިޒަށް ބަލައިލިއެވެ. ނާޝިޒް ދެކޮނޑު އަރުވާލައި، ދައްކާ ވާހަކަ ނޭނގޭ ކަމުގައި ބުނެލިއެވެ. އިކާން އިބާގެ ކައިރީގައި އިށީނދެފައި ކުޑަކޮށް ގުދުވެ، އިބާގެ މޫނަށް ބަލައިލިއެވެ. އިބާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އެއީ އިބާ އެފަދަގޮތަކަށް ރޯތަން އިކާނަށް ފެނުނު ފުރަތަމަ ފަހަރެވެ. އަބަދުވެސް ފިލާ އިނދެ ރޯ އިބާގެ ކެތްތެރިކަން ކޮޅުންލީއެވެ. މާބޮޑަށް ހިތް ޒަހަމުވީއެވެ. ކުޑަ އިރުކޮޅަކުން އިވެންފެށީ އިބާގެ މަޑު ގިސްލުމެއްގެ އަޑެވެ. ފަލާހާ ކުރިއަށް ފިޔަވަޅެއް އަޅައިލުމުން، ނާޝިޒް ފަލާހާ ހުއްޓުވިއެވެ. ލޮލުގެ އިޝާރާތުން އެތަނުން ނުކުތުމަށް އެންގިއެވެ. ދެމީހުން ނުކުމެ، ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. "ދޮންބެ ރުޅި އައިސްގެން ބުނި އެއްޗެއް ނޫނޭ އެއީ... އިބައްކޮއަށް ގެއްލުމެއް ވާން ބޭނުން ނުވާތީ..." އިކާން އޯގާތެރިކަމާއިއެކު އިބާގެ ބޮލުގައި ފިރުމައިލިއެވެ. އިބާ ރޮމުން ރޮމުން، އިކާންގެ ގައިގައި ލައްވެލިއެވެ. ހަގީގަތުގައި އިބާ ދެރަވީ، އިކާން ހަޅޭއްލަވައިގެނެއް ނޫނެވެ. މިފްޒާލް ކަންތައްކުރި ގޮތުންނެވެ. އެހާ ދުވަހު ހިތުގައި ފޮރުވައިގެން އުޅުނު ލޯބި ދޫކޮށްލަންޖެހިދާނެއޭ ފުރަތަމަ ފަހަރަށް ހިތް ބުނުމުންނެވެ. "ދޮންބެއަށް ތިހެން ވާނެކަން... އިބާއަށް... އެނގެއޭ..... ކުރިން ދޮންބެއަށް... އެވަރުގެ ކަމެއް... ދިމާވީމަ ދޮންބެ... އިބާއާ ދޭތެރޭ ވިސްނާނެކަން... އެނގޭތީއޭ މިފްޒާލް... ކައިރީ ނުބުނަން... ބުނެވުނީވެސް..." އިބާ ގިސްލަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. "ދެން ދޮންބެއަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗޭ!..." އިކާން ހަމަޖެހިލިއެވެ. ******** ވޯޑަށް ބަދަލުކުރެވުނު ނަމަވެސް، ނަޖާތު އޮތީ ލޯމަރާލައިގެންނެވެ. ރޫބީ ތަކުރާރުކޮށް ވާހަކަ ދެއްކި ނަމަވެސް ލޯ ހުޅުވާކަށް ނަޖާތު ބޭނުމެއް ނުވިއެވެ. ރޫބީއާއި ކުރިމަތިލާނެ ހިތްވަރެއް ނަޖާތުގެ ގަޔަކު ނެތެވެ. "ސޮރީ ނަޖާ ކައިރީ ނުހުރެވުނީމަ... އަހަރެންގެ ސަބަބުން ނަޖާއަށް މިހެން ދިމާވީ..." ނައީމު ކަންތައްކުރިގޮތުން ރޫބީ ކުށްވެރިކުރީ އަމިއްލަ ނަފުސެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ