މާލޭގެ ގެއެއްގެ ފާރު ވެއްޓި، ޖެހިގެން ހުރި ގޭގެ ބަޔަކު ގޭ ތެރޭގައި ތާށިވެއްޖެ
މާލޭގެ މާފަންނުގައި ހުރި ގެއެއްގެ ފާރު މިއަދު ވެއްޓި، ޖެހިގެން ހުރި ގޭގައި ތިބި ބައެއް މީހުން އެ ގެއިން ބޭރަށް ނުނިކުމެވި ތާށިވެއްޖެއެވެ. 'ސަން'އަށް މައުލޫމާތު ދެމުން އެ ގޭގައި ދިރިއުޅޭ މީހަކު ބުނީ، އޭނާ ދިރިއުޅެނީ މ. ހަވާއީ ގޭގައި ކަމަށާއި ވެއްޓުނު ފާރަކީ ޖެހިގެން ހުރި މ. ތަކަންދޫ ގޭގެ ފާރު ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ފާރު ވެއްޓުނީ މިއަދު ހަވީރު 17:00 ހާއިރެވެ. ހަވާއީ ގޭގެ އެކި ފްލޯތަކުގައި ގާތްގަނޑަކަށް 28 މީހުން ދިރިއުޅޭނެ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރެއިން ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ބުންޏެވެ. އިމާރާތެއް ހަދަމުން ދަނިކޮށް ޖެހިގެން ހުރި ގޭގެ އިންފާރު ވެއްޓިފައި -- އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ގޭގެ އެތެރޭގައި ތިބި މީހުން ބޭރަށް ނުނިކުމެވި، ބޭރުގައި ތިބި މީހުންނަށް އެތެރެއަށް ނުވަދެވި ތާށިވެފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެގޮތުން އޭނާގެ އާއިލާގައި އޭނާ ހިމެނޭ ގޮތަށް ތިބި ތިން މީހުންނަށް ވެސް ގެޔަށް ނުވަދެވިފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި ގޭގެ ބޭރު އިންފާރު އެއްކޮށް ވެއްޓި، އެޕާޓްމަންޓުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ހިފާ ގެންގުޅޭ ސާމާނުތައް ވަނީ ހަލާކުވެފައެވެ. "މިހާރު މިހުރީ ބޭރުގައި އެޕާޓްމަންޓް އެތެރެއަށް ވެސް ނުވަދެވިފައި. އެޕާޓްމަންޓުގެ ބޭރު ބިތް އެއްކޮށް ވެއްޓުނީ. ދެން އެ ދޮރު ހުރީ އެއްކޮށް ބެދިފައި،" އޭނާ ކިޔައިދިނެވެ. އެ ސަރަހައްދުގައި ފުލުހުންނާއި، މާލެ ސިޓީ ކައުންސިލާއި، ސްޓެލްކޯއިން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް އޭނާ ބުންޏެވެ. އިމާރާތެއް ހަދަމުން ދަނިކޮށް ޖެހިގެން ހުރި ގޭގެ އިންފާރު ވެއްޓިފައި -- އޭނާ ބުނި ގޮތުގައި ވެއްޓުނު ފާރަކީ ވަރަށް ދެރަކޮށް ހަދައިފައި ހުރި ފާރެކެވެ. އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި މީހާކަށް އަނިޔާވެދާނެތީ މީގެ ކުރިން ވެސް އެ މައްސަލަ ސިޓީ ކައުންސިލަށާއި ފުލުހުންނަށް ރިޕޯޓުކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މާ ބޮޑު އަޅާލުމެއް އޭރު ނުދިނީތީ މިއަދު ލިބުނީ ބޮޑު ގެއްލުމެކެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ