މައިކްރޮސޮފްޓްގެ އާ ސާފޭސް ލެޕްޓޮޕް 5ޖީ، ބާރުގަދަ އޭއައި ފީޗާތަކަކާއެކު ނެރެފި
ޓެކްނޮލޮޖީގެ މައި ކުންފުނި މައިކްރޮސޮފްޓުން އެ ކުންފުނީގެ އެންމެ ފަހުގެ "ސާފޭސް ލެޕްޓޮޕް 5ޖީ" ދުނިޔޭގެ ބާޒާރަށް ނެރެފިއެވެ. މިއީ މި އަހަރުގެ ކުރީކޮޅު ނެރުނު "ސާފޭސް ލެޕްޓޮޕް 7 ފޯ ބިޒްނަސް"ގެ 5ޖީ ކަނެކްޝަން ލިބޭ ލެޕްޓޮޕެކެވެ. މި ލެޕްޓޮޕްގެ އެންމެ ބޮޑު އެއް ޚާއްސަކަމަކީ، އޭގައި އިންޓެލްގެ އެންމެ ފަހުގެ "ކޯ އަލްޓްރާ 5 ސީރީޒް 2"ގެ ސީޕީޔޫ ބޭނުންކޮށްފައިވުމެވެ. އެމެރިކާގެ ބާޒާރުގައި މި ލެޕްޓޮޕްގެ އަގު ފެށެނީ 1,799.99 ޑޮލަރުންނެވެ. މި އަގަށް ލިބެނީ 16ޖީބީ ރެމް އަދި 256ޖީބީ ސްޓޯރޭޖް ހިމެނޭ މޮޑެލްއެކެވެ. މީގެ އިތުރުން 32ޖީބީ ރެމް ހިމެނޭ މޮޑެލް 2,099.99 ޑޮލަރަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ކަޅު އަދި ޕްލެޓިނަމް ކުލައިން ލިބެން ހުންނަ މި ލެޕްޓޮޕަށް މިހާރު ޕްރީ-އޯޑަރު ކުރެވެން ހުރިއިރު، ރަސްމީކޮށް ވިއްކަން ފަށާނީ އަންނަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހެވެ. މި ލެޕްޓޮޕްގެ 13.8 އިންޗީގެ މޮޑެލްގެ އިތުރުން، 15 އިންޗީގެ ސްކްރީނެއް ހިމެނޭ މޮޑެލްއެއްވެސް މައިކްރޮސޮފްޓުން ފޯރުކޮށްދެއެވެ. ނަމަވެސް އެ މޮޑެލްގެ އަގުތަކާއި އެހެނިހެން ތަފްސީލު ލިބޭނީ ސީދާ މައިކްރޮސޮފްޓްގެ ސޭލްސް ޓީމާ ގުޅައިގެންނެވެ. ލެޕްޓޮޕްގެ ސްކްރީނަކީ 13.8 އިންޗީގެ ޕިކްސެލްސެންސް ފްލޯ ޓަޗްސްކްރީނެކެވެ. 120Hz ގެ ރިފްރެޝް ރޭޓެއް ލިބޭ މި ސްކްރީނަކީ، ޑޮލްބީ ވިޝަން އައިކިއު ސަޕޯޓްކުރާ، އަދި ކޯނިން ގޮރިއްލާ ގްލާސް 5 އިން ރައްކާތެރިކޮށްފައިވާ ސްކްރީނެކެވެ. މި ލެޕްޓޮޕް ރަންކުރަނީ އިންޓެލް ކޯ އަލްޓްރާ 5 ސީރީޒް 2 ގެ ޕްރޮސެސަރަކުންނެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މަސައްކަތްތަކަށް ޚާއްސަކޮށް، ސިކުންތަކު 40 ޓްރިލިއަން އޮޕަރޭޝަން ކުރިއަށްގެންދިޔުމުގެ ގާބިލްކަން ލިބިފައިވާ "އިންޓެލް އޭއައި ބޫސްޓް އެންޕީޔޫ" އެއްވެސް މީގައި ހިމެނެއެވެ. މިއީ "ކޯޕައިލެޓް+ ޕީސީ" އެއްކަމުން، ކީބޯޑުގައި ކޯޕައިލެޓްއަށް ޚާއްސަ 'ކީ' އެއްވެސް ހިމަނާފައިވެއެވެ. ސެކިއުރިޓީއަށް ބަލާއިރު، މައިކްރޮސޮފްޓް ޕްލޫޓަން ޓެކްނޮލޮޖީ، ޓީޕީއެމް 2.0 ޗިޕް އަދި ވިންޑޯޒް ހެލޯ މެދުވެރިކޮށް މޫނު ދައްކައިގެން ލޮގިން ކުރުމުގެ ފަސޭހަވެސް ލިބެއެވެ. މީގެ އިތުރުން ސްމާޓް ކާޑު ރީޑަރެއްވެސް ހިމަނާފައިވެއެވެ. މަލްޓިމީޑިއާ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި، 1080ޕީ ފުލް އެޗްޑީ ކެމެރާއަކާއި، ޑުއަލް ސްޓޫޑިއޯ މައިކްރޮފޯން އަދި ޑޮލްބީ އެޓްމޮސް އޯޑިއޯ ސަޕޯޓްކުރާ އޮމްނިސޮނިކް ސްޕީކަރުތައް ހިމަނާފައިވެއެވެ. ކަނެކްޓިވިޓީއަށް ބަލާއިރު، ދެ ޔޫއެސްބީ-ސީ ޕޯޓް (ތަންޑަރބޯލްޓް 4 އާއެކު)، އެއް ޔޫއެސްބީ-އޭ ޕޯޓް، ހެޑްފޯން ޖެކް އަދި ސާފޭސް ކަނެކްޓް ޕޯޓެއް ހިމެނެއެވެ. ވައި-ފައި 7، ބްލޫޓޫތު 5.4 އަދި 5ޖީ ކަނެކްޝަން މި ލެޕްޓޮޕަށް ލިބެއެވެ. މި ލެޕްޓޮޕްގެ ބަރުދަނަކީ 1.39 ކިލޯގްރާމެވެ. އޭގައި ހިމެނޭ 54Whގެ ބެޓެރީން އެއް ފަހަރު ޗާޖުކޮށްގެން 20 ގަޑިއިރާ ހަމައަށް ވީޑިއޯ ބެލޭނެ ކަމަށާއި، 12 ގަޑިއިރާ ހަމައަށް ވެބް ބްރައުޒް ކުރެވޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ