އަމާޒަކީ ކުދި ވިޔަފާރިތަކަށް ދޭ ޑޮލަރު 50 އިންސައްތައަށް އިތުރުކުރުން: އެމްއެމްއޭ
މިދިޔަ މަހު 30ގެ ނިޔަލަށް ބޭންކްތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށާއި އެހެންވެ އަމާޒަކީ ކުދި ވިޔަފާރިތަކަށްދޭ ޑޮލަރުގެ ނިސްބަތް 50 އިންސައްތައަށް ބޮޑުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ބުނެފިއެވެ. އާންމުންނަށް ޑޮލަރުގެ ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 20.20 އާ ހަމައަށް އުފުލިފައެވެ. އެމްއެމްއޭއިން މިއަދު ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިދިޔަ މަހުގެ 30އާ ހަމައަށް ބޭންކްތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން، 60 އިންސައްތަ ނަގާފައިވަނީ އެމްއެމްއޭއަށެވެ. އެ ފައިސާއިން ޖޫން މަހުގެ ނިޔަލަށް 88 މިލިއަން ޑޮލަރު ވަނީ ލޯނުތައް ދައްކަން ޚަރަދުކޮށްފައެވެ. އަދި، ޖޫން މަހު 174 މިލިއަން ޑޮލަރު ވަނީ ލޯނުތައް ދައްކަން ޚަރަދުކޮށްފައެވެ. އަދި، މި އަހަރު ދައްކަންޖެހޭ ބޮންޑަށް 27.5 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. https://sun.mv/208471 މަރުކަޒީ ބޭންކްގެ އޮފިޝަލަކު ވިދާޅުވީ، ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 އިންސައްތައިގައި ކަމަށެވެ. "ނަމަވެސް އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުން،" އޭނާ ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކިން ނިޒާމަށް އެތެރެވާ އަދަދުގެ ތެރެއިން ބޭންކްތަކަށް މާރުކުރާ މިންވަރު މިދިޔަ ހަތަރު އަހަރު ވެސް ހުރީ ގާތްގަނޑަކަށް 10 އިންސައްތައިގައެވެ. އެކަމަކު، ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު މި އަހަރު އެ އަދަދު ހުރީ 20 އިންސައްތައިގައި ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/208618 މިދިޔަ ޑިސެންބަރު 12 ގައި ތަސްދީގުކުރި ބޭރު ފައިސާގެ ގާނޫނާ އެކު ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު ދިވެހި ބޭންކްތަކަށް މާރުކުރަން ޖެހެއެވެ. އަދި، ގެސްޓްހައުސްތަކުން ވެސް އެ އިންސައްތަ ނުވަތަ ބޮލަކަށް 25 ޑޮލަރު މާރުކުރަން ޖެހެއެވެ. މީގެ އިތުރުން، ބޭންކްތަކަށް މާރުކުރާ ބޭރު ފައިސާގެ 60 އިންސައްތަ ނަގަމުން އައިސް އެމްއެމްއޭއިން ވަނީ އެ އަދަދު 90 އިންސައްތައަށް އިތުރުކޮށްފައެވެ. އެމްއެމްއޭއިން ބުނީ، ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކާ ޑޮލަރުގެ އަދަދު ވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 14 އިންސައްތަ އިތުރުވެފައި ކަމަށެވެ. ބޭރު ފައިސާ ލިބުން ދަތިވެފައިވާއިރު ޑޮލަރުގެ އަގު ވަނީ ކަޅު ބާޒާރުގައި ރިކޯޑު އަދަދަކަށް އުފުލިފައެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ 19.90 ރުފިޔާއާއި 20.20 ރުފިޔާއާ ދެމެދުގައެވެ. އެމްއެމްއޭއަށް ނަގައި ޑޮލަރުގެ އިންސައްތަ ބޮޑުކުރިއިރު ރާއްޖޭން މި އަހަރު ދަރަންޏަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހެއެވެ. އަދި، އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ