އެމްއެމްއޭގެ ކުންފުނި, "ޕޭމަންޓް މޯލްޑިވްސް" އުފައްދަން ގާނޫނަށް ގެންނަ ބަދަލު ފާސްކޮށްފި އެމްއެމްއޭގެ ކުންފުނި, "ޕޭމަންޓް މޯލްޑިވްސް" އުފައްދަން ގާނޫނަށް ގެންނަ ބަދަލު ފާސްކޮށްފި

މޯލްޑިވްސް ޕަނިޓަރީ އޮތޯރިޓީއިން އުފައްދަން ނިންމާފައިވާ "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމަށް މަގުފަހި ކުރުމުގެ ގޮތުން 2021 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި މި ބިލު ފާސްކުރީ 63 މެންބަރުންގެ ވޯޓާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވި މެންބަރަކު ނެތްއިރު ވަކިކޮޅަށް ނުޖެހި ދެ މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު އެވެ. ޖުމުލަ 12 ބާބު ހިމެނޭ 66 މާއްދާގެ މި ގާނޫނުން މި ސަރުކާރުން އިސްލާހުކުރަން ހުށަހެޅީ ދެ މާއްދާއެކެވެ. ކޮމިޓީ މަރުހަލާގައި މާ ބޮޑު ބަދަލެއް ބިލަށް ގެނެސްފައި ނުވެ އެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު މިވަގުތު ރާއްޖޭގައި އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަލަހައްޓާ "ފަވަރަ" ޕޭމަންޓް ސިސްޓަމެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމް ހިންގުމަށް ނުވަތަ އެފަދަ ހިދުމަތެއް ދިނުމަށް އެމްއެމްއޭއަށް ކުންފުންޏެއް އުފައްދައި ނުވަތަ އެފަދަ ކުންފުންޏެއްގެ ހިއްސާދާރަކަށް ވެވޭނެ އެވެ. އޭގެ އިތުރުން، އެމްއެމްއޭއިން ދޫކުރާ ލައިސެންސް އަދި ހުއްދަ ނެތި ޕޭމަންޓް ސިސްޓަމެއް ހިންގައި ނުވަތަ އެފަދަ ހިދުމަތެއް ދޭ ކަމަށް ދައްކައިގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ހިމަނަން ވަނީ ހުށަހަޅާފަ އެވެ.
އެ އޮތޯރިޓީން އިސްނަގައިގެން 2023 ވަނަ އަހަރު ތައާރަފުކުރި "ފަވަރަ" ޕޭމެންޓް ސިސްޓަމް ފަދަ ރީޓެއިލް ޕޭމެންޓް ސިސްޓަމްގެ ހިންގުން ހަރުދަނާ ކުރުމާއި އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޖޫން މަހު ފޮނުވި ސިޓީއެއްގަ އެވެ.
އެމްއެމްއޭއިން ބުނީ އެ ކުންފުނި ހިންގާނީ އެމްއެމްއޭގެ މަސްއޫލިއައްޔަތުތަކާއި މުޅީން ވަކީން ވަކި މެނޭޖުމެންޓެއްގެ ތެރެއިން ކަމަށެވެ. ގާނޫނު ބަދަލުކުރުމަށް ފަހު އެ ކުންފުނި އެކުލަވާލާނީ ސަރުކާރުގެ ހިއްސާ އާއެކު ކަމަށް ބެލެވެ އެވެ.
ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން މިހާރު ލިބެން ހުންނަ ހިދުމަތްތަކަކީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވާލުމާއި، ރިކުއެސްޓް ޓު ޕޭގެ ހިދުމަތާއި، ފައިސާ ފޮނުވެނީ ރަނގަޅު މީހަކަށްތޯ ޔަގީންކުރުމަށް އެކައުންޓް ވެރިފިކޭޝަންގެ ހިދުމަތުގެ އިތުރުން، ޔޫސާ އައިޑެންޓިފިކޭޝަން އަށް ފަސޭހަ ސްމާޓް އެޑްރެސިންގެ ހިދުމަތެވެ.
ސްމާޓް އެޑްރެސިންގެ ހިދުމަތާއެކު ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން ފަވަރަ އޭލިއަސް އެއް ރަޖިސްޓްރީކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.
މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް މީގެ ކުރިން އެމްއެމްއޭއިން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ