ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި: ރައީސް ނަޝީދު
ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ދައުލަތުގެ ދަރަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން އެމްޑީޕީއާ ގުޅުމަށް ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި މިހާރު ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %120ގައިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދިވެހި ދައުލަތުގެ ދަރަނި ކަމަށެވެ."އަޅުގަނޑު އެންމެ ފަހުން ބަލައިލިއިރު ދައުލަތުގެ ގްރޮސް ރިޒާވް ހުރީ 813 މިލިއަން [ޑޮލަރު]ގައި. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނިގެން. އެހެންވީމަ ހަގީގަތުގައި ބޭންކުގައި އެއްޗެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.މި އަންނަ އަހަރު އެ ދަރަނި ދައްކަން ޖެހޭއިރު، ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް މަސައްކަތަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އެ މައުލޫމާތާއި ވަމުންދާ ގޮތް އޮޅުންފިލުވައިދިނުމެވެ. އެއީ، ނަޝީދު ވިދާޅުވި ގޮތުގައި، "ކޮން އިރަކު، ކޮން ފައިސާއެއް، ކޮން ތަނަކުންތޯ އަޅުގަނޑުމެން ދައްކަން އޮތީ" ބުނެދިނުމެވެ.ދަރަންޏާ ހުރެ އާންމުންނަށް ކޮންމެ ދުވަހަކު ދިމާވަމުން އަންނަ އުނދަގޫތައް ވެސް ނަޝީދު ވަނީ ހިއްސާކުރައްވާފަ އެވެ."ޑޮލަރުގެ އަގު 19.40ރ.އަށް އަރާ ހިނގައްޖެ. އެހެންވީމަ ފިޔާ ކިލޯއެއް، އަލުވި ކިލޯއެއް، މުގު ކިލޯއެއް، ހަނޑޫ ކިލޯއެއްގެ އަގު އަރައިގެން ގޮސް ހުންނާނެ ތަން...،" މިހާރު ހާލަތު ހުރި ގޮތާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ހޯދައިދޭން ވެއްޖެ އެވެ. ވިދާޅުވީ، ރާއްޖޭގައި ތަނަވަސްކަމާ އެކީ އުޅެވޭނެ މަގެއް ހޯދެން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ