ދަރަނި ދައްކާފައި ވަނިކޮށް ސިނާންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓްގައި މާދަމާ ފަށަނީ

ދަރަންޏެއް ސާބިތުުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓްގައި ފަށަން މާދަމާ ނިންމައިފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ އަހަރެއް ކުރިން ވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރު, ސިނާންއާއެކު އަހުމަދު ވަހީދާއި މުހައްމަދު ސަލީމް، މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ އޮތް މައްސަލައެއް ބަލާފަ އެވެ. 
މި ތިން މީހުންނާ ދެކޮޅަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ނިމިދިޔަ އަހަރުގެ ޖުލައި 21 ގައި އެމްއައިބީން ކުރި ދައުވާ, އެ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ. މައްސަލަ ނިމުނީ އެމްއައިބީ ކޮޅަށެވެ.
ކޯޓުން ވަނީ ނުދެއްކި ހުރި ލޯނު ދެއްކުމާއި ޖޫރިމަނާގެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި އެމްއައިބީއަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. 
އެ ފައިސާ ނުދައްކާ އޮތުމުން ވަކީލު ގާލިބު ސަލީމް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފަ އެވެ. އެ މައްސަލަ ކޯޓުން ބަލައިގަތީ މާޗް މަހުގެ ނުވަވަނަ ދުވަހު އެވެ. މައްސަލަ ހުށައަޅާފައި ވަނިކޮށް ސިނާން ވަނީ އެއް ފަހަރާ އެ ފައިސާ ދައްކާ ދަރަނި ހަލާސް ކޮށްފަ އެވެ. 
ސުޕްރީމް ކޯޓުން މިހާރު ވަނީ މައްސަލަ މާދަމާ ފެށުމަށް ތާވަލުކޮށްފަ އެވެ. މައްސަލަ ބަލަނީ ކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ގާނޫނު ބުނާ ގޮތުގައި މަޖިލީސް މެންބަރެއް އިންތިހާބުގެ ކުރިން ނުވަތަ މެންބަރުކަމަށް ވަޑައިގަތުމަށްފަހު ދަރަންޏެއް ނުދައްކާހުރިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. ނިމިދިޔަ އޭޕްރީލްގައި ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާން ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު އަސްލަމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ