ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމު ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އާއެކު ޖުމުލަ 8 އެއްބަސްވުމެއްގައި މިއަދު ދެ ގައުމުން ސޮއިކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުގައި މި އެއްބަސްވުންތައް ބަދަލުކުރީ މިއަދު މެންދުރު ފަހު، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުގެ އިތުރުން ދެ ގައުމުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެފްޓީއޭ އާއި އެލްއޯސީގެ އެއްބަސްވުމުގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ހަމަޖައްސާފައި އޮތް 800 މިލިއަން ޑޮލަރުގެ އެލްއޯސީގެ ތެރެއިން ބޭނުންކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ވެސް ސޮއިކުރި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން އެ ވެރިކަމުގައި ހަމަޖެހުނު 800 މިލިއަން ޑޮލަރުގެ އެލްއޯސީގެ ތެރެއިން ބޭނުން ނުކޮށް 450 މިލިއަން ޑޮލަރު ހުންނާނެ އެވެ.
ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި އެހެން އެއްބަސްވުންތަކުގެ ތެރޭގައި މަސްވެރިކަމާއި ދިރޭ މަސް އާލާކުރުމާއި، މޫސުމާއި ތިމާވެށި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ދާއިރާއިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ އެއްބަސްވުން އަދި އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ފަށަން އެމްއެމްއޭއާ ސޮއިކުރި އެއްބަސްވުން ހިމެނެ އެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މީގެ ކުރިން ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގޮތަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ގައުމެއްގެ ފުރަތަމަ ވެރިޔާއަށެވެ.
މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ދެއްވި ދައުވަތަށެވެ.
އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ ކުރި އިންޑިއާ އައުޓު ކެމްޕޭނުން ތާއިދު ހޯއްދަަވައިގެން މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ ދުރުކޮށްލައި، ޗައިނާ އާއި ތުރުކީ އާއި ގާތް ގުޅުމެއް ބާއްވައި، އިންޑިއާ އަށް ބަދު ބަސްތައް ސީދާ މުއިއްޒު ވެސް ރައްދު ކުރައްވާފައިވެ އެވެ.
ނަމަވެސް މޯދީ އަށް މިއަދު މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލްގައި ހުށަހެޅި ލަވައިގައި އިންޑިއާކަީ "ދީލަތި، ވަފާތެރިއެއް" ކަމަށް ބުނެފައިވެ އެވެ.
އިންޑިއާއެކު 8 އެއްބަސްވުމެއް: 565 މިލިއަން ޑޮލަރުގެ އެލްއޯސީ އާއި އެފްޓީއޭ ހިމެނޭ އިންޑިއާއެކު 8 އެއްބަސްވުމެއް: 565 މިލިއަން ޑޮލަރުގެ އެލްއޯސީ އާއި އެފްޓީއޭ ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ