މިނިވަން ދުވަހު ހިތުގައި އުފެދޭ އުދާސްތަކާއި ގިނަވާ ކަރުނަތައް

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހެނދުނު ހައެއް ޖެހުމާ އެކު، ޖުމްހޫރީ މައިދާނުގެ ބިިޔަ ދިދަ އެ ނެގީ ރަސްމީ އިއްޒަތުގަ އެވެ. ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވެރިން އެ ތިއްބެވީ އުފަލުންނެވެ.
މާދަމާ ހެނދުނު މިނިވަން ދުވަހުގެ ބޮޑު ޖަލްސާ އޮންނާނެ އެވެ. އޭގައި ރައީސް މުއިއްޒު ޔަގީނުން ވެސް ގައުމުގެ މިނިވަންކަމުގެ ތާރީހާއި ދިވެހި ރަސްރަސްކަލުންނާއި ރައީސުންނަށް ޝުކުރު އަދާކުރައްވާނެ އެވެ. މާޒީގެ ބައެއް ސަފުހާތައް ހުޅުއްވާލައްވައި، ގައުމުގެ މިނިވަންކަމަށް ދިވެހި ކާބަފައިން އޮހޮރުވި ލެ އާއި ކުރެއްވި މަސައްކަތްތައް، ފަށުއި އިބާރާތްތަކުން އެކުލަވާފައި އޮތް ތަގުރީރުގައި ވިދާޅުވާނެ އެވެ.
ރޫޓުމާޗާއި ފުޅަނދު ބުރުން އާންމު ދިވެހިންނަށް އުފާވެރިކަން ގެނެސްދޭނެ އެވެ. މި އަހަރުގެ މިނިވަން ދުވަހުގެ އެންމެ ހާއްސަ ކަމަކަށް އޮންނާނީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމެވެ. އެ އުފާވެރި ރަސްމިއްޔާތުގެ ކުލަތައް ޖައްވު ތެރެއަށް އަރައިގެން ދާނީ ހަވާތަކެއްގެ ގޮތުގަ އެވެ. މާލެ ސަރަހައްދުގެ އެކި ހިސާބުތަކަށް، އެއް ވަގުތެއްގައި، ހަ މިނިޓަށް، އެ ކުލަ މަޖާގަނޑާއި އަޑުފައްގަނޑު ފެތުރިގެންދާނެ އެވެ.
އުފާވާންވީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ، އާއެނކެވެ، މާޒީގައި އަޅުގަނޑު އުފާވީމެވެ.
މިނިވަންކަމުގެ ރިހި ޔޫބީލް 1990ގައި ފާހަގަކުރީ އަޅުގަނޑަށް 20 އަހަރު ނުފުރެނީހެވެ. ކުލަ ބޮކިތަކުން ފުރަތަމަ ފަހަރަށް މުޅި މާލެ ދިއްލައިލީ އެ މުނާސަބަތަށެވެ. އެއީ ފަގީރު ގައުމެއްގެ ސިފައިން މަޑުމަޑުން ނެއްޓި، މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގެ ތެރެއަށް ވަންނަން ރާއްޖެއިން ދަތުރުކުރަމުން އައި ދުވަސްވަރެވެ.
އޭރު ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަމުން އައީ އެންމެން އަމިއްލައަށް މަސައްކަތްކޮށްގެންނެވެ. ލިބޭ އެއްޗަކުން ފުއްދައިގެންނެވެ. ނެތް ފެންވަރެއްގެ މައްޗަށް ދިރިއުޅުން ބިނައެއް ނުކުރެ އެވެ. ނުދަރައި އުޅުމަށް ވުރެ ބޮޑު އުފަލެއް ނެތެވެ.
މިނިވަންކަމުގެ ރަން ޔޫބީލް 2015ގައި ފާހަގަކުރި އިރު ވެސް ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިނެވެ. އާ ޑިމޮކްރަސީގެ ހަމަނުޖެހުންކުގައި ސިޔާސީ ބައެއް ލީޑަރުން ޖަލުގައި ތިއްބެވިޔަސް، ގައުމުގެ މުޅި ހާލަތާ މެދު ކަންބޮޑުވާ ހިސާބަށް ގޮސް، ގިނަ މީހުންގެ ހިތުން މިނިވަން ދުވަހުގެ އުފާވެރިން ކައްސައެއް ނުލަ އެވެ.
އެކަމަކު އޭގެ ދެ މަސް ފަހުން، ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި 'ފިނިފެންމާ' ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހިސާބުން ރައްޔިތުންނަށް ފަޅާއެރި މުޅިން އެހެން އެއްޗެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތެވެ. ގައުމުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސަރުކާރުގެ މަގާމުތަކުގައި ތިބި އެހެން ބައެއް މީހުންގެ އަތްމަތި ތަނަވަސްކުރުން ގުޅިފައި އޮތީ ދައުލަތުގެ މުދަލާއި ފައިސާގެ ތެރެއިން ވައްކަންކޮށްގެން ކަން ރައްޔިތުންނަށް ޔަގީންވީ އެވެ.
އޭރު ދައުލަތުގެ ދަރަނި ބޮޑުވުމުގެ ދޮރު ހުޅުވާލައިފި އެވެ. ޗައިނާއިން ލިބެން ހުރި ފަސޭހަ ފައިސާއިން ބޮޑެތި މަޝްރޫއުތައް އެކުލަވާލި އެވެ. އަޅުގަނޑު އެއްބަސްވަމެވެ.  ބޯހިޔާވަހިކަމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެހެންކަމުން މާލެ ސަރަހައްދުގައި، އޭގެ ކުރިން އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްެރޫއުތައް ހިންގުމަކީ، އެތައް ހާސް ބައެއްގެ ދިރިއުޅުމަށް ގެެނެސްދިން ފަހިކަމެކެވެ.
ނަމަވެސް ބޮޑުވާ ކޮންމެ ދަރަންޏަކާ އެކު 'ދަރަނި ފުޅި' ވެސް ފުރެމުން އަންނާނެ އެވެ. އެ ފުޅި ފުރޭ ހިސާބެއް ވެސް އޮންނާނެތާ އެވެ. އެއަށް އޮބިނޯވެގެން ފުޅި ތެޅޭ ދުވަހާ ކުރިމަތިލުން ވެސް އޮންނާނީ ކައިރީގަ އެވެ.
މިއަދު ރާއްޖޭގެ ދަރަނީގެ ފުޅި، ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން، ފުރިއްޖެ އެވެ. ބިޔަ މަޝްރޫއުތަކުން ލިއެލި ޔާމީންގެ ވެރިކަން ނިމުނު އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން %77 ގައި ހުރި ގައުމީ ދަރަނި، މިދިއަ އަހަރު ނިމުނު އިރު، އެ ހުރީ %126އަށް އަރައިފަ އެވެ. ފައިސާގެ ގޮތުން ބަލާ ނަމަ އެއީ 67 ބިލިއަން ރުފިޔާއިން 130 ބިލިއަން ރުފިޔާއަށް އިތުރުވި އިތުރުވުމެކެވެ.
136 ބިލިއަން ރުފިޔާ (ދައުލަތުން ދިން ގެރެންޓީތަކާ އެކު)
އެތެރޭގެ ދަރަނި: 80 ބިލިއަން ރުފިޔާ
ބޭރުގެ ދަރަނި: 43 ބިލިއަން ރުފިޔާ
ގެރެންޓީ ދިން: 13 ބިލިއަން ރުފިޔާ
ޔާމީންގެ ސަރުކާރުގައި މަޝްރޫއުތަކަށް ފައިސާ ދިނީ ޗައިނާއިންނެވެ. ދެން އައި އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެނބުރުނީ އިންޑިއާ ކޮޅަށެވެ. އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަން ބޮޑުވުމުން ރާއްޖެ ކޮންޓްރޯލްކުރާނެ ފޮރިން ޕޮލިސީތައް، ތަޖުރިބާކާރުން އެ ތިބީ ހަދަހަދަ އެވެ. އެހެންކަމުން މިއަދު މިއީ ރާއްޖެއަށް މިނިވަންކަން ލިބުނު އިރު ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރާއި، އޭގެ ފަހުން އިންޑިއާ އާއި ޗައިނާއިން ދުނިޔޭގެ އިގުތިސާދީ އަދި އަސްކަރީ ބާރުތަކަށް ވުމުގެ ކުރިން، ރައީސް މައުމޫންގެ ދިގު ވެރިކަމުގައި ހޭދަކުރި ކަހަލަ ދުވަސްވަރެއް ވެސް ނޫންމެ އެވެ.
ލޮބުވެތި ދިވެހިންނޭވެ! ދުނިޔެ ބަދަލުވެއްޖެ އެވެ.
ގައުމުތަކުން ތަރައްގީ ބޭނުންވެ އެވެ. އެކަމަކު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ވާހަކަ ދެއްކުން ފިޔަވައި، ގައުމުތަކަށް ބޭނުންވާ އުމުރާނީ ބޮޑެތި މަޝްރޫއުތަކަށް ފައިސާއެއް ނުދެ އެވެ. އެކަން ޗައިނާއަށް އެނގެ އެވެ. އެހެންކަމުން ޗައިނާއިން ދުނިޔޭގެ ފޮރިން ޕޮލިސީގެ ސަފުހާތައް ލިޔަން ފެށީ ތަރައްގީވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކަށް ފައިސާ އޮއްސައިގެންނެވެ. ބިޔަ މަޝްރޫއުތަކުގެ ތެރެއިންނެވެ.
ޗައިނާއިން އެތައް ގައުމެއްގެ ސަރުކާރުގެ ރުހުން ހޯދަމުން އިންޑިއާ ކަނޑުގެ ކޮންޓްރޯލް ނަގަން ދޫކޮށްލައިގެން ތިބެވޭ ވަރަށް ވުރެ އިންޑިއާ ވެސް ވަރުގަދަވެއްޖެ އެވެ. ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުތަކުގެ ލިސްޓްގައި މިއަދު އިންޑިއާ އެ އޮތީ ފަސް ވަނާގަ އެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޖަޕާނާއި ޖަރުމަން ފަހަތަށް ޖައްސާލައި، ތިން ވަނައަށް އަރާނެ ކަމަށް، އިގުތިސާދީ ލަފާކުރުންތަކުން ދައްކަ އެވެ.
ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ކްރެޑިޓް ލައިން ފެސިލިޓީގައި 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހަމަޖައްސައިދިނެވެ. ބޮޑު އަދަދެކެވެ. 
މިއަދު މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ ހާއްސަ މެހެމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިއްޔެ އެމަނިކުފާނާއި ރައީސް މުއިއްޒުގެ ހާޒިރުގައި އިންޑިއާގެ އެތައް އެހީއެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ. އޭގެ ތެރޭގައި ކްރެޑިޓް ލައިން ފެސިލިޓީއަށް 565 މިލިއަން ޑޮލަރު އިތުރުކުރުން ހިމެނެ އެވެ.
ލޮބުވެތި ދިވެހިންނޭވެ!
ދައުލަތުން ގެރެންޓީ ދިން ލޯނުތަކުގެ ބަދަލުގައި ސީދާ ދައުލަތުން ޒިންމާ ނަގަން ޖެހޭނެ ކަމަށް މިހާރު ފެންނަން އޮތް ގާތްގަނޑަކަށް 123 ބިލިއަން ރުފިޔާއަކީ، މި ވަގުތު ދިވެހިންގެ އާބާދީގެ 321،000 މީހުންނަށް ބަހާލައިފި ނަމަ ބޮލަކަށް 383،177ރ. ޖެހޭ އަދަދެކެވެ. މަހަކު އެވްރެޖްކޮށް 10،500ރ.ގެ އާމްދަނީއެއް ލިބޭ މީހެއް ނަމަ އެއީ ތިން އަހަރު ދުވަހުގެ މުސާރައަށް ވުރެ ވެސް ބޮޑު މިންވަރެކެވެ.
އާއެނކެވެ. ލޯނުތަކުން ގައުމަށް ލިބޭ ފައިދާ އާއި ގެއްލުން މި ގޮތަށް ޖަހާލައި އަދަދުތަކަކުން އަދިއެއް ނޭނގޭނެ އެވެ. ފައިދާއެއް ވާ ނަމަ އެއްގޮތަކީ ދައުލަތުން ނަގާ ލޯނުތައް ދެއްކުމުގެ ޒިންމާ އެޅޭ އެންމެން ވެސް އެކަން ދަނެ، އަމަލްކުރުމެވެ. ނަމަވެސް ހިތާމައަކީ އާންމު ގިނަ ދިވެހިން ވެސް އެކަމެއް ނުދަނެ އެވެ. އޭގެ މިސާލު އެޗުޑީސީގެ ހިސާބުތަކުން އެ އޮތީ ފެންނާށެވެ. މާލެ ސަރަހައްދުގައި ހިންގި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކުގައި ފްލެޓް ލިބުނު ގިނަ މީހުން ކުއްޔެއް ނުދައްކަ އެވެ. ނަތީޖާއަކީ މިހާތަނަށް އެޗުޑީސީއަށް ނުލިބި 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތުމެވެ.
އޭގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ފްލެޓް ނުލިބޭ ދިވެހިންގެ ހައްގުތަކަށް ވެސް އަރައިގަނެވެނީ އެވެ. އެއް ބަޔަކު ބޮޑު ކުލީގައި ދިރިއުޅެން ހޭބޯނާރާ މަސައްކަތުގަ އެވެ. އަނެއް ބަޔަކު ކުޑަ ކުލީގައި ފްލެޓް ލިބުމުން ވެސް އެ ކުލި ނުދައްކައި، ދައުލަތަށް ބުރަ ޖައްސަނީ އެވެ.
ލޮބުވެތި ދިވެހިންނޭވެ! މިއީ އެއްވެސް ގޮތަކުން ހަމައެއް ކަމަކަށް ގަބޫލެއްނުކުރެވެ އެވެ.
މިހާ ހިސާބަށް ގައުމު މި ވެއްޓުނީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތެވެ. އެއް ސަބަބަކީ ސިޔާސީ މީހުންގެ ދޮގުތަކާއި އެ ދޮގުތަކުގައި ދިވެހިން ޖެހުމެވެ. އަނެއް ސަބަބަކީ ދައުލަތުގެ ތެރޭގައި ހިޔާނާތް ބޮޑުވުމެވެ.
ކޮންމެ މަޝްރޫއުއެއްގެ މޫނުމައްޗަކީ ދިވެހި ރައްޔިތުންނެވެ. އެކަމަކު އެ މޫނުމަތީގެ ފަހަތުގައި އޮންނަނީ ވީހާވެސް ބޮޑު މަންފާއެއް ސިޔާސީ އެކި ވެރިން ހޯދުމެވެ. އެ ނާޖާއިޒު މަންފާއާ ހެދި މަޝްރޫއުތަކުގެ އަސްލު އަގަށް ވުރެ އެތައް ތަނެއް ބޮޑުވެ އެވެ. މިއީ ފޮރުވިގެން ތިބެ ހިންގާ، އެކަމަކު މިހާރު އެންމެންނަށް ވެސް އެނގޭ، ހިޔާނާތުގެ ސިލްސިލާއެކެވެ.
މިނިވަން ދުވަހުގެ އުފާ ލިބޭ ހެއްޔެވެ؟ ނޫނެކެވެ. އަޅުގަނޑަކަށް ނުލިބެ އެވެ. މިއީ އަޅުގަނޑު އުއްމީދު ކުރި ދިވެހި ގައުމެއް ނޫނެވެ. އަޅުގަނޑުގެ ވިސްނުމުގައި އޮތީ ތެދުވެރި ވެރިންތަކެއް ލިބި، ހިޔާނާތް ކުޑަ، އިންސާފުވެރި ގައުމެކެވެ. އެފަދަ ގައުމެއް ނަމަ މިހާރު މި އޮތް ވަރަށް ނުދަރައި ވެސް ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދެވުނީހެވެ. 
މިއީ އަޅުގަނޑު އުއްމީދުކުރި ކަހަލަ ދިވެހި ރައްޔިތުންނެއް ވެސް ނޫންމެ އެވެ. އަޅުގަނޑު އުއްމީދުކުރީ އެންމެން ވެސް ގައުމުގެ ތަރައްގީ އާއި އަމިއްލަ ދިރިއުޅުން ކޮޅަށް ޖަހަން ބުރަކޮށް މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް މި ފެންނަނީ ގިނަ މީހުން ހިހޫތަނުން ކާލައިގެން، ސަރުކާރަށް ސަލާން ޖަހާ ތަނެވެ. ހާލަތު ހުރި ގޮތުން ދައުލަތަށް ދެވެން ނެތް ނުވަތަ ދަރަނި ނަގައިގެން ނޫން ގޮތަކަށް ހޯދެން ވެސް ނެތް އެއްޗެއް ލިބިގަންނަން އަޑުއުފުލާ ތަނެވެ.
ސަރުކާރެވެ. ނޫނެކެވެ: ތިމަންނަމެން އިހަށް މަޑުކޮށްލަފާނަމެވެ. ކެތްތެރިވެލާނަމެވެ. ގައުމުގެ ހާލަތު ކޮޅަށް ޖަހާލަދޭށެވެ! އެހެން ބުނާނެ ދިވެއްސަކު ނުފެނެ އެވެ. 
މިވެނި ކަމެއް ކުރެވޭކަށް މިވަގުތު ނެތޭ ބުނުމުގެ ހިތްވަރެއް ސަރުކާރުގެ ނެތެވެ. އެއަށް ވުރެ ބޮޑަށް ރައްޔިތުންނަށް އޮތީ ވައުދުތައް ވެފަ އެވެ. ނުވަތަ އޮޅުވާލައިފަ އެވެ.
ތިމަންނަމެން ބޭނުންވަނީ މި ހާލަތުން ގައުމު އަރައިގަންނާނެ ފުރުސަތު ސަރުކާރަށް ދޭށޭ ބުނެލަން ކެރޭނެ އިދިކޮޅު ޕާޓީތަކާއި އިދިކޮޅު ލީޑަރުންނެއް ވެސް، ނަސީބު ދެރަކަމުން، މި ގައުމަކުން ނުފެނެ އެވެ. އިދިކޮޅު އޮންނަނީ ގޮތްދޫނުކުރާ، ޖެއްސުންކުރާ ބައެއްގެ ގޮތުގަ އެވެ.
ދިވެހިންނޭވެ! ދިވެހި ގައުމުގެ މިސްރާބު މި އޮތީ ފާގަތި ކުރިމަގެއްގައެއް ނޫނެވެ. އަހަރެމެން ދަރައިފި އެވެ. އަހަރެމެން އެހެން ގައުމުތަކުގެ އަތްދަށުވެއްޖެ އެވެ. ދިވެހި ރާއްޖެ އޮތީ މާލީ ބޮޑު ނުރައްކަލެއްގައޭ ބުނެ އަބަދުމެ ބޭރުގެ މީޑިއާތަކުން ވާހަކަ ގޮވަން ފަށައިފި އެވެ.
މިއީ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އިރު މި ގައުމުގެ ހާލަތެވެ. އަޅުގަނޑުގެ ހަށިގަނޑުގައި އުފެދެނީ އުދާސްތަކެވެ. ލޮލަށް ގިނަވެގަންނަނީ ކަރުނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ