ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ހުންނެވި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މޯދީގެ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ގެންދަވަނީ، ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާ ވަކި ވަކިން ބައްދަލުކުރައްވަމުންނެވެ. އެގޮތުން ނަޝީދާ ބައްދަލުކުރައްވައި، މޯދީ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - "[ކުރީގެ ރައީސް] ނަޝީދު އާ ބައްދަލުކޮށްފިން. މުހައްމަދު ނަޝީދު އަކީ އަބަދު ވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް،" ދިވެހި ބަހުން ކުރެއްވި ޕޯސްޓުގައި މޯދީ ވިދާޅުވި އެވެ.
އަވައްޓެރި ގައުމުތަކަށް އިސްކަންދޭ އިންޑިއާގެ "ނެއިބާހޫޑް ފަސްޓް" ހާރިޖީ ސިޔާސަތާއި މެރިޓައިމް ސެކިއުރިޓީއާ ގުޅޭ 'މަހާސާގަރު' ތަސައްވުރުގެ "އަގުހުރި ތަނބެއް"ގެ ގޮތުގައި އަބަދު ވެސް ރާއްޖެ އޮންނަ އޮތުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މޯދީ ވިދާޅުވި އެވެ.
"އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ،" މޯދީގެ ޕޯސްޓުގައި އިތުރަށް ލިޔުއްވާފައިވެ އެވެ.
ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު، ނަޝީދުގެ ވެސް އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވި ގޮތުގައި:
މޯދީއާ ބައްދަލުވުމަކީ އަބަދު ވެސް ލިބޭ ޝަރަފެއް
ރާއްޖޭގެ ޒުވާނުން ކުރިއެރުމަށާއި ފިލްމީ ދާއިރާއަށް އެހީތެރިވުމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރި
އޭގެ އިތުރުން ތިމާވެށީގެ މައުލޫގައި ވެސް މަޝްވަރާކޮށްފައިވޭ
ފާހަގަކޮށްލެވޭ ކަމެއް - ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ވެސް އިންޑިއާާއެކު ގާތް ގުޅުންތަކެއް ބޭއްވި އެވެ. ބައެއް ބޮޑެތި މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކާ ވެސް އޭރު ހަވާލު ކުރި އެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ނަމުގައި 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނުން ހިމެނެ އެވެ.
އޭގެ ފަހުން އައި ޔާމީންގެ ވެރިކަމުގައި އިންޑިއާގެ ވާދަވެރި ޗައިނާއިން މާ ބޮޑެތި އަދަދުން އެ ސަރުކާރުގައި ލޯނު ނަގާތީ އެކަމާ ނަޝީދު އޭރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރި އެވެ.
އޭގެ އިތުރުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިންނާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލެއްވި ސިޔާސީ ބޭފުޅުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
ނަޝީދަކީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް: މޯދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ