ޣައްޒާގައި ނޫސްވެރިން މެރުމަކީ ދުރާލައި ރާވައިގެން އިސްރާއީލު ހިންގާ ޖަރީމާއެއް: އަލްޖަޒީރާ

ޣައްޒާ (25 އޮގަސްޓް 2025): ޣައްޒާގައި މަސައްކަތްކުރާ ނޫސްވެރިން މެރުމަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ފޮރުވުމަށާއި ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ރާވައިގެން ހިންގާ ޖަރީމާއެއްކަމަށް އަލްޖަޒީރާއިން ސިފަކޮށްފިއެވެ. އަލްޖަޒީރާގެ އިސްރާއީލުގެ ކަންތައްތަކާބެހޭ ޚާއްސަ މުހައްލިލު ޑރ. މުހައްނަދު މުސްތަފާ ވިދާޅުވީ އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރާ މައިގަނޑު ގައުމަކީ އެމެރިކާ ކަމަށެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހު އިސްރާއީލުން އަލްޖަޒީރާގެ ފަސް ނޫސްވެރިއަކަށް ހަމަލާދީ އެމީހުން ޝަހީދުކޮށްލުމުންވެސް އެ ޖަރީމާ ކުށްވެރިކުރުމުގެ ބަދަލުގައި އެމެރިކާ ވަނީ އެކަމަށް އިސްރާއީލަށް ހިތްވަރު ދީފައިކަން އޭނާ ފާހަގަކުރެއްވިއެވެ. ޑރ. މުހައްނަދު މުސްތަފާ ވިދާޅުވިގޮތުގައި، އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި ހައިހޫނުކަމުގައި މީހުން މަރާ މަންޒަރުގެ ޚަބަރާއި ފޮޓޯ އަދި ވީޑިއޯތަކުގެ ސަބަބުން އިސްރާއީލުވަނީ މުޅި ދުނިޔެއަށް ބޭޒާރުވެ، ދުނިޔޭގެ އެންމެ ނުބައި ޖައްބާރު ގައުމުގެ ގޮތުގައި މިހާރު ލޭބަލް ވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއި ޔޫރަޕްގެ އާންމުންގެ ގިނަ ބަޔަކު, އިސްރާއީލާމެދު ދެކެމުން ދިޔަގޮތް، ޣައްޒާގައި ހިންގާ ޖަރީމާތަކުގެ ސަބަބުން މިހާރު 180 ޑިގްރީއަށް ބަދަލުވެފައިވުމަކީ އިސްރާއީލު ވަރަށް ކަންބޮޑުވާކަމެކެވެ. މިކަން ހުއްޓުވޭނީ ނޫސްވެރިންގެ އަޑު ކަނޑުވާލައި ނޫސްވެރިން ޣައްޒާއިން ބޭރުކޮށްގެންކަމަށް އިސްރާއީލުގެ ހަރުކަށި ވެރިން ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ. "އިސްރާއީލު އެބުނަނީ ނޫސްވެރިން ޣައްޒާގެ ޚަބަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް ގެނަސްނުދޭށޭ، ގެނަސްދޭނަމަ މަރާލާނަމޭ"، "ނޫސްވެރިން މެރިނަމަވެސް އަދި ޣާއްޒާގެ ރައްޔިތުން ބަނޑަށް ޖެއްސިނަމަވެސް އެމެރިކާ އިސްރާއީލުގެ ފަހަތުގައި އިސްރާއީލުގެ ހިމާޔަތުގައި އޮންނާނެއޭ. އެމެރިކާ އޮންނަހާ ހިނދަކު އިސްރާއީލާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއޭ، އަދި އިސްރާއީލަށް އަދަބު ދިނުމުގެ ގޮތުން އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެއޭ" އަލްޖަޒީރާގެ މުހައްލިލު ޑރ. މުހައްނަދު މުސްތަފާ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ އިސްރާއީލުން ޣައްޒާގައި މަސައްކަތް ކުރާ އިތުރު ނޫސްވެރިންތަކެއް މިއަދު ޝަހީދުކޮށްލުމާ ގުޅިގެން އެކަމާމެދު ތަހުލީލީ ނަޒަރަކުން ބައްލަވައި އަލްޖަޒީރާގައި ވާހަކަ ދައްކަވަމުންނެވެ. އިސްރާއީލުން މިއަދު ޝަހީދުކޮށްލި 4 ނޫސްވެރިންނަކީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ކަވަރުކުރުމުގައި ބޮޑު ދައުރެއް އަދާކުރާ 4 ނޫސްވެރިންނެވެ. މި 4 ނޫސްވެރިންގެ ތެރޭގައި ޣައްޒާގެ ޚަބަރުތައް ކަވަރުކުރާ އަލްޖަޒީރާގެ ޓީމުގައި ހިމެނޭ ފޮޓޯ ޖާނަލިސްޓް މުހައްމަދު ސަލާމާ ހިމެނެއެވެ. އިސްރާއީލުން ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް ދިން ވައިގެ ހަމަލާތަކެއްގައި އޭނާގެ އިތުރުން ރޮއިޓާސްގެ ފޮޓޯ ޖާނަލިސްޓް ޙުސާމު އަލްމަސްރީއާއި އެންބީސީގެ ނޫސްވެރިއެއްކަމަށްވާ މުއާޒް އަބޫ ތާހާ، އަދި ގިނަ ނޫސްތަކަކަށް ޚަބަރު ފޯރުކޮށްދޭ އަންހެން ނޫސްވެރިއެއްކަމަށްވާ މަރްޔަމް އަބޫ ދައްގާ ވެސް ހިމެނެއެވެ. މި ހަތަރު ނޫސްވެރިން ޝަހީދުކޮށްލީ އެމީހުން ޣައްޒާގެ ނާސިރު ހޮސްޕިޓަލުގައި ތިއްބައި އެހޮސްޕިޓަލަށް ބޮންއަޅައިގެންނެވެ. ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ހަމަލާދިނީ އެމެރިކާ އިސްރާއީލަށް ދީފައިވާ އެފް 15 ގެ ފައިޓާޖެޓްތައް ބޭނުންކޮށްގެންނެވެ. ނާސިރު ހޮސްޕިޓަލަށް ބޮން އަޅައި އިސްރާއީލުން ފަލަސްތީނުގެ އިތުރު 15 މީހަކުވެސް ޝަހީދުކޮށްލިއެވެ. އޭގެތެރޭގައި ހިމެނެނީ އެ ހޮސްޕިޓަލްގައި އެނދުމަތިކޮށްފައިވާ ބަލިމީހުންނާއި އެހޮސްޕިޓަލްގެ ބައެއް ނަރުހުންނާއި އިދާރީ ބައެއް މީހުންނެއެވެ. އިސްރާއީލުން މިއޮގަސްޓް މަހުގެ 11 ވަނަ ދުވަހުވެސް ޣައްޒާގެ ޚަބަރުތައް ފަތުރާ އަލްޖަޒީރާގެ 5 ނޫސްވެރިއަކު ވަނީ ޝަހީދުކޮށްލާފަވެއެވެ. އަލްޖަޒީރާގެ މުހައްލިލު ޑރ. މުހައްނަދު މުސްތަފާ ވިދާޅުވިގޮތުގައި ނޫސްވެރިން މަރާލުމުގައި އިސްރާއީލުގެ ބޭނުމަކީ މާރާލާނެކަމުގެ ބިރަށް ޣައްޒާއަށް ނޫސްވެރިން ދިޔުން ހުއްޓުވުމެވެ. އަދި މިނިވަން ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ މައުލޫމާތާއި ޚަބަރު އަދި ފޮޓޯއާއި ވީޑިއޯ ހުއްޓުވައި އިސްރާއީލުގެ ހަގީގަތް ދުނިޔެއަށް އެނގުމުގެ ފުރުސަތު ނުދިނުމެވެ. މިއޮގަސްޓް މަހުގެ 11 ވަނަ ދުވަހު އިސްރާއީލުން އަލްޖަޒީރާގެ 5 ނޫސްވެރިއަކަށް ހަމަލާދީ އެމީހުން ޝަހީދުކޮށްލުމުން އެ ޖަރީމާ ކުށްވެރިކޮށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބަޔާނެއް ނެރެން އުޅުނު އެވުޒާރާގެ މީޑީއާ ޓީމުގެ މުވައްޒަފު ޝާހިދު ގުރައިޝީ ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޮބިއޯގެ އަމުރަށް މަގާމުން ދުރުކޮށްފައެވެ. އދ. އާއި ދުނިޔޭގެ ނޫސްވެރިންގެ ޖަމްއިއްޔާތަކާ އަދި ދުނިޔޭގެ ވަރަށް ގިނަގައުމުތަކުން އިސްރާއީލުން އެ 5 ނޫސްވެރިން މެރި ޖަރީމާ ކުށްވެރި ކޮށް ބަޔާންތައް ނެރުނުއިރު އެކަމާދެކޮޅު ހެދި ހަމައެކަނި ގައުމަކީ ނޫސްވެރިކަމުގެ މިނވަންކަމުގެ ނަމުގައި އެހެން ގައުމުތަކަށް ފިލާވަޅުދޭ އެމެރިކާއެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސިކަން އދ. ން ރަސްމީކޮށް އިއުލާނު ކުރުމުންވެސް އެމެރިކާވަނީ އެކަމާދެކޮޅަށް އަޑުއުފުލައި އިސްރާއީލަށް ހިއްވަރުދީ އދ. ކުށްވެރިކޮށްފައެވެ. ޣައްޒާއަކީ ބަނޑަށް ޖައްސާފައިވާ ސަރަހައްދެއްކަން އދ. ން ރަސްމީކޮށް އިއުލަން ކުރުމުން އިސްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހެކަބީ ވަނީ އދ. ން އުޅެނީ އިސްރާއީލާއި ޖައްސާލައި އިސްރާއީލު ބަދުނާމު ކުރަން ކަމަށް ބުނެ އދ. ކުށްވެރިކޮށް އިސްރާއީލުގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އިސްރާއީލުން ފާއިތުވި 22 ތެރޭގައިވަނީ 212 އަށް ވުރެގިނަ ނޫސްވެރިން މަރާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ