ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދެވަނަ ފިޔަވަހި މި ސަރުކާރުން ހަނދާން ނައްތާލައިފި: ޔޫނިއަންތައް

މިދިޔަ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން، ދެވަނަ ފިޔަވައްސަށް މީހުން ފޯމު ހުށަހެޅި ނަމަވެސް އެ ސްކީމްތައް ސަރުކާރުން ހަނދާން ނައްތާލައިފައިވާ ކަމަށް ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ބުނެފިއެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމްތަކުގެ ގޮތުގައި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އިއުލާންކުރެއްވުމަށްފަހު، އެ ސްކީމުތަކުގެ ދެވަނަ ފިޔަވައްސެއް ކުރިއަށްގެންދަވާނެކަން އިއުލާންކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމަށްފަހު، ދެވަނަ ބުރު ބާއްވަން ގާތްވެފައި ވަނިކޮށެވެ. އެ އިންތިޚާބުން ޞާލިޙާއެކު ދެވަނަ ބުރަށް ވަޑައިގެން، ކާމިޔާބު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. ޞާލިޙްގެ ސަރުކާރުގައި އިއުލާންކުރި ސްކީމްތަކުން ލިބުނު ގޯއްޗާއި ފުލެޓް ދޫކުރުން މި ސަރުކާރުގައި ލަސްވެ، ގިނަ ބަޔަކު ޝަކުވާވެސް ފާޅުކުރިއެވެ. އެ ސްކީމްތަކުން ލިބޭ ގޯއްޗާއި ފުލެޓު ދިނުމަށް ގޮވާލާ ދެ ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބޯހިޔާވަހިކަމާއި ފެނާއި ކަރަންޓު ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނީ އެ މީހަކު ދިރިއުޅެން އިޚްތިޔާރުކުރާ ތަނަކުން ކަމަށެވެ. އެގޮތުން އެ މީހަކު ބޭނުން ރަށެއްގައި ވަޒަންވެރިވުމުގެ މިނިވަންކަމާއި އެ ރަށެއްގައި ދިރިއުޅޭތާ ފަސް އަހަރު ފަހުން އެ ރަށުގެ ރަށްވެއްސަކަށް ވުމުގެ އިޚްތިޔާރު ރައްޔިތުންނަށް ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކަށަވަރުކޮށްދޭ ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ފުރަތަމަ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލިއިރު، އެ ސްކީމްގެ ދަށުން ސަރުކާރުން ފުރަތަމަ ނިންމީ 3،000 އެއްހާ ބިން ދޫކުރަން ކަމަށާއި، އެކަމަކު ޝަރުތު ހަމަވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެފަހަރު ފުރަތަމަ ސްކީމަށް ކުރިމަތިލީ 9000 މީހުންނަށް ބިން ލިބޭގޮތަށް ނިންމައި އެ ބިން ފޯރުކޮށްދިނުމަށްޓަކައި ބިން އެކަށައަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ވެސް ރަށްރަށުން އައިސް މާލޭގައި ގިނަ ދުވަސްވަންދެން އުޅުނު މީހުން މާލޭގައި ގިނަ ދުވަސްވަންދެން ދިރިއުޅެފައިވާކަން ސަރުކާރަށް ފާހަގަކުރެވުމުން، އެ މީހުން ރަށްރަށުން ގޯތި ލިބުމަށް ޝަރުތު ހަމަނުވާ ކަމަށް އަލީ ވިދާޅުވިއެވެ. އަދި މާލޭގައި އެ މީހުންގެ ރަޖިސްޓްރީ ނޯންނާތީ އެ މީހުންނަށް މާލޭން ގޯއްޗާއި ފްލެޓު ލިބުމަށް ދަތިވެފައިވާ ކަމަށް ވެސް އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީ ސަރުކާރުން ދެވަނަ ސްކީމެއް ހުޅުވާލީ އެ ސަބަބާ ހެދިއެވެ. މިގޮތުން ހުޅުވާލި ދެވަނަ ސްކީމަށް ޖުމްލަ 40،594 ފޯމު ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ފްލެޓަށް ހުށަހެޅި 21،247 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 19،347 ފޯމު ހިމެނޭކަމަށް، އަލީ ވިދާޅުވިއެވެ. އެކަމަކު އެއީ ހަތަރު މީހުންގެ އާއިލާއެއް ކަމަށް ވާ ނަމަ، އެއީ 163،000 އެއްހާ މީހުންގެ ބޯހިޔާވަހިކަން ކަމަށް، އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހަގީގަތުގައި މި ސްކީމްތަކުގެ މަތިންވެސް ހަނދާން ނެތިއްޖެ، އަޅުގަނޑުމެން ރަށުތެރޭގަ ބައެއް މީހުންނާ ވާހަކަ ދައްކާލީމާ މީހުން އެބަ ބުނޭ، ތިމަންނާމެން ވެސް ފޯމު ލީމޭ، އެކަމަކު ފޯމު ލީ ކޮން ސްކީމަކަށް ކަމެއް، ތިމަންނަމެންގެ ނަން އޮތްކަން ވެސް ނެތްކަން ވެސް ތިމަންނަމެންނަކަށް ނޭނގެއޭ،" އަލީ ވިދާޅުވިއެވެ. އެއީ އަލީ ވިދާޅުވިގޮތުން ނަމަ، އުތުރުތިލަފަޅުން ދޫކުރާ 9،000 ގޯއްޗާއި 3،000 ފްލެޓުގެ އިތުރުން ގުޅީފަޅުން ދޫކުރާ 3،800 ގޯއްޗާއި 4،000 ފްލެޓާއި، މާލޭން ދޫކުރާ 1،800 ފްލެޓާއި، ވިލިމާލޭން ދޫކުރާ 300 ފްލެޓާއި، ހުޅުމާލޭން ދޫކުރާ 1،500 ގޯއްޗާއި 8،000 ފްލެޓެވެ. ނަމަވެސް، އަލީ ވިދާޅުވިގޮތުގައި ސަރުކާރުން އަދިވެސް އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ. "އެހެން ނަމަވެސް މިއަދާ ހިސާބަށް އައިއިރު ވެސް މި ފޯމުތައް އިވެލުއޭޓްކޮށް މި ފޯމުތަކުގައި ހުރީ ސައްހަ މައުލޫމާތުތޯ، މީގެ ތެރެއިން ފްލެޓު ލިބެނީ، ޝަރުތު ހަމަވަނީ ކިތައް މީހުންނަށްތޯ، އަދި ގޯތި ލިބެނީ ކިތައް މީހުންނަށްތޯ އެ މީހުންގެ ޝަރުތުތައް ހަމަވޭތޯ ބަލައި އިވެލުއޭޓްކުރުމުގެ މަސައްކަތް މި ސަރުކާރުން ކޮށްފައެއް ނެތް،"އަލީ ހުސައިން، ޤާނޫނީ ވަކީލު އޭނާ ވިދާޅުވީ ސަރުކާރުން އެ ސްކީމް ހަނދާން ނައްތާލި ނަމަވެސް ޔޫނިއަން އެކަން ހަނދާން ނައްތާނުލާ ކަމަށެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫނިއަނުން ވަނީ، އުތުރުތިލަފަޅާއި ގިރާވަރުފަޅު ނުހިކި އޮތީ މި ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ނިންމައި ގޯތި ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މުއްދަތު ފަހަނަހަޅައި ގޮސްފައިވާކަން ޔޫނިއަނުން ފާހަގަކުރިއެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، އުތުރުތިލަފަޅުން ވެސް ހައުސިން ޔުނިޓުތަކެއް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ