ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ފޯރިގަދަ ފައިނަލް މެޗުގައި މިއަދު ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީގައި މަގުލަސް ކުލަބުގެ މައްޗަށް ކުރިހޯދާ ކަނޑިތީމު ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 - 2 ން އެއްވަރުވެގެން ޕެނަލްޓީގައި ކަނޑިތީމުން ކުރިހޯދީ 5 - 4 ންނެވެ
މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ވަރުގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ދެޓީމުން ވެސް މިމެޗުގައި ވަނީ ރީތި ކުޅުމެއް ދައްކާފަ އެވެ
މެޗު ފެށިގެން ފުރަތަމަ 15 މިނެޓުގެ ތެރޭގައި ވެސް ދެޓީމުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު މަގުމަހުން ކަނޑިތީމުގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި 3 ހަމަލާއެއްވަރު ފޮނުވާލި ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ
ކަނޑިތީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު ނެޗު ފެށިގެން މާގިނައިރުތަކެއް ނުވެ އެޓީމުން ލީޑު ނެގި އެވެ. މެޗުގެ 20 ވަނަ މިނެޓުގައި މަގުލަހުގެ ޑިފެންޑަރެއް ކަނޑިތީމުގެ އިސްމާއިލް ނިހާން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާން އެވެ
މިލަނޑާއެކު މަގުލަހުގެ ފަރާތުން ދެބް ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ހާފުގެ ބޮޑުބައި ކޮންޓްރޯލް ނަގައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. ފުރަތަމަ ހާފު ނިމުނީ 1 - 0 ން ކަނޑިތީމު ފުޓްބޯޅަ ޓީމު ކުރީގައި އޮވެގެންނެވެ
ދެވަނަ ހާފުވެސް އެހާ ފޯރިގަދަ ފެނުނުއިރު މިމެޗުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ދެޓީމުގެ ވެސް ސަޕޯޓަރުންނެވެ. ގިނަ އަދަދެއްގެ ބަޔަކު މެޗު ބެލުމަށް ދަނޑަށް ވަދެފައިވާއިރު ދެޓީމުގެ ސަޕޯޓަރުން ވެސް ވަނީ ވަރަށް ބޮޑަށް ފޯރި ނަގާ ސަޕޯޓް ކޮށްފަ އެވެ. މުޅި ދަނޑު އެއްކޮށް މިމެޗު ބެލުމަށް މީހުންވަދެ ވަނީ ފުރާލާފަ އެވެ
ދެވަނަ ހާފުގައި ވެސް ވާދަވެރި ކުޅުމެއް ދެޓީމުން ވެސް ކުޅެމުންދިޔައިރު މިހާފުގައި މަގުލަހުން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ދަނޑުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ
އޭގެ 10 ވަރަކަށް މިނެޓު ފަހުން އަނެއްކާވެސް ކަނޑިތީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑް އަލުން ނަގާފަ އެވެ. 77 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 9 އިސްމާއިލް ނިހާން އެވެ. މިއީ މަގުލަހުގެ 3 ވަރަކަށް ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ނިހާން ކާމިޔާބުކުރި ސޯލޯ ގޯލެކެވެ
މެޗުގައި މިލަނޑާއެކު މަގުލަހުން އިތުރަށް ކުޅުން ވަރުގަދަކުރި އެވެ. ނަމަވެސް އެޓީމުގެ ގިނަ ހަމަލާތަކެއް ކަނޑިތީމުން ވަނީ ބްލޮކް ކޮށްފަ އެވެ. މެޗުގެ 88 ވަނަ މިނެޓުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެެރެއިން ރެފްރީ ވަނީ މަގުލަހުގެ ހަސަން މޫސާއާއި ކަނޑިތީމުގެ މުހައްމަދު ނައުފަލްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ
މިމެޗުގައި މަގުލަހުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 11 މިނެޓުގެ ތެރެއިން 5 ވަނަ މިނެޓުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު ނަދީމް (ޒިންދީ) ވަރަށް ރީތިކޮށް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ހުސްކޮށް އޮވެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ބޯޑޫ އެވެ
ޕެނަލްޓީގައި ކަނޑިތީމުން ކުރިހޯދީ 3 - 2 ންނެވެ. މަގުލަހުގެ ޕެނަލްޓީތައް ޖަހައިދިނީ އިބްރާހީމް އޮލަޑިމޭޖީ އާއި އަހްމަދު ނަދީމް އެވެ. ދެން ޖެހި ޕެނަލްޓީތައް ނާކާމިޔާބުވީ އެވެ. ކަނޑިތީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހުސެއިން ޕީ ގެ އިތުރުން ހުސެއިން ނައުޝާދު އަދި މުހައްމަދު ޝާން އެވެ.
މުބާރާތު ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމުދެއްވީ މޭޔަރު މުހައްމަދު އާތިފެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ 100000 ރުފިޔާގެ ފައިސާގެ އިނާމުވެސް ހަވާލުކޮށްދެއްވީ އާތިފެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކަނޑިތީމުގެ ހުނަރުވެރި ފޯވާޑް އިސްމާއިލް ނިހާން އެވެ. މުބާރާތުގެ ވަނަތަކަށް ބަލައިލާއިރު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ދެ ކުޅުންތެރިއެކެވެ. އެއީ ހަނިމާދޫ ކެތިއަރާގެ އަލީ ހުސައިން (ދަގަނޑޭ) އާއި މަގުލަހުގެ ޕްރިންސް ބޯޑޫ އެވެ.
މި މުބާރާތުގެ ގަދަ ފަހަކަށް ބަލާލާއިރު އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މަގުލަހުގެ އަހްމަދު ފިޔާޒް އެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ކަނޑިތީމުގެ މުހައްމަދު ނައުފަލްއަށް ލިބުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޕްރިންސް ބޯޑޫ އެވެ. އަދި އެންމެ މޮޅު ސްޓްރައިކަރަކަށް ހޮވުނީ ކަނޑިތީމުގެ އިސްމާއިލް ނިހާން އެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނީ މަގުލަހުގެ ފޯވާޑް އާލާފް އަހްމަދަށެވެ
ޕެނަލްޓީގައި މަގުލަހުގެ މައްޗަށް ކުރިހޯދާ މުބާރާތުގެ ތަށި ކަނޑިތީމުން ހިއްލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ