ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ނޮޅިވަރަމު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމާއި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމާއި ރަށުގެ އެކި މަސައްކަތްތަކާއި އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެހެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުން ހިމެނެއެވެ. މީގެ އިތުރުން ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރޭގައި ޑެންޓަލް އަދި އެކްސްރޭ ގެ ޚިދުމަތް ފެށުމަށް ބޭނުންވާކަން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ