ސަސްގެ ނިންމުމާ އެކު ނިއު އެއްވަނަ ޑިވިޒަނަށް އަންނަން ފުރުސަތު ހުޅުވިއްޖެ

މިހާރު އެއްވަނަ ޑިވިޒަންގައި އޮތް ސަސް ކުރިއަށް އޮތް ޕްރިމިއަ ލީގުގައި ވާދަނުކުރަން ނިންމުމުން އެ ޖާގަ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ނިއު ރޭޑިއަންޓަށް ލިބޭނެކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.
އަންނަ މަހު ފަށަން ތާވަލްކޮށްފައި އޮތް ދިވެހި ޕްރިމިއަ ލީގުގައި މިހާރުގެ އެއްވަނަ ޑިވިޒަންގައި ހިމެނޭ ސަސް ބައިވެރިނުވަނީ މާލީ ހާލަތު ހުރި ގޮތުން ކަމަށް އެފްއޭއެމަށް ރަސްމީކޮށް މިހާރު ވަނީ އަންގައިފަ އެވެ. 
ޕްރިމިއަ ލީގުގެ އާ ގަވާއިދުގައި އޮތް ގޮތުން އެ ލީގަށް ކޮލިފައިވެފައި އޮތް ޓީމެއް މުބާރާތް ފެށުމުގެ ކުރިން ވަކިވެއްޖެ ނަމަ 200،000ރ. އިން ޖޫރިމަނާކުރާނެ އެވެ. އެ ހުސްވާ ޖާގަ ލިބޭނީ، ގަވާއިދުގައި އޮތް ގޮތުން، އެ ޓީމު ނިސްބަތްވާ ރީޖަންގައި ދެން އޮންނަ އެންމެ މޮޅު ޓީމަކަށެވެ. ސަސް ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމުން ބަލަން ޖެހެނީ ދެވަނަ ޑިވިޒަންގެ އެންމެ ފަހުގެ ނަތީޖާތަކަށެވެ. އެގޮތުން ނިއު ރޭޑިއަންޓަކީ އެންމެ ފަހުން އޮތް ދެވަނަ ޑިވިޒަން މުބާރާތުގެ ތިން ވަނަ ޓީމެވެ.
އެ މުބާރާތުގެ ގަދަ ދެ ޓީމު ކަމަށްވާ ވިކްޓަރީ އާއި އޮޑި ސްޕޯޓްސް މިހާރު ވެސް އޮތީ އެއް ވަނަ ޑިވިޒަންގަ އެވެ.
މުބާރާތުން ސަސް ވަކިވުމުން ހުސްވި ޖާގަ ލިބޭނެ ޓީމަކާ މެދު އެފްއޭއެމުން އަދި އެއްވެސް ނިންމުމެއް ނުނިންމަ އެވެ. 
ނިއުއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބެވެ. ނަމަވެސް ދަރަނީގެ މައްސަލަތަކެއްގައި  2019ގައި އެފްއޭއެމުން ނިއު ސަސްޕެންޑްކުރުމާ އެކު އެ ކްލަބްގެ ނަން ގާތްގަނޑަކަށް ފޮހެވުނެވެ. އަލުން ނިއު ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަނީ މިދިއަ ނޮވެމްބަރު މަހު އެކުލަވާލި އާ ބޯޑުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ