ރާއްޖެއިން މިއަހަރު ގެންނަން ކަނޑައަޅާފައި އޮތީ 2.3 މިލިއަން ޓޫރިސްޓުންނެވެ. އަހަރުގެ އަށް މަހެއްހާ ދުވަސް ފާއިތުވީއިރު ޓޫރިޒަމްގެ ނަމްބަރުތަކުން ދައްކަނީ، އާދިއްތަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 1.4 މިލިއަން ޓޫރިސްޓުން ކަމެވެ. އަހަރުގެ ޓޫރިޒަމް ޓާގެޓް ހާސިލްކުރަން ކުރިއަށް އޮތް ހަތަރު މަސް ތެރޭ 900،000 ޓޫރިސްޓުން ރާއްޖެއިން އަދި ގެންނަން ޖެހޭނެ އެވެ.
އެއީ ހާސިލް ކުރެވޭނެ ޓާގެޓެއް ހެއްޔެވެ؟
ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއަށް އަންނަނީ ދުވާލަކު އެވްރެޖްކޮށް 6،600އެއްހާ ޓޫރިސްޓުންނެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ އެޖެންސީ، ވިޒިޓް މޯލްޑިވްސްގެ ޗެއާމަން އަބްދުﷲ ގިޔާސް ރިޔާޒު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ކުރިއަށް މި އޮތް މަސް ތެރޭ އެ އަދަދު އިތުރުވާން ޖެހެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާ ވަރު އެންމެ ފަހުގެ ހަތަރު މަސްދުވަހު ޑަބަލް ޑިޖިޓްގައި ހުރެގެން ނޫނީ ޓޫރިޒަމް ޓާގެޓް ހާސިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު މަހެއްގެ ތެރޭ ރިކޯޑް އެރަވައިލްސް އައިސްގެން މިހާރު ކަނޑައަޅާފައިވާ ޓާގެޓަށް ދެވޭނީ. ގާތްގަނޑަކަށް ހަތަރު މަހުގައި ހުންނަން ޖެހޭނެ %13ގެ ގްރޯތެއް،" އަބްދުﷲ ވިދާޅުވި އެވެ.
ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ އަހަރާ އަޅާބަލާއިރު، ޓޫރިސްޓުން ރާއްޖެ އައި ވަރު ކުރިއަރާފައި ވަނީ %7.6ގައި ކަމަށެވެ. އެހެންވުމުން މިއަހަރުގެ ޓޫރިޒަމް ޓާގެޓް ހާސިލްކުރަން އަދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހެ އެވެ.
މިހާރު ހުރި ނަމްބަރުތަކަށް ބަލާއިރު މިއަހަރުގެ 128 ދުވަސް ބާކީ އޮތްއިރު، ދުވާލަކު 6،600 ޓޫރިސްޓުން ރާއްޖެ އައިސްފި ނަމަ އަހަރު ނިމޭއިރު ރާއްޖެއަށް ހަމަކުރެވޭނީ 2.2 މިލިއަން ޓޫރިސްޓުންނެވެ.
"މާކެޓްތައް އަދި ޕޮޒިޓިވްކޮށް ހުރީ. އުންމީދު އެބައޮތް،" ގިޔާސް ވިދާޅުވި އެވެ.
"އެކަމަކު ފަސޭހައެއް ނުވާނެ."
ކުރިއަށް މި އޮތް މަސްތަކުގައި ޓޫރިސްޓުން ރާއްޖެ އަންނަވަރު އިތުރުކޮށް ޓާކެޓް ހާސިލްކުރަން 'ވިޒިޓް މޯލްޑިވްސް' އިން ކުރާ މަސައްކަތްތަކުގެ ގޮތުގައި އަބްދުﷲ ފާހަގަކުރެއްވީ:
ޓޫރިޒަމް ހިއްސާ ބޮޑެތި މަންޒިލްތަކުން ރާއްޖެ އުދުހޭ އެއާލައިންތަކާއި ފްލައިޓްތައް އިތުރުކުރުން؛ އެއާ ފްރާންސާއި ވާޖިން އެޓްލާންޓިކާއި އަދިވެސް އެހެން އެއާލައިންތަކާ ވާހަކަދައްކައިގެން ރާއްޖެއަށް ދަތުރުތައް އިތުރުކުރަން މިހާރު ވަނީ އެއްބަސްވެފައި
ރާއްޖެ އަންނަ ފްލައިޓްތަކުގެ ޓިކެޓުގެ އަގުތައް ދަށްކުރެވޭތޯ ވެސް އަންނަނީ އެއާލައިންތަކާ އެކު މަސައްކަތްތަކެއް ކުރަމުން ކަމަށް ވިދާޅުވި؛ ރަނގަޅު އަގު ރާއްޖެ އަންނަން ނުލިބުމަކީ ވެސް ހުރަހެއް
"ކެމްޕޭންތަކެއް ކުރިއަސް ފްލައިޓްސް އިތުރު ނުކުރެވެންޏާ ބުކިންސްއަށް އޭތި ކޮންވާޓެއް ނުކުރެވޭނެ. އެހެންވެ، އެއާލައިންތައް އިތުރުކޮށް ރަނގަޅު އަގުތައް އެއާލައިންތަކުން ހޯދަން ހާއްސަ މަސައްކަތްތަކެއް އެބަ ކުރެވޭ،" ގިޔާސް ވިދާޅުވި އެވެ.
މިފަހުން ވިޒިޓް މޯލްޑިވްސްއިން ވަނީ އިންޑިއާއިން އަންނަ ޓޫރިސްޓުން އިތުރު ކުރަން ވެސް ކެމްޕޭނެއް ފަށައިފަ އެވެ. އެ ކެމްޕޭންގެ އަމާޒަކީ މިއަހަރު އިންޑިއާއިން 200،000 ޓޫރިސްޓުން ހަމަކުރުމެވެ. މިއަހަރު އިންޑިއާއިން އަދި ރާއްޖެ އައީ:
82،907 ޓޫރިސްޓުން
އިންޑިއާއަކީ ވަނީ ރާއްޖޭގެ ޓޫރިޒަމްގައި ހަ ވަނައަށް ވެއްޓިފައި؛ ހިއްސާއަކީ %5.7
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެއީ ޓޫރިޒަމްގެ އެއްވަނަ މާކެޓް
ގިޔާސް ވިދާޅުވީ ކުރިއަށް މި އޮތް މަސްތަކުގައި އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުނުވެއްޖެ ނަމަ އިންޑިއާއިން 200،000 ގެނައުމުގެ ޓާގެޓް ހާސިލް ނުވާނޭ ކަމަށެވެ. ނަމަވެސް އޭނާގެ އުންމީދަކީ އިންޑިއާގެ ދިވާލީ އީދާ ދިމާކޮށް އޮކްޓޯބަރުގައި އިންޑިއާ ޓޫރިސްޓުން ރާއްޖެ އަންނަވަރު އިތުރުވާނޭ ކަމަށެވެ.
"ހަތަރު ވަނަ ކުއާޓަރުގައި އިންޑިއާ ވެސް ރަނގަޅުވާނޭ ކަމަށް މި ބަލަނީ. އިންޑިއާގެ އެކި ސިޓީތަކުން ވެސް ފްލައިޓްތައް ގެނެވޭތޯ މަޝްވަރާތައް އެބަ ކުރެވޭ،" ގިޔާސް ވިދާޅުވި އެވެ.
ޓޫރިޒަމްގެ 2.3 މިލިއަން ޓާގެޓަށް ދާން އުނދަގޫ ދަތުރެއް؛ ވާނީ ރެކޯޑެއް ހަދައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ