އެންޑްރޮއިޑް އެޕްތަކަށް ގޫގުލްއިން ޑިވެލޮޕާ ވެރިފިކޭޝަން މަޖުބޫރުކުރަނީ

ގޫގުލްއިން 2026 ވަނަ އަހަރުން ފެށިގެން އެންޑްރޮއިޑް އެޕް ޑިވެލޮޕަރުންނަށް ވެރިފިކޭޝަން މަޖުބޫރުކުރަން ނިންމައިފިއެވެ. މިކަމުގެ ސަބަބުން ގޫގުލް ޕްލޭ ސްޓޯރުން ބޭރުން ޑައުންލޯޑްކުރާ އެޕްލިކޭޝަންތައް (ސައިޑްލޯޑް ކުރާ އެޕްތައް) ބޭނުންކުރުން އިތުރަށް ރައްކާތެރިވެގެންދާނެ ކަމަށް ބެލެވެއެވެ. ގޫގުލްއިން މި ނިންމުން ނިންމާފައިވަނީ ސައިބާ ހަމަލާތައް އިތުރުވެ، ޚާއްސަކޮށް ސައިޑްލޯޑް ކުރެވޭ އެޕްތަކުން މެލްވެއާ ފެތުރުން އިތުރުވެފައިވާތީއެވެ. ގޫގުލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލޭ ސްޓޯރުން ބޭރުން ޑައުންލޯޑްކުރާ އެޕްތަކުން މެލްވެއާ ފެތުރޭ މިންވަރު 50 ގުނަ އިތުރެވެ. މިހާރުވެސް ގޫގުލް ޕްލޭ ސްޓޯރުގައި އެޕް ލިސްޓްކުރުމަށް ޑިވެލޮޕަރުން ވެރިފައިވާން ޖެހެއެވެ. ނަމަވެސް، 2026 ވަނަ އަހަރުން ފެށިގެން، ޕްލޭ ސްޓޯރުން ބޭރުން އެޕްތައް ޑިސްޓްރިބިއުޓްކުރާ ޑިވެލޮޕަރުން ވެސް ވެރިފައިވާން ޖެހޭނެއެވެ. މިއީ ނުރައްކާތެރި އެޕްތައް ފެތުރުން ހުއްޓުވުމަށް ގޫގުލްއިން އަޅާ މުހިންމު ފިޔަވަޅެކެވެ. ޑިވެލޮޕަރުންނަށް މިކަމަށް ތައްޔާރުވުމަށް ޓަކައި ގޫގުލްއިން އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ގޫގުލުއިން ބުނާގޮތުގައި ޑިވެލޮޕާ ވެރިފިކޭޝަންތައް އަންނަ އޮކްޓޯބަރު މަހު ފެށިގެންދާނެއެވެ. އަދި 2026 ވަނަ އަހަރުގެ މާޗް މަހު ހުރިހާ ޑިވެލޮޕަރުންނަށް މި ފުރުސަތު ހުޅުވާލެވޭނެއެވެ. މި ވެރިފިކޭޝަން މަޖުބޫރުކުރުން ފުރަތަމަ ތަންފީޒުކުރާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެޒިލް، އިންޑޮނޭޝިއާ، ސިންގަޕޫރު އަދި ތައިލެންޑްގައެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް މިކަން ތަންފީޒުކުރާނީ 2027 ވަނަ އަހަރުއެވެ. މީގެ އިތުރުން، ގޫގުލްއިން ދަނީ ޕްލޭ ސްޓޯރުގައި އެޕް ލިސްޓްކުރާ ޑިވެލޮޕަރުންނަށް ޚާއްސަ އާ އެންޑްރޮއިޑް ޑިވެލޮޕާ ކޮންސޯލެއް ތަރައްގީކުރަމުންނެވެ. މީގެ ސަބަބުން ޑިވެލޮޕަރުންނަށް ވެރިފައިވުން އިތުރަށް ފަސޭހަވެގެންދާނެއެވެ. ހޮބީގެ ގޮތުގައި އެޕް ހަދާ ޑިވެލޮޕަރުންނަށް ވެސް ވަކި ކޮންސޯލެއް ގޫގުލްއިން ތަރައްގީކުރާނެއެވެ. ސައިޑްލޯޑް ކުރެވޭ އެޕްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގޫގުލްއިން އަޅާ މި ފިޔަވަޅަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިމާޔަތެއް ލިބިގެންދާނެ ކަމެއެއްކަމަށް މާހިރުން ދެކިލައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ