ރާއްޖޭގެ ބާޒާރަށް ނެރެފައިވާ 'ޑރ. ޕެޕާ' ނުވިއްކައި، ނައްތާލުމަށް އަންގައިފި

ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ލުއިބުއިމެއް ކަމަށްވާ 'ޑރ. ޕެޕާ' ނުވިއްކައި، ނައްތާލުމަށް އަންގައިފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރުނު އިއުލާނެއްގައި ވަނީ، އެމެރިކާގައި އުފައްދާ ޑރ. ޕެޕާގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ބެންޒޮއިކް އެސިޑް އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ. ބެންޒޮއިކް އެސިޑަކީ ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވުމަށް ބޭނުންކުރާ ޕްރެޒަވޭޓިވްއެކެވެ. އެފްޑީއޭއިން ބުނީ، ޑރ. ޕެޕާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވަނީ އަންގައިފައެވެ. އަދި ބާޒާރުގައި މިހާރު ހުރި ނަމަ ޑރ. ޕެޕާ ނަގައި، ނައްތާލުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރިއެވެ. އެ އޮތޯރިޓީން ވަނީ 3034213 އާއި 7603204އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ބުނެފައެވެ. ރާއްޖެއަށް ބައެއް ކާބޯތަކެތީގެ އިތުރުން ބޭސް ވެސް އެތެރެކުރުމަށްފަހު ބޭނުންކުރާތާ ދުވަސްތަކެއްވާ ފަހުން، އެއީ ރައްކާތެރި ނޫން އެއްޗެއް ކަމަށް އެމްއެފްޑީއޭއަށް ފާހަގަވެއެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކުރުމުގެ ކުރިން ރައްކާތެރިކަން ނުބެލޭ ސަބަބާ މެދު ބައެއް މީހުން ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ