ގޭންގު ގާނޫނާއެކު ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނަގަން މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި ގޭންގު ގާނޫނާއެކު ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނަގަން މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި

އިއްޔެ އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނާއެކު ނުހައްގު މުއްސަދިކަމުގެ މައްސަލަތައް ބަލައި، ކުށްކޮށްގެން ހޯދާފައި ހުރި މުދާތައް ދައުލަތަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ނެރުނު ނޫސް ބަޔާނެއްގައި، އައު ގާނޫނުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާ ފުލުހުންގެ ހިދުމަތުން ބުނީ އެ ގާނޫނު ތަންފީޒުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ކުރާ މި މަސައްކަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ނުހައްގު މުއްސަނިދކަން ހުއްޓުވާ، ދައުލަތަށް މުދާ ނެގުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން، ހައި ކޯޓު މެދުވެރިކޮށް ގޭންގުތަކުގެ މެންބަރުން މޮނީޓާ ކުރުމުގެ އަމުރުތައް ހޯދުމާއި ގޭންގުތަކުގެ އަމަލުތަކުގައި ކުޑަކުދިންގެ ބައިވެރިވުން ހުއްޓުވުމަށް އަމުރުތަކަކަށް އެދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގޭންގުތަކުން އެއްވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކޮށް އެ ފަރާތްތަކުން ބޭނުންކުރާ ތަންތަނަށް ވަދެ ފާސްކުރުން ވެސް ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ހިމަނާފައިވެ އެވެ.
އައު ގާނޫނުގެ ދަށުން ފުލުހުންނަށްލިބޭ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ހިމެނެ އެވެ.
އެގޮތުން ކޯޓު އަމުރަކާއި ނުލައި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.
ގޭންގު ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެމީހުންގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެފަދަ ކުށެއްގައި މީހަކު ހައްޔަރު ކުރާތާ 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ހައްގުން މަހުރޫމު ކުރަން ވެސް ގާނޫނުން ބާރު ލިބެ އެވެ.
ގޭންގު ބިލު ތަސްދީގު ކުރެއްވުމަށްފަހު މިދިޔަ މެއި 25، ގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބިލާއެކު ގޭންގު ކުށްތައް ހުއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސްކޮށް، ގެނައި އިސްލާހުތަކާ އެކު މެއި 15، ގައި މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ