ދިރާގު ރޯޑް ރޭހުގެ ކޯޗިން ބައިވެރިން އިއުލާންކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2025ގެ އޮފިޝަލް ކޯޗިން ޕާޓްނަރުން މިއަދު އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - ޑީއެމްއާރުއާރުގެ 16 ވަނަ އެޑިޝަން 24 އޮކްޓޫބަރުވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ވަނީ ނިންމާފަ އެވެ.
އޮފިޝަލް ކޯޗިން ޕާޓްނަރުންނާ އެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމަށް ތައްޔާރުވުމަށް ބައިވެރިންނަށް ހާއްސަ ކޯޗިން ހޯދުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ. މިއީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރަމުން އަންނަ ކަމެކެވެ.
ތަފްސީލް - މި އަހަރުގެ ކޯޗިން ޕާޓްނަރުންނަކީ:
އައިލެންޑް ރަނާސް މޯލްޑިވްސް: ޑީއެމްއާރުއާރުގެ ބައިވެރިންނަށް 1 މަސްދުވަހަށް ތަމްރީނު ވުމުގެ ފުރުސަތު
އެލީޓް ރަނާސް: ޑީއެމްއާރުއާރުގެ ބައިވެރިންނަށް ޕާސަނަލައިޒްޑް ޓްރެއިނިން ޕްރޮގްރާމަކާ އެކު ތަމްރީނު ވުމުގެ ފުރުސަތު
• ނަސީރް ސްޕޯޓްސް އެކަޑަމީ: ފުރަތަމަ ފަހަރަށް ޑީއެމްއާރުއާރުގައި ބައިވެރިވާ ފަރާތްތަކަށް ކޯޗު ނަސީރް އިސްމާއިލްއާ އެކު ތަމްރީނު ވުމުގެ ފުރުސަތު
ސާއިދު ސްޕޯޓްސް: ފުރަތަމަ ފަހަރަށް ޑީއެމްއާރުއާރުގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ތަމްރީނު ވުމުގެ ފުރުސަތު
ލެގަސީ ފިޓްނަސް: ފުރަތަމަ ފަހަރަށް ޑީއެމްއާރުއާރުގައި ބައިވެރިވާ ފަރާތްތަކަށް ޓްރެއިނަރު ރިޔާޝްއާ އެކު ތަމްރީނު ވުމުގެ ފުރުސަތު
''ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ ބައިވެރިންނަށް ކޯޗިން ޕާޓްނަރުން މެދުވެރިކޮށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ ސީނިއާ މެނޭޖަރު، ބްރޭންޑްސް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ކޮންމެ ދުވުންތެރިއަކަށް ވެސް މި ދުވުމަށް ތައްޔާރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަގުފަހިކޮށްދީ، ދުވުމުގައި ބައިވެިވުމަށް ހިތްވަރުދީ، ދުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުން.''
ފާހަގަކޮށްލެވޭ - މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ބައިނަލްއަގްވާމީ ދުވުންތެރިން އެއްތަނަކަށް ޖަމާކޮށް، ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ