ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ވެސް އިސްކަންދިނީ މީޑިއާ ކޮންޓްރޯލް ބިލަށް

މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގެ ބަހުސް، މާދަމާ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ. މާދަމާ ބާއްވާ ދައުރުން ބޭރު ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާއިން މިރޭ ނެރުނުއިރު މީޑިއާ ބިލުގެ ބަހުސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މެންބަރުން އައްޔަނުކުރުމާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ހަތަރު މެންބަރުން އައްޔަނުކުރުން އޮތީ އެޖެންޑާކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، ޗުއްޓީއަށް ފަހު މަޖިލީހުގެ ދެވަނަ ދައުރު ނިންމާލިއިރު ބައެއް މުހިންމު މަސައްކަތްތައް ނިންމާލުމަށްޓަކައި ދައުރުން ބޭރުން ދެ ޖަލްސާ ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ކުރިން ވިދާޅުވެފައެވެ. އެފަދައިން ބައެއް މުހިންމު މަސައްކަތްތައް ކުރުމަށް ޖަލްސާ ބާއްވާއިރު މާދަމާގެ ޖަލްސާގައި އިސްކަންދީފައިވަނީ މީޑިއާ ކޮންޓްރޯލް ބިލަށެވެ. ހަންނާން މީގެ ކުރިން ވެސް މީޑިއާތައް ރެގިއުލޭޓް ކުރުމާ ގުޅޭ ބިލެއް ހުށަހެޅުއްވި ނަމަވެސް އެ ބިލް ބޭރުކޮށްލީއެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު އެ ޕާޓީގެ މެންބަރުން ވަނީ ބިލަށް ތާއިދުކޮށް ވާހަކަދައްކަވައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު -- ފޮޓޯ/ ރައީސް އޮފީސް މީގެ ކުރިން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރޭ ރައީސް ވަނީ، އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށް ޕީއެންސީގެ މެންބަރުންނަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައިވެއެވެ. މި ބިލާ ގުޅިގެން ބިލު ހުށަހަޅާފައިވަނީ ނުބައި ވިސްނުމެއްގައި ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން 20 އަހަރު ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށް، ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. https://sun.mv/210486 އެ ބިލަށް ތާއީދުކޮށް މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވާހަކަދައްކަވައިފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އެ ބިލު ހުށަހެޅީ، އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި އަމިއްލަ މެންބަރެއް ކަމަށްވީ ނަމަވެސް، ބިލުގެ ފަހަތުގައި ތިބީ ސަރުކާރު ކަމަށް އިދިކޮޅާއި މީޑިއާ ޖަމިއްޔާތަކުން ވެސް ބުނެއެވެ. އެ ތުހުމަތުކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ވިދާޅުވެފައެވެ. އިދިކޮޅާއި މީޑިއާތަކުގެ ހައްގުތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ