ބިލާއެކު މިނިވަން ނޫސްވެރިކަން 20 އަހަރު ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް: ތަޖުރިބާކާރު ނޫސްވެރިން
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ބިލު ހުށަހަޅާފައިވަނީ ނުބައި ވިސްނުމެއްގައި ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން 20 އަހަރު ފަހަތަށް ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށް، ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިން މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ ސަރުކާރާ ގުޅުން އޮންނަ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލު ބޭރުކޮށްލުމަށް ގޮވާލައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު ނޫސްވެރިޔާ އަދި "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެއްގެ ދަށުން ވެރިކަންކުރަން ފެށިތާ ގާތްގަނޑަކަށް 20 އަހަރު ވެފައިވާއިރު، މި ބިލާއެކު ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ކުރިން އޮތް ގޮތަށް ސޮއްސާލާ މަންޒަރު ފެންނަ ކަމަށެވެ. ހިރިގާ ވިދާޅުވީ، މި ބިލުގެ ބައެއް މާއްދާތައް ފަރުމާކޮށްފައިވަނީ ޖިނާއީ އަދަބު ދީ ނޫސްވެރިން ސީދާ ޖަލަށް ފޮނުވާލެވޭ ފަދަ ގޮތަކަށް ކަމަށެވެ. "ދައުރު" ނޫހުގެ ޗީފް އެޑިޓަރު އަދި ނޫސްވެރިކަމުގައި ގާތްގަނޑަކަށް 40 އަހަރު މަސައްކަތް ކުރައްވައިފައިވާ މޫސާ ލަތީފް ވިދާޅުވިގޮތުގައި މި ބިލު ފާސްވުމުގެ ސަބަބުން އެންމެ ބޮޑު އެއް ބިރަކީ މީޑިއާގެ ރެގިއުލޭޓް ކުރާ ކޮމިޝަނުގައި ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުންނަށް ވުމެވެ. އެގޮތުން، މީޑިއާތަކުން ހޮވާ ބާކީ ހަތަރު މެންބަރުންގެ ތެރޭގައި ދައުލަތުގެ މީޑިއާ ހިމެނިއްޖެ ނަމަ، ނޫސްތައް ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މޫސަ ވަނީ، އެ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ދެއްކެވި ވާހަކައަށް ވެސް ރައްދު ދެއްވައިފައެވެ. ނާޒިމް ވަނީ އެ ބިލުގެ ދިރާސާގައި މަސައްކަތް ކުރެއްވި ކަމަށާއި ބިލު ހެދީ ބޭރުގެ ބައެއް ގައުމުތަކުގެ މީޑިއާ ގާނޫނުތަކުގެ މާއްދާތަކުގެ ބައިތައް ހިމަނައިގެން ކަމަށް ވިދާޅުވެފައެވެ. މޫސާ ވިދާޅުވީ، މި ބިލު ބިނާކޮށްފައި އޮތީ މެލޭޝިއާ ފަދަ ނޫސްވެރިކަމުގެ މިނިވަންކަން ނެތް، އަދި އިދިކޮޅަށް ވެސް ނޫސްވެރިކަމުގެ މިނިވަންކަން ކުރަން ހަނިވެފައިވާ ގައުމުތަކުގެ މާއްދާތަކަށް ބަލައިގެން ކަމަށެވެ. "އަނެއްހެން ބަލަންޏާ މިއީ ބޮޑު މަސްހުނިގަނޑެއް، މީގަ ފަހަތުގައި ފޮރުވިފައި އޮތީ ހަމަ ރާއްޖޭން މިހާރު އޮތް މިނިވަން މީޑިއާ ހިފެހެއްޓުން، ސަރުކާރުން ކޮންޓްރޯލްކުރުން،" ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ހިންގި އެއް ނޫސް "ހަވީރު"އާއި އޭގެ ފަހުން އުފެއްދި "މިހާރު" ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ. "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް -- ސަން ފޮޓޯ/ މުހައްމަދު މާނިއު އެ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ މި ބިލު ސިފަކުރެއްވީ "ނުބައި މަކަރުވެރި ވިސްނުމެއް"ގެ ތެރެއިން ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ޖަލްސާގައި މި ބިލަކީ އެންމެ ރަނގަޅު އުސޫލުތަކުގެ މައްޗަށް ނުވަތަ ''ބެސްޓް ޕްރެކްޓިސް''ގެ މައްޗަށް އެކުލަވާލާފައިވާ ބިލެއް ކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވި ނަމަވެސް، ބިލު އެކުލަވާލާފައި އޮތީ މީޑިއާ އާއި ނޫސްމަޖައްލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުގެ ދަށުވާ ގޮތަށް ކަމަށެވެ. ފިޔާޒް ވިދާޅުވީ، މިހާރު ރާއްޖޭގައި އޮންނަ މީޑިއާ ކައުންސިލްގެ ފްރޭމްވޯކް އޮތީ މީޑިއާތައް އަމިއްލައަށް ޖަވާބުދާރީވެ ޒިންމާ އަދާކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން، މީގެ ކުރިން މީޑިއާތަކަށް ކައުންސިލުން ފިޔަވަޅު އަޅައި އަދަބު ދީ ހެދިކަން ފާހަގަކުރެއްވިއެވެ. ބިލުގައިވާ ގޮތުން ނޫސްމަޖައްލާތަކާއި ޗެނަލްތަކުގެ ހުއްދަތައް ހިފެހެއްޓޭ ކަމަށާއި، އެއީ ޤާނޫނުއަސާސީން ލިބިދޭ ހައްގުތަކާއި ހަމަތަކާ ޚިލާފުވާ ކަމެއް ކަމަށް، ފިޔާޒް ވިދާޅުވިއެވެ. އަދި މީޑިއާއެއްގެ މައްސަލަ ބަލަމުންދާއިރު ވެސް ފިޔަވަޅު އެޅޭ ގޮތަށް ބިލު އޮތުމުން، އެގޮތަށް ކުށެއް ކުރިކަން ސާބިތުނުވަނީސް ފިޔަވަޅު އަޅާނީ ކޮން ހަމައަކުންތޯ، މީގެ ކުރިން "ހަވީރު" ނޫހާއި "އާފަތިސް" ނޫހާއި "ރާއްޖެޓީވީ"ގައި ވެސް މަސައްކަތްކުރެއްވި ފިޔާޒް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ބިލާ ގުޅޭގޮތުން މަޝްވަރާކުރަން ޖެހޭ ކަމެއް ނެތް ކަމަށާއި، ނޫސްވެރިން ބިލާ މެދު ދެކޭގޮތް ސާފު ކަމަށެވެ. "އެއަށްވުރެ މާ ގޯސް ބިލެކޭ މީ، މިއީ އެއްގޮތަކަށް ވެސް ބަހުސްކުރަން އިށީންނަ ވަރަށް ވުރެ ވެސް ގޯސް ބިލެއް،" ފިޔާޒް ވިދާޅުވިއެވެ. "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑުގެ ރައީސް އަހްމަދު ޒާހިރު (ހިރިގާ) -- ސަން ފޮޓޯ/ މުހައްމަދު މާނިއު ބިލު ހުށަހެޅުއްވި އަބްދުލްހަންނާނަށް ފާޑުވިދާޅުވެ ފިޔާޒް ވިދާޅުވީ، 20 ވަނަ މަޖިލީހަށް ދޮޅުއަހަރުވީއިރު މީޑިއާ ކޮންޓްރޯލްކުރުން ނޫން އެހެން އެއްވެސް މަސައްކަތެއް ހަންނާން ނުކުރައްވާ ކަމަށެވެ. "މިއީ އެބޭފުޅާގެ (ހަންނާންގެ) ނިޔަތެއް އޮވެގެން ކުރާ ކަމެއްނޫން، މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަޑީގައި ހުންނަވައިގެން ޕީއެންސީ މެދުވެރިކޮށް ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ. ހަންނާން މީގެ ކުރިން ވެސް މީޑިއާތައް ރެގިއުލޭޓް ކުރުމާ ގުޅޭ ބިލެއް ހުށަހެޅުއްވި ނަމަވެސް އެ ބިލް ބޭރުކޮށްލީއެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު އެ ޕާޓީގެ މެންބަރުން ވަނީ ބިލަށް ތާއިދުކޮށް ވާހަކަދައްކަވައިފައެވެ. މީގެ ކުރިން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރޭ ރައީސް ވަނީ، އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށް ޕީއެންސީގެ މެންބަރުންނަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/210440 ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައިވެއެވެ. އެ ބިލަށް ތާއީދުކޮށް މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވާހަކަދައްކަވައިފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އެ ބިލު ހުށަހެޅީ، އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި އަމިއްލަ މެންބަރެއް ކަމަށްވީ ނަމަވެސް، ބިލުގެ ފަހަތުގައި ތިބީ ސަރުކާރު ކަމަށް އިދިކޮޅާއި މީޑިއާ ޖަމިއްޔާތަކުން ވެސް ބުނެއެވެ. އެ ތުހުމަތުކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ވިދާޅުވެފައެވެ. އިދިކޮޅާއި މީޑިއާތަކުގެ ހައްގުތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ