ކުޅުދުއްފުށި ޕޯޓުގެ ޚިދުމަތްތައް ފުޅާކޮށްފި، ދެން ޑިއުޓީ ދައްކަން ނުޖެހޭނެ!

މުދާ ގުދަންކޮށް ބެހެއްޓޭނެ ނިޒާމު، ގާއިމުކޮށް ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރުން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމާއެކު ދެން އެ ބަނދަރަށް ބާލާ މުދަލަށް ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ. ރައީސް މުއިއްޒު މިވަގުތު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައިި އެ ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމާއި، ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯނެއް ގާއިމުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ވަނީ ހަވާލުކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާންއެވެ. ކުޅުދުއްފުށި ޕޯޓުގައި އައު ޚިދުމަތްތަކެއް ތައާރަފުކުރުން -- ފޮޓޯ/ ރައީސް އޮފީސް މީގެ އިތުރުން ކުޅުދުއްފުށީ ވިޔަފާރި ބަނދަރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ހަތަރު ޚިދުމަތެއް ވަނީ އިފްތިތާހުކޮށްފައެވެ. މި ޚިދުމަތްތަކަކީ މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތައާރަފްކުރި ޚިދުމަތްތަކެކެވެ. އެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ވެސް މިނިސްޓަރު ސައީދެވެ. އެ ހަތަރު ޚިދުމަތަކީ: ޑިއުޓީ ނުދައްކާ ކާޑުގެ ބާވަތްތަކާއި އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ބޮންޑެޑް ޒޯންގެ ޚިދުމަތް ފެށުން. ޓޫރިސްޓް ރިސޯޓުތަކަށް ގެންނަ ރެސްޓްރިކްޓެޑް މުދާ ކުޅުދުއްފުށީ ބަނދަރުގައި ބަހައްޓާ ބޮންޑެޑް ވެއާހައުސްގެ މަސައްކަތް ފެށުން. ކުޅުދުއްފުށީ ބަނދަރުގެ މަގަތު ފާލަމުގެ އެއްބައި ޑޮމެސްޓިކް އުޅަނދުތަކަށް ޚާއްސަކޮށް، ސީދާ ކުޅުދުއްފުށި ބަނދަރުން މުދާ ލޯޑުކޮށްގެން ރަށްރަށަށް މުދާ ފޮނުވުމުގެ ނިޒާމު ގާއިމުކުރުން. ކޮންސްޓްރަކްޝަންގެ މަސައްކަތަށް ބޭނުންވާ ހިލައާއި ހިލަވެލި ރައްކާކުރުމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައި އެ ޚިދުމަތް ފެށުން. މި ޚިދުމަތްތަކާއެކު ވިޔަފާރިވެރިންނަށާއި ރިސޯޓުތަކަށް ކުޑަ އަގެއްގައި މުދާ ބެހެއްޓޭނެ ނިޒާމެއް ގާއިމުވީއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު އަލަށް ފެށި ޚިދުމަތްތަކާއެކު ރާއްޖޭގެ ކެއިން ބުއިމުގައި ބޭނުންކުރާ ހުރިހާ ސާމާނެއް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރެވުނީ ކަމަށެވެ. އަދި އެ ތަނަށް މުދާ ގެނެސް ބޭލިޔަސް ދެން އިތުރަކަށް ޑިއުޓީއެއް ނުނަގާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ޑްރައި ގުޑްސް، ފްރިޖުގައި ޓެމްޕަރޭޗާ ކޮންޓްރޯލްކޮށްގެން ބެހެއްޓޭ ހުރިހާ ސާމާނެއް، ރެސްޓްރިކްޓެޑް ގުޑްސް، ޖެނެރަލް ކާގޯގެ އިތުރަށް ބަލްކް ކާގޯ ސްޓޯކުރެވޭނެ ވަސީލަތްތައް ދެން ކުޅުދުއްފުށީގައި ގާއިމްވެގެން މި ދިޔައީ. މިތަނަށް މުދާ ގެނެސް ބޭލުމަކުން ދެނެއް ޑިއުޓީއެއް ނުނަގާނެ، ކުޅުދުއްފުށި ޕޯޓުގައި އައު ޚިދުމަތްތަކެއް ތައާރަފުކުރުން -- ފޮޓޯ/ ރައީސް އޮފީސް ދެން ހަމައެކަނި ޑިއުޓީ ނަގާނީ ކުޅުދުއްފުށިން ރާއްޖޭގެ އެހެން ރަށްތަކަށް ނެރޭ ނުވަތަ ފޮނުވާ މުދަލަށް ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތަށް ނެގޭ ޑިއުޓީ މޯލްޑިވްސް ކަސްޓަމްސްއިން ކަނޑައަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި އެފަދަ ސަރަހައްދުތަކަށް ކިޔަނީ 'ޑިއުޓީ ފްރީ ޒޯން' ކަމަށާއި ކުޅުދުއްފުށީގައި ވެސް މިއަދު ފެށީ އެފަދަ ކުޑަ ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދު ތަރައްގީކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމްޕީއެލްއިން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ސައީދު ވަނީ އަރުވާފައެވެ. ވިޔަފާރިކުރުމުގެ ކޭޝްފްލޯ އިތުރަށް އެހެން ކަންކަމަށް ބޭނުންކުރުމުގެ އިތުރު ފުރުސަތެއް ފަހިވެގެން މިދިޔައީ. [ކުޅުދުއްފުށްޓަށް] ލޯކަލް ޕޯޓަކާއި އިންޓަނޭޝަނަލް ބަނދަރެއް މިހާރު ގެނެވިފައި މިވަނީ، ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިން އެފިޝިއެންސީ އިތުރުކޮށް މުދާ ގެނައުމަށް ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ހެޔޮ އަގެއްގައި އަތޮޅުތެރެއަށް މުދާ އެތެރެކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ. ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް 2020ގައި އިންޑިއާގެ ކޮޗިންއިން ކާގޯ ފެރީގެ ޚިދުމަތް ފެށިއެވެ. ނަމަވެސް އެ ބަނދަރަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން 1000 ޓަނުގެ ބޯޓުތަކަށެވެ. އެއަށްވުރެ ބޮޑު ބޯޓެއް އެ ޕޯޓަށް މުދާ ހިފައިގެން ގޮސްފިނަމަ މުދާ ހުސްކުރަން ޖެހެނީ ބޭރުގައި ބާއްވައިގެން ބާޖަކަށް ނޫނީ ދޯންޏެއް ބޭނުންކޮށްގެން ކަމަށް މީގެ ކުރިން އެމްޕީއެލްއިން ބުނެފައިވެއެވެ. އެހެންވެ، ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ވެސް އެމްޕީއެލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ