ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދެނީ

ކަށި މިޔަރުގެ މަސްވެރިކަމަށް މިއަހަރުގެ ނޮވެމްބަރު މަހު ހުއްދަ ދޭނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ރައީސް މިވަގުތު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަލުން ކުރުމަށް ހުއްދަ ދެއްވާނެކަން އިއުލާނުކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެކަމަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލާފައިވާ ކަމަށެވެ. [ކަށި މިޔަރުގެ މަސްވެރިކަމަށް] ޕްލޭނެއް އެކުލަވައިލާ ނިމިއްޖެ. މި ޕްލޭންގެ ދަށުން އެކެއް ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވައިލާނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިޔަރުގެ މަސްވެރިކަން -- ފައިލް ފޮޓޯ ރައީސް ވިދާޅުވި ގޮތުގައި އެކަން ހުއްދަކުރެވިގެން ދިޔުމާއެކު އެއީ ހުޅުވިގެންދާ ވަރަށް މުހިންމު ދޮރަކަށްވާނެއެވެ. ކުޅުދުއްފުށްޓަކީ މީގެކުރިން ވެސް ކަށި މިޔަރުގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރި ބަޔަކެވެ. ޚާއްސަކޮށް މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެކި ފަރާތްތަކުން ސަރުކާރުގައި އެދުނެވެ. https://sun.mv/196123 ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން މީގެ ކުރިން ވަނީ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ވެސް ނިންމައިފައެވެ. އެކަމަކު، ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވައި، ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމައިފައެވެ. އެ ކަމާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އޭރު ވިދާޅުވީ، ލޭނު މަސްވެރިކަމުން ވާން އޮތް ފައިދާއަށްވުރެ ބޮޑަށް ރައީސް ވިސްނެވީ އެ ސިނާއަތުގައި މަސައްކަތްކުރާ ބޭފުޅުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދެއްވަން ކަމަށެވެ. ބައެއް ސިނާއަތްތަކާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތައް އެ ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ކަންބޮޑުވުމާއެކު މީގެ ކުރިން ބަދަލުކުރައްވާފައި ވެސް ވެއެވެ. ނިންމުންތައް ނިންމަވައި އަނބުރާ ގެންދަވާތީ، އެކަމާ ގުޅިގެން މީގެކުރިން ވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ