ކިޔަވަން ދިން ފުރުސަތުގައި ނުކިޔަވައި ބޮންޑު ވެސް ފުރިހަމަނުކުރުމުން ހަތްލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ ކިޔަވަން ދިން ފުރުސަތުގައި ނުކިޔަވައި ބޮންޑު ވެސް ފުރިހަމަނުކުރުމުން ހަތްލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

އެސްޓީއޯގެ ސްޕޮންސާގައި ކިޔަވަން ދިން ފުރުސަތުގައި ނުކިޔަވައި އެ ކުންފުންޏާއެކު ވެފައި އޮތް ވަޒީފާގެ ބޮންޑުގެ މުއްދަތު ވެސް ފުރިހަމަނުކޮށް ވަޒީފާއިން ވަކިވި މުވައްޒަފަކު އެ ކުންފުންޏަށް ހަތް ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަރިޔަމް ހަނާން، މ. މިރިހިމާގެ، މާލެ، ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި އަންގާފައި ވަނީ އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި 770،311ރ. އެސްޓީއޯއަށް ދެއްކުމަށެވެ.
އެ ފައިސާއަކީ މީގެ 15 އަހަރު ކުރިން 2010 ވަނަ އަހަރު އެސްޓީއޯގެ ހަރަދުގައި ކިޔެވުމަށްވެފައި އޮތް އިގުރާރުގެ ދަށުން އޭނާ ކިޔެވި ކޯހަށް އެސްޓީއޯއިން ދެއްކި ފައިސާގެ ތެރެއިން ޑިސެމްބަރު 16، 2024 ގެ ނިޔަލަށް ހަނާން ނުދައްކާ ހުރި ފައިސާ އެވެ.
ހަނާންގެ މައްޗަށް ސިވިލް ކޯޓުގައި އެސްޓީއޯއިން ކުރި ދައުވާގައި ބުނެފައި ވަނީ އެ ކުންފުންޏާއެކު ހަނާން ވެފައި އޮތް އެއްބަސްވުމާ އެއްގޮތަށް އޭނާ ކިޔެވުން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ. އަދި ކޯސް ނިންމުމަށްފަހު ފަސް އަހަރު އެ ކުންފުންޏަށް ހިދުމަތް ކުރަންޖެހޭނެ ކަމަށް ދެފަރާތުގެ ދެމެދުގައި ވެފައި އޮތް އިގުރާރާ ވެސް ހިލާފަށް އެ މުއްދަތު ހަމަ ނުކޮށް ވަޒީފާއިން ހަނާން ވަކިވެފައިވާ ކަމަށް އެސްޓީއޯގެ ދައުވާގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމު މިދިޔަ މެއި 19، ގައި ހަނާންއަށް ފޮނުވައިފަ އެވެ. އަދި ދައުވާ ފޯމު ލިބުނުކަން އަންގައި ދައުވާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދޭން ޖޫން 3، ގައި ހަނާން އެދުނު ކަމަށް ވެސް ސިވިލް ކޯޓުގެ ގަޒިއްޔާގައި ބުނެފައިވެ އެވެ.
ނަމަވެސް ދިފާއު ހުށަހެޅުމުގެ މުއްދަތު ޖޫން 17، އަށް ހަމަވިއިރު ވެސް ހަނާންގެ ފަރާތުން އެއްވެސް ދިފާއުއެއް ހުށަހަޅާފައި ނުވާ ކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާގައިވެ އެވެ. އެހެންކަމުން، އެ މައްސަލައިގައި ހަނާންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އޭނާގެ ގައިރު ހާޒިރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ