ރެއާލް ފެންނަނީ ވަރުގަދަކޮށް، އެމްބާޕޭގެ ވިދުން ގަދަ ރެއާލް ފެންނަނީ ވަރުގަދަކޮށް، އެމްބާޕޭގެ ވިދުން ގަދަ

މެޑްރިޑް (އޮގަސްޓް 25) - ސްޕެނިޝް ލީގުގައި ކީލިއަން އެމްބާޕޭ ޖެހި ދެ ގޯލާ އެކު، ރެއާލް މެޑްރިޑުން 3-0 އިން ރެއާލް އޮވިއޭޑޯ އަތުން މޮޅުވެއްޖެ އެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި އޮސަސޫނާ ބަލިކުރީ އެމްބާޕޭ ޖެހި ޕެނަލްޓީންނެެވެ.
ދެ ވަނަ މެޗުގައި ރޭ ރަށުންބޭރުގައި ކުުޅުނުއިރު، ރެއާލްގެ ފުރަތަމަ ހަމަލާ ތިން ވަނަ މިނިޓްގައި ފޮނުވާލީ ރޮޑްރީގޯ އެވެ. ރެއާލުގައި މުސްތަގުބަލެއް އޮތްކަމާ މެދު ސުވާލު އުފެދިފައިވާ ރޮޑްރީގޯ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މި މެޗުގައި ފޮނުވާލި ބޯޅަ ދިޔައީ އޮވިއޭޑޯގެ ކީޕަރު، އާރޮން އެސްކަންޑެލީ އަތުގައި ޖެހިފަ އެވެ.
ރެއާލުން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ވަގުތުތަކެއްގެ ތެރޭގައި، މެޗުގެ 37 ވަނަ މިނިޓްގައި އެ ޓީމުން އެމްބާޕޭ ޖެހި ގޯލުން ލީޑުނެގި އެވެ. ރަނގަޅު ފޯމެއްގައި ސީޒަން ފެށި، އެމްބާޕޭ މި ލަނޑު ޖެހީ އެ ޓީމުގެ އާޑާ ގުލާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ. މެޗުގެ 81 ވަނަ މިނިޓްގައި އޮވިއޭޑޯ އަށް ނަތީޖާ ހަމަަހަމަކޮށްދޭން ކްވާސީ ސީބޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އޮވިއޭޑޯ އިން ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު ނަގާލިތާ މިނިޓެއް ފަހުން، ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ވެސް އެމްބާޕޭ އެެވެ. މިއީ ބަދަލަކަށް ކުޅެން އެރި ރެއާލުގެ ވިނީޝީއުސް ޖޫނިއާ ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ.
އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ރެއާލްގެ ފަހު ލަނޑު ޖެހީ ވިނީޝިއުސް އެވެ. މިއީ، ކައުންޓަ އެޓޭކެއްގައި، ބްރަހިމް ޑިއާޒް ދިން ބޯޅައަކުން ހަމަޖެހިލައިފައި ވިނީޝިއުސް ޖެހި ލަނޑެކެވެ. އޭގެ ކުރިން، އޮވިއޭޑޯ އިން ފޮނުވާލި ރަނގަޅު ހަމަލާއެއް ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ