އަދީބު އިންޒާރު ދެއްވި ކަމަށް ބުނާ ވާހަކަ އަށް އުމަރު އެއްޗެކޭ ވިދާޅެއް ނުވި!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެ ފުލުހުން ފާސްކޮށްފައި ވަނީ، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ނާޒިމަށާއި ހޯމް މިނިސްޓަރު އުމަރު ނަސީރަށް އިންޒާރު ދެއްވާފައި ވަނިކޮށް ކަމަށް، ނާޒިމްގެ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި ވާހަކަ އަށް، އެއްޗެއް ވިދާޅުވާން އުމަރު މިއަދު ދެކޮޅު ހައްދަވައިފި އެވެ. ނާޒިމްގެ ވަކީލުން މިނިސްޓަރު އަދީބަށް އެ ތުހުމަތު ކޮށްފައި ވަނީ، ނާޒިމްގެ މައްޗަށް އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމާއި ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި އިއްޔެ ބޭއްވި އަޑުއެހުމުގަ އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި، ނާޒިމްގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި، ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް، މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ، ފުލުހުން ވަދެ ފާސްކުރުމުގެ ދެ މަސްދުވަސް ކުރިން، ނާޒިމާއި އުމަރަށް ކުރެއްވި ކޮންފަރެންސް ކޯލެއްގައި، އެ ދެ ބޭފުޅުންނަށް ހޭއަރުވާލާނެ ކަމަށް ވިދާޅުވެ އަދީބު އިންޒާރު ދެއްވާފައިވެ އެވެ. އެކަމާ ބެހޭ ގޮތުން "ހަވީރު"ން ސުވާލު ދެންނެވުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް، އުމަރު ވިދާޅުވީ "ކޯޓުގައި އޮތް މައްސަލައަކަށް ވާތީ، [ތިކަމާ] ބުނާނެ އެއްޗެއް ނެތް" ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ. ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ނާޒިމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައި ވަނީ، ނާޒިމްގެ ގެ ބަލައި ފާސްކުރުމުގެ ދެ ދުވަސް ކުރިން، އަދީބު ނާޒިމަށް ގުޅުއްވައި ނާޒިމް ދިރިއުޅުއްވަނީ ކޮން ގެއަކުތޯ އާއި އެ އެޕާޓްމަންޓްގައި ހުންނަނީ ކިތައް ކޮޓަރިތޯ ސާފުކުރެއްވި ކަމަށެވެ. ވަކީލު ވިދާޅުވެފައިވާ ގޮތުގައި، ނާޒިމާއި އަދީބާ ދެމެދު ކުރިން އޮތް ގުޅުން ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައީ، މާލޭގެ މަގުތަކުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ފުލުހުން ލައްވައި އުފުރި މައްސަލައިގައި، އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ނާޒިމް މެސެޖަކުން ދެންނެވުމުން ކަމަށެވެ. އެ ވާހަކަތައް އަދީބު ވަނީ ދޮގުކުރައްވައިފަ އެވެ. ދުވަހަކު ވެސް ނާޒިމަށް އިންޒާރެއް ނުދެއްވާ ކަމަށް ވިދާޅުވެ، އަދީބު ވަނީ، އެއީ އޭނާ "ފްރޭމްކުރުމަށް" ނާޒިމްގެ ވަކީލުން ދައްކަވާ ވާހަކަތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. ނާޒިމްގެ މައްޗަށް ހަތިޔާރު އެތެރެކޮށް، ގެންގުޅުމުގެ ދައުވާ އުފުލީ، އޭނާގެ އެޕާޓްމަންޓުން، ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަނުގެ އިތުރުން، ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލާ ދޭން ރާވާފައިވާކަން ހާމަވާ މައުލޫމާތު ހުރި ޕެންޑްރައިވެއް ފެނިފައިވާ ކަމަށް ބުނެ އެވެ. އިއްޔެގެ އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ހެކިތައް ދިރާސާ ކުރުމަށް ފަހު، ދިފާއީ ހެކި ހުށަހަޅަން ނާޒިމްގެ ވަކީލުން އެދިވަޑައިގަތުމުން، ފަނޑިޔާރުންގެ މަޖިލީހުން ވަނީ ތިން ދުވަސް ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ