"ޕޮޒިޓިވް"ކޮށް ވިސްނާ ބަޔަކަށް ޒުވާނުން ވާންޖެހޭ: އުމަރު

ޒުވާނުން ހެޔޮ މަގަށް އެޅުވުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަމުން އަންނަ ކަމަށާއި އެ ގޮތުން ކާމިޔާބު ޒުވާނުންނަށް ވުމަށްޓަކައި "ޕޮޒިޓިވް"ކޮށް ވިސްނާ ބަޔަކަށް ޒުވާނުން ވާންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. އިސްލާމީ ޒުވާން ލީޑަރުން އުފެއްދުމުގެ މަގުސަދުގައި ބާއްވާ ބައިނަލްއަގުވާމީ އިލްމުވެރިންގެ ކޮންފަރެންސް ފައްޓަވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕޮޒިޓިވްކޮށް ވިސްނާނަމަ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. މި ސަރުކާރުން ކޮންމެ އަހަރަކު ވެސް ޒުވާނުންނަށް ހާއްސަކޮށްގެން 300 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު އޭގެ ތެރެއިން މިހާރު ވެސް ގިނަ ކަންތައްތަކެއް ކޮށްދެމުން އަންނަކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާނުން ދުޅަހެޔޮ ކަމުގައި ބޭތިއްބުމާއި ހެޔޮ ގޮތުގައި ބޮޑުކުރުމާއި ތައުލީމު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ޕޮޒިޓިވްއާ ހިލާފަށް ނެގެޓިވްކޮށް ވިސްނައިފިނަމަ ކިތަންމެ ގިނަ ފުރުސަތުތަކެއް ލިބުނަސް ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ. ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ މަސައްކަތްތަކަށް ފަރުވާ ބަހައްޓައި މުރާލި މީހަކަށް ވާންޖެހޭކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ކިޔަވައިގެން ތިބޭ ބައެއް ޒުވާނުން އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބުއްދިވެރި ގޮތަކީ އެންމެ ފުރަތަމަ ލިބެން އޮތް ވަަޒީފާއެއް އަދާކުރުން ކަމަށެވެ. "ކިޔެވުމަށްޓަކައި ވެސް މައިންބަފައިންގެ ލާރި. ހެދުން ގަންނަން ވެސް މައިންބަފައިންގެ ލާރި. އެހެން ހުރިހާ ކަމަކަށް ވެސް މައިންބަފައިންގެ ލާރި،" ޔުނިވާސިޓީގައި އޮޑިޓޯރިއަމްގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ. "ބޭނުންފުޅުވާ ވަޒީފާއެއް ނުލިބިދާނެ. އެކަމަކު އަޅުގަނޑުގެ އަދި ސަރުކާރުގެ ވެސް އެދުމަކީ ލިބެން އޮތް ވަޒީފާ ފުރަތަމަ އަދާކުރުން. އެ ވަޒީފާގައި ދެމިހުންނާށޭ ބޭނުންފުޅުވާ ވަޒީފާ ލިބެންދެން. އެ ލިބެން އޮތް ވަޒީފާ އެއީ އެންމެ ހިތްގައިމު ވަޒީފާއަށް ނުވެދާނެ،" ރާއްޖޭގައި އެންމެ އާދައިގެ އަދި މެދު ފަންތީގެ މަސައްކަތުގައި ވެސް ބިދޭސީން ގެންގުޅޭ ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންތައްކުރާ ގޮތެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑަށް ޔަގީން އެއްވެސް ގައުމަކުން މި ދެ ކެޓަގަރީ ފިލްކުރުމަށްޓަކައި، ލޯ ކެޓަގަރީގެ ލޭބަރުން ފެންވަރުގައި މަސައްކަތް ކުރާ މީހުންނާއި މެދު ފަންތީގައި މަސައްކަތްކުރާ މީހުން ފިލް ކުރުމަށްޓަކައި އެހެން ގައުމުތަކުންނެއް މީހުން ނުގެނޭ. އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި އެބަ ގެނޭ،" މިނިސްޓަރު ވިދާޅުވި އެވެ. މެދު ފަންތީގެ ވަޒީފާތަކަށް ޒުވާނުން ނިކުމެ ބޭނުންވާ އެހެން ވަޒީފާއެއް ލިބެންދެން މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. "ރެސްޓޯރެންޓެއްގައި ވަރަށް މަދުވާނެ ދިވެއްސަކު ފެންނާނެ ރެސްޓޯރެންޓް. މިއީ އަޅުގަނޑުމެންގެ ޒުވާނުންގެ ވިސްނުމަށް އައި ބަދަލު. އަޅުގަނޑުމެންނަށް ހީވަނީ ތިމަންނަ އިށީންނަންވާނީ ޓައި އަޅައިގެން މޭޒެއް ކައިރީ އިންނަ ވަޒީފާގައޭ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ދީނާއި ގާނޫނު ހުއްދަދޭ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން ކަމަށެވެ. "އެއަށްވުރެ މާ ހަޑި މަސައްކަތަށް ވާނީި އެހެން މީހަކަށް އަތް ދިއްކޮށްފައި ތިމަން ކޮފީއެއް ބޯން 20 ރުފިޔާ ދޭށޭ ބުނުން. ނޫނީ މަންމަ ކައިރީގައި ކޮފީއެއްް ދޭށޭ ބުނުން އެއީ މާ ހަޑި ކަމެއް. އޭނާ ތަނެއްގެ ސައިކަލް ފޮހެގެން 50ރ. ހޯދުމަށްވުރެ،" މިނިސްޓަރު ވިދާޅުވި އެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި މުސްލިމް ފަސް ގައުމެއްގެ ނުވަ އިލްމުވެރިން ބައިވެރިވަޑައިގަންނަވަ އެވެ. ރާއްޖޭގެ ފަރާތުން މި ކޮންފަރެންސްގައި ވާހަކަދައްކަވާނީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޖަމިއްޔަތުއް ރަހުމާ އާއި މޯލްޑިވިއަން ޔޫތު ލީގު ގުޅިގެން "ރޯލް އޮފް ޔޫތުު އިން ދަ ފިއުޗާ އޮފް ދި އުއްމާ"ގެ ނަމުގައި ކުރިއަށްގެންދާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ