އެމްޑީޕީން ނޮޅިވަރަމު ދާއިރާގެ ޓިކެޓް އެހެން މީހަކަށް ދީފި

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމު ދާއިރާ އަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ލިބިފައިވާ ކެންޑިޑޭޓްގެ ނަން ބާތިލުކޮށް، އެހެން މީހަކަށް ބުރާސްފަތި ދުވަހު ޓިކެޓް ދީފި އެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި ޕްރައިމަރީއަކާ ނުލައި ނޮޅިވަރަމު ދާއިރާގެ ޓިކެޓް ލިބުނު އުބައިދުﷲ މުއާޒުގެ ޓިކެޓް ބާތިލުކުރީ އޭނާ ކެމްޕޭނަށް އެއްބާރުލުން ނުދެއްވާތީ އާއި އޭނާއާ ބެހޭ ގޮތުން އެ ދާއިރާގެ ރަށްތަކުން ޝަކުވާ ލިބިފައިވާތީ ކަމަށް ވަހީދު ވިދާޅުވި އެވެ. އެ ދާއިރާގެ ޓިކެޓް މިހާރު ދީފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ކުރިން ވާދަކުރައްވައި ނާކާމިޔާބުވި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާރިފަށެވެ. "އުބައިދުﷲގެ ޓިކެޓް ބާތިލުކޮށް އެ ދާއިރާ އަށް ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވުމުން ހުށަހެޅުއްވީ އަލީ އާރިފު އެކަނި. އެ ދާއިރާގެ ޕްރައިމަރީ އަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު ނަން ހުށަހަޅުއްވާފައި އޮތީ އަލީ އާރިފު އެކަނި ކަމަށްވާތީ އޭނާ އަށް އެ ދާއިރާގެ ޓިކެޓް ވަނީ ލިބިފައި،" ވަހީދު ވިދާޅުވި އެވެ. އަލީ އާރިފު ފިޔަވައި، އެމްޑީޕީގެ ފަރާތުން މަޖިލީހުގެ އިމްތިހާބަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ފޯމް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އަލީ އާރިފުގެ ފޯމް ހުށަހެޅުއްވޭނީ އޭނާގެ ކުށުގެ ރެކޯޑް ސާފުކޮށް ނިމުމުން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. މާޗް 22 ގައި ބާއްވާ އިންތިހާބުގައި، އެމްޑީޕީން މަޖިލީހުގެ 85 ދާއިރާ އަށް ވެސް ވާދަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ