ރަތް ކާޑަކީ ކޯއްޗެއް ކަމެއްވެސް ނޭނގެ، ބަލޮގަން ކުރީ ފައުލެއް ނޫން: ޓްރަމްޕް
ފުޓުބޯޅައިގައި ރަތް ކާޑަކީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށާއި ފޯލަރިން ބަލޮގަން ކުރީ ފައުލެއް ކަމަށް ގަބޫލުނުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އެމެރިކާއާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ކުރިން، އެމެރިކާގެ ތަރި ފޯލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އައި އެއް މެޗުގެ ސަސްޕެންޝަން ފީފާއިން އުވާލުމާ ގުޅިގެން ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި އެ ނިންމުން މުރާޖައާކުރުމަށް އެދިވަޑައިގެންނެވި ކަމަށް އިއުތިރާފްވެވަޑައިގެންފައެވެ. ޓްރަމްޕް ވިދާޅުވީ، ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން އެމެރިކާ މޮޅުވި މެޗުގައި ރެފްރީ، ބަލޮގަންއަށް ރަތްކާޑު ދެއްކިއިރު، އެއީ ފައުލެއް ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ. "އަހަރެން އެދުނީ އެކަން އަލުން ބަލައިދިނުމަށް. ސަބަބަކީ އެއީ ފައުލެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން ފުޓްބޯޅައިގެ ގަވާއިދުތަކަށް އަހުލުވެރި ނޫންކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ރަތް ކާޑަކީ ކޯއްޗެއް ކަމެއް އަދި އޭގެ ނަތީޖާއަކީ ކޮބައިކަމެއްވެސް ކުރިން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. "އަހަންނަކަށް ނޭނގެ ރަތް ކާޑަކީ ކޯއްޗެއް ކަމެއްވެސް. އެކަން އެނގުނު ވަގުތު އަހަރެން ބުނިން ތިއީ މަޖަލަކަށް ކުރި ކަމެއްބާއޭ،" ޓްރަމްޕް ވިދާޅުވިއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެ ހާދިސާ ހިނގި ގޮތާމެދު އޭނާ ދެކޭގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ. ކުޅިވަރަށް ލޯބިކުރާ އަދި ކުރިން ރަނގަޅު އެތުލީޓެއްގެ ގޮތުގައި އަމިއްލަ ނަފްސު ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެއީ ގަވާއިދާ ހިލާފުވުމެއްވެސް ނޫން ކަމަށާއި، އެއީ ބާރު ސްޕީޑްގައި ދުވި ދެ ކުޅުންތެރިން އެކަކު އަނެކަކުގެ ގައިގާ ޖެހިގެން ދިމާވި ކަމެއް ކަމަށެވެ. މެޗުގެ ރެފްރީ ބްރެޒިލްގެ ރަފައެލް ކްލައުސްއަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ އޭނާއަކީ ވަރަށް ޝައްކު ބޮޑު މީހެއް ކަމަށާއި، އޭނާ ނިންމި ނިންމުމަކީ އެއްވެސް މީހަކަށް ގަބޫލުކުރަން ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުންކޮށްގެން މެޗު ލަސްކޮށްގެން ބެލުމުން، އާދައިގެ ކަންކަންވެސް ބޮޑު އަނިޔާވެރި އަމަލެއްގެ ގޮތުގައި ފެނިގެންދާކަމަށް ވިދާޅުވިއެވެ. ފީފާގެ ރައީސަށް ގުޅުއްވި ނަމަވެސް، ވަކި ގޮތަކަށް ނިންމުމަށް އެދި ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެން އޭނާއަށް ކުރަންވީ ކަމެއް ނުބުނަން، އަހަންނަކަށް ނުވެސް ބުނެވޭނެ. އަދި އޭނާ (އިންފަންޓީނޯ) އަމިއްލައަށް އެ ނިންމުން ނިންމި ކަމަކަށްވެސް އަހަރެން ގަބޫލެއް ނުކުރަން،" މި ނިންމުމަކީ ފީފާގެ މިނިވަން ކޮމިޓީއަކުން ނިންމި ނިންމުމެއްކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ. ބެލްޖިއަމްއަކީ ވަރުގަދަ ޓީމެއްކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެންމެ މުހިންމު ކުޅުންތެރިޔާ ނުލައި މެޗު ކުޅެންޖެހުނު ނަމަ މުޅި މުބާރާތުގައި ބޮޑު ލައްގަނޑެއް ޖެހުނީސް ކަމަށެވެ. އެމެރިކާ ބަލިވެއްޖެ ނަމަ، 2020 ގެ އިންތިޚާބެކޭ އެއްގޮތަށް މިއީވެސް އޮޅުވާލުމެއްކަމަށް ވިދާޅުވާނެ ކަމަށް ސަމާސާ ރާގަކަށް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ފީފާގެ ތާރީޚުގައިވެސް ރަތް ކާޑެއް ދެއްކުމުން އަންނަ އޮޓޮމެޓިކް ސަސްޕެންޝަން މިގޮތަށް އުވާލި ފުރަތަމަ ފަހަރުކަމަށް ބުނެ، މިއީ މުޅި ފުޓްބޯޅައިގެ އިންސާފަށް އަސަރުކުރާނެ ކަމެއް ކަމަށް ބެލްޖިއަމް ޓީމުން ވަނީ ބުނެފައެވެ. ނަމަވެސް ފީފާއިން ހާމަކުރި ގޮތުގައި ބަލޮގަންގެ ސަސްޕެންޝަން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނެއްގެ ދަށުން ފަސްކޮށްދިނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާއަށް ރިއާޔަތްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ