ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދެނީ

ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަށް މީގެ ދެ ދުވަސްކުރިން މައިނާ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަަށައިފި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބޭބެ، ހަމީދު، 76، އަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ކަންކަން ކުރިއަަށް ގެންދާ ކަމަށް އޭނާގެ އާއިލާގެ ބޭފުޅަކު މިއަދު ވިދާޅުވި އެވެ. ރައީސް ޔާމީނާއި މައުމޫން އިއްޔެ އޭޑީކޭ އަށް ވަޑައިގެން، ހަމީދުގެ ހާލު ބެއްލެވި އެވެ. މައުމޫން ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަދި ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ހަމީދު ފަހަކަށް އައިސް އުޅުއްވަނީ އާލާސްކަންފުޅާ އެވެ. ހާއްސަކޮށް އަނބިކަނބަލުން އަވަހާރަވި ފަހުން ހާލު އެހާ ރަނގަޅު ނޫން ކަމަށް އާއިލާއިން ވާހަކަ ދެއްކެވި އޭނާގެ ދަރިކަލުން މައުމޫން ހަމީދު ވިދާޅުވި އެވެ. އަބްދުﷲ ހަމީދުގެ އަނބިކަނބަލުން އަވަހާރަވީ ޖުލައި 1، 2013ގަ އެވެ. އަބްދުﷲ ހަމީދަށް ސްޓްރޯކެއް ޖެހުނުއިރު ރައީސް ޔާމީން އާއިލާގެ ބޭފުޅުންނަށް މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މުލީއާގޭގައި ދެއްވި ތަރާވީހަކަށް ވެސް ވަޑައިގަތެވެ. އަބްދުﷲ ހަމީދަކީ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް 1964 ގައި ހެދިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ވެސް ހަމީދެވެ. މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ސްރީ ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. އޭނާ އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ