މާލޭ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ގެ ގްރޫޕް ބީގައި ކްލަބް ޓީނޭޖްގެ މައްޗަށް ފަހަތުން އަރާ ކުރި ހޯދާ ބީޖީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިމެޗު ބީޖީ ކާމިޔާބުކުރީ 4-3 އިންނެވެ.
ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ކްލަބް ޓީނޭޖުންނެވެ. މި ލަނޑު ފުރަތަމަ ހާފްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ޓީމުގެ ބިދޭސީ މިޑްފިލްޑަރ އަނަސް އިބްރާހިމް އައްބާސްއެވެ.
ބީޖީއިން އޭގެ ކުޑަ އިރުކޮޅެއް ފަހުން ވަނީ ލަނޑެއް ޖެހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ އަނޫ އަހުމަދެވެ.
މެޗުގައި ކްލަބް ޓީނޭޖުން ދެވަނަ ފަހަރަށް ލީޑުނެގީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ފޯވާޑް ހަސަން މުއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަށްފަހުވެސް ޓީނޭޖަށް ލީޑް ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. އެއީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެވެސް ފަހު މިނެޓުގައި ބީޖީއިން ޖެހި ލަނޑާއެކުއެވެ. މެޗުގައި ބީޖީއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ ފޯވާޑް އިބްރާހިމް ނިހާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެހެންނަަމަވެސް މިހާފްގައި ބީޖީއިން ވަނީ ތަފާތު ދައްކާފައެވެ. މެޗުގައި ބީޖީ ފުރަތަމަ ފަހަރަށް ލީޑު ނެގީ އަބްދުﷲ ފައުޒާން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ޓީނޭޖް ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަގޮތަކަށް ލިބުނު ހިލޭޖެހުން ގޯލުގެ މަތީ ކަނަށް ފޮނުވައިލައިގެން ފައުޒާން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބީޖީއިން މެޗުގައި ލީޑް އިތުރަށް ފުޅާކުރީ އިބްރާހިމް ނިހާންގެ ދެވަނަ ލަނޑާއެކުއެވެ. ކްލަބް ޓީނޭޖްގެ 3 ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން އަނަސް އަބްރާހިމް އައްބާސް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިއީ ގްރޫޕް ބީގައި މިދެ ޓީމްވެސް ކުޅުނު ދެ ވަނަ މެޗެވެ. ކްލަބް ޓީނޭޖް ދެ މެޗުންވެސް ބަލިވިއިރު މިއީ ބީޖީ މިމުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ.
ފަހަތުން އަރާ ޓީނޭޖްގެ މައްޗަށް ބީޖީ ކުރި ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ