ވިޔަފާރިތަކުގެ ކަރަންޓް އަގު ބޮޑުކުރީ އައްޑޫގެ އިގްތިސާދު ހަލާކުކޮށްލަން: ޑެޕިއުޓީ މޭޔަރު

ވިޔަފާރިތަކުގެ ކަރަންޓް އަގު ބޮޑު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެއީ އައްޑޫގެ އިގުތިސާދު ހަލާލުކޮށްލައި، ރައްޔިތުން ނިކަމެތި ކުރަން ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށް އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ރޭ ވިދާޅުވެއްޖެ އެވެ. ކަރަންޓުގެ މައްސަލައިގައި ވިޔަފާރިވެރިންނާ އެކު ކައުންސިލުން ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ފެނަކައިން "ކުއްލި ގޮތަކަށް" ވިޔަފާރިތަކުގެ ކަރަންޓް ބިލް ބޮޑު ކުރީ އެފަދަ ކަމެއް ކުރަން ޖެހޭ ކަން ގަބޫލުކުރެވޭ ކަހަލަ ދަނޑިވަޅެއްގައި ނޫން ކަަމަށެވެ. ކަރަންޓް ބިލަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ހެޔޮވެފައިވާ ދަނޑިވަޅެއްގައި. އަޅުގަނޑުމެންނަކަށް ނުފެނޭ ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ކަރަންޓަށް ބަދަލެއް ގެންނަން ޖެހޭ އެއްވެސް ސަބަބެއް. އަޅުގަނޑުމެން ހޯދައިހޯދައި ވެސް އެ ސަބަބެއް ނުފެނުނު. އިތުރު އިންޖީނު ޕްރޮޖެކްޓެއް މިތާކު ހިނގަނީކީ ނޫން. މި ތަނުގެ އިންޖީނުގެތައް ހިންގާ ބިމަކުން ކައުމްސިލަށް ކުއްޔެއް ނަގަނީކީ ނޫން. އިތުރު އެހެން ޕްރޮޖެކްޓެއް [ފެނަކަ އިން] ހިންގަނީކީ ނޫން.--ތޮއްޔިބް ތޮއްޔިބު ތުހުމަތުކުރެއްވި ގޮތުގައި ވިޔަފާރިތަކުގެ ކަރަންޓް އަގު ބޮޑުކުރީ ސިޔާސީ މަގުސަދެއްގައި އެތައް ބަޔަކަށް ވަޒީފާ ދިނުމަށާއި މާލޭގައި ހުރި ފެނަކަގެ އޮފީސް އިމާރާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށާއި އެ ކުންފުނީގެ ވެރިން ރާއްޖޭން ބޭރަށް ދަތުރު ކުރަން ބޭނުންވާ ފައިސާ ރައްޔިތުން ގުރުބާންކޮށްގެން ހޯދުމަށެވެ. "އައްޑޫ ރައްޔިތުން [މި ކަންކަމަށް] ގުރުބާން ކުރަން ޖެހުމަކީ އަޅުގަނޑުމެން ގަބޫލް ކުރާނެ ކަމެއް ނޫން،" ތޮއްޔިބް ވިދާޅުވި އެވެ. ރޭގެ ބައްދަލުވުމުގައި ތޮއްޔިބް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ކަރަންޓް އަގު ބޮޑު ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް. ފޮޓޯ/ އަހުމަދު އަދުޝަން އޭނާ އަދި ވިދާޅުވީ ފެނަކައިން ވިޔަފާވެރިންނަށް ސަބްސިޑީއެއް ދިން ވާހަކަ ދެއްކިޔަސް އެ ބުނާ ސަބްސިޑީއެއް ދުވަހަކު ވެސް ލިބުނު ތަނެއް ނުދެކޭ ކަމަށެވެ. "އެހެން ނަމަވެސް ކުއްލި ބަދަލާ އެކު ސަރުކާރުން މި އަންގަނީ ތިމަންނަމެން ސަބްސިޑީސްއޭ މި ކަނޑާލީ. އެކަމަކު އެއީ ކޮން ދުވަހަކު ކޮން ބަޔަަކަށް ދިން ސަބްސިޑީއެއް ކަމެެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" ތޮއްޔިބް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިކަމާ ގުޅިގެން ވިޔަފާވެރިންނަށް ކުރިމަތިވި ދަތިތައް ހައްލުކޮށް ދޭން ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. "އަޅުގަނޑުމެން މިއަދު ހިތާމަ ކުރަން ޖެހޭ އަދި ލަދު ގަންނަން ޖެހޭ ކަމަކީ ފެނަކަ ކޯޕަރޭޝަނުގައި ތިއްބެވި ވެރިން މިކަމުގައި ޖަވާބުދާރީވާން ނެތްކަން. މިފަދަ ބޮޑު ކަމެއް ރައްޔިތުންނަށް ކުރިމަތިވެ، މުޒާހަރާކޮށް، އަދި ކައުންސިލުން މިކަމުގައި މަޝްވަރާތައް ކޮށް ހެދި އިރު ވެސް އެ ބޭފުޅުން [ފެނަކަ ކޯޕަރޭޝަންގެ ވެރިން] ހިތަކަށް ނާރާ ކުރީ ކޮން ކަމެއް ކަން ވެސް،" ތޮއްޔިބް ވިދާޅުވި އެވެ. "އެހެންވީމާ މިއީ ގަސްތުގައި ބަޔަކު އައްޑޫގެ އިގުތިސާދު ހަލާކުކޮށްލުމަށްޓަަކައި އަދި އައްޑޫ ރައްޔިތުން ނިކަމެތި ކުރަން ހިންގައިގެން އުޅޭ ޖަރީމާއެއް." މާޗް މަހުން ފެށިގެން ފެނަކަ އިން ވަނީ އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓްގެ އަގު ބޮޑުކޮށްފަ އެވެ. މިހާރު ވިޔަފާރިތަކަށް ބިލް ހަދަނީ 2009 ގައި އެނަޖީ އޮތޯރިޓީން ފާސްކޮށްފައިވާ ޓެރިފްތަކަށެވެ. ކުރިން ކަރަންޓު ދެމުން އައީ ރަސްމީ ރޭޓަށް ވުރެ ހެޔޮކޮށެވެ. އެނަޖީ އޮތޯރިޓީން ބުނެފައިވާ ގޮތުގައި އެއީ ސަރުކާރުން އާއްމުންނެކޭ އެއްގޮތަށް ވިޔަފާރިވެރިންނަށް ވެސް ސަބްސިޑައިޒްކޮށްދީފައި ހުރި އަގުތަކެކެވެ. ބިލް ބޮޑުވާން ދިމާވި މައިގަނޑު ސަބަބަކީ ވިޔަފާވެރިންނަށް ކުރިން ދެމުން ދިޔަ ސަބްސިޑީ އެންސްޕާ އިން ކަނޑާލުން ކަމަށް ފެނަކައި ވެސް ބުނެފައިވެ އެވެ. އެކަމަކު ވިޔަފާވެރިން ބުނަނީ އެ މީހުންނަށް ދުވަހަކު ވެސް ކަރަންޓް ސަބްސިޑީއެއް ނުލިބޭ ކަމަށާއި ފެނަކަ އިން ކަރަންޓްގެ އަގު ބޮޑު ކުރީ ކަމަށެވެ. ކަރަންޓްގެ އަގު ބޮޑުކުރި މައްސަލައަށް ހައްލެއް ލިބެންދެން، ވިޔަފާރިކުރާ ތަންތަން ބަންދު ކުރާ ގަޑި އަވަސްކޮށް، މުދަލުން ވަކި ޕަސެންޓެއް ބޮޑު ކުރަން އައްޑޫގެ ވިޔަފާރިވެރިންގެ ވޯޓަކުން ރޭ ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ