ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކޮށްގެން ޝަރުއީ ނިޒާމު އިސްލާހު ކުރެވޭނެތަ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ހައްޔަރުކުރުމަށް ފަހު، ޝަރުއީ ނިޒާމަށް ކުރިމަތިވާނެ އެންމެ ބޮޑު ކަންތައްގަނޑު މިހާރު މިވަނީ ލައިގެންފަ އެވެ. އެއީ ހަތް ފަނޑިޔާރުންގެ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން މަޖިލީހަށް ހުށަހަޅައި، އެ ބިލް ބަލައިގަތުމެވެ. ސުޕްރީމް ކޯޓުގެ މެމްބަރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު، އަމިއްލަ ގޮތުންނެވެ. ޝަރުއީ ނިޒާމު އިސްލާހުކުރުމާއި ސުޕްރީމް ކޯޓު ކުޑަކުރުމަކީ އެމްޑީޕީގެ ވިސްނުމަކަށް ކުރިން ވީ ނަމަވެސް އެ ބިލަށް އެމްޑީޕީން މިހާރަކު ތާއީދެއް ނުކުރެ އެވެ. ހައިރާންކުރުވަނިވި އަނެއް ކަމަކީ، ޕީޕީއެމުން މި ބިލަށް ތާއީދުކުރުމެވެ. ޖުޑިޝަރީ އިސްލާހުކުރުމަކީ ޕީޕީއެމުން މާ ގިނައިން ދައްކި ވާހަކައެއް ނޫނެވެ. ހާއްސަކޮށް، ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުމުގެ ވާހަކަ އެއްގޮތަކަށް ވެސް ދައްކާފައެއް ނެތެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީން ޖުޑިޝަރީއަށް ފާޑުކިޔަމުން ދިޔައިރު، ރައީސް އަބްދުﷲ ޔާމީން ގެންދެވީ ޖުޑިޝަރީ އަށް ތައުރީފްކުރައްވަމުންނެވެ. ރައީސް ޔާމީންގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ޖުޑިޝަރީ އިސްލާހުކުރުމުގެ ވާހަކަތައް އެއްވެސް ގޮތަކުން ނުހިމެނުމުން އެ ކަމަށް އެމްޑީޕީން ފާޑުކި އެވެ. އަދި އެ ފާޑުކިއުންތަކަށް ރައްދު ދެއްވުމުގެ ގޮތުން އެ މަނިކުފާނު ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ޝަރުއީ ނިޒާމްގެ ވާހަކަ ނުދެއްކެވީ އެ ނިޒާމަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށެވެ. ނަމަވެސް ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ލަސްވަމުން ދާކަން ގަބޫލުކުރައްވާ ކަމަށާއި އެކަން ހައްލުކުރަން ޝަރުއީ ދާއިރާއާ ގުޅިގެން މައްސަލަތައް އަވަސް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. އަދި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަން ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެ އެވެ. އެކަމަކު މަންޒަރު ފެންނަމުން މިދަނީ އެހެންތޯ ސުވާލު އުފެދެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަތީ ޕީޕީއެމްގެ ތާއީދާ އެކު އެވެ. ރައީސް ޔާމީން ގެންގުޅުއްވާ "ހަނުހުންނެވުމުގެ ސްޓައިލް" ގެ ދަށުން މިކަމަށް ސަރުކާރުން ބަހެއް ބުނެފައި ނެތަސް، ޝަރީފުގެ ބިލަށް ޕީޕީއެމުން ތާއީދުކުރުމަކީ، ސުޕްރީމް ކޯޓު ކުޑަކުރަން ސަރުކާރުން ވެސް ބޭނުންވުމެވެ. ޝަރީފު ހުށަހެޅުއްވީ މުހިންމު އިސްލާހުތަކެއް ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ. އަދި އެ ބިލް ހުށަހެޅުއްވީތީ ނިހާނު ތައުރީފު ވެސް ކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ވާހަކަ ދައްކަވަނީ: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އޭނާ ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީގެ ތާއީދެއް ނެތް ކަމަށް ވަނީ ނިންމާފައި.---ފޮޓޯ: މަޖިލިސް މި ބިލަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ތާއީދުނުކުރާއިރު، އިދިކޮޅު މެމްބަރުންގެ ތެރެއިން މަޖިލީހުގެ ތަޅުމުގައި ބިލަށް ތާއީދުކުރައްވީ ޝަރީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ ރީކޯ މެމްބަރު މޫސާ މަނިކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ތިރިކުރުމަކީ، މޫސަ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކުރަން ބޭނުންވާ ކަމެކެވެ. އެގޮތުން ސުޕްރީމް ކޯޓު ކުޑަކުރަން އުވިގެން ދިޔަ މަޖިލީހަށް ވެސް އެ ޕާޓީން ހުށަހެޅި އެވެ. ނަމަވެސް އޭރު މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ނެތުމުން އެ ބަދަލު ނުގެނެވުނެވެ. އަދި އޭރު ޕީޕީއެމްގެ މެމްބަރުން އެ ބިލަށް ފާޑުވިދާޅުވި އެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހުކުރަން އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ. ނަމަވެސް މި ވަގުތު ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުމަކީ ޝަރުއީ ދާއިރާ އިސްލާހު ވާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. "އަޅުގަނޑުމެން އެގޮތަށް [ޝަރީފުގެ ބިލަށް ތާއީދު ނުކުރަން] ނިންމީ އަޅުގަނޑުމެންގެ ހިންގާ ކޮމިޓީގައި ވަރަށް ދިގުކޮށް މަޝްވަރާކުރުމަށް ފަހު، މި އިސްލާހުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބެންޗަށް އަދި ޝަރުއީ ނިޒާމަށް އިސްލާހީ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް މި ވަގުތު ނުދެކޭތީ. އެހެން ނަމަވެސް ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތަކީ އެމްޑީޕީން އަބަދުވެސް އެކަމުގައި ދެމިތިބޭނެ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން. އިންސާފުގެ ދަތުރު އެމްޑީޕީން ކުރިއަށް ގެންދާނެ،" ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު އިބޫ ވިދާޅުވި އެވެ. ސުޕްރީމް ކޯޓަށް ބަދަލު ގެނެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް އިބޫގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކެވަޑައިގަންނަވަ އެވެ. އަދި މިހާރު ހުށަހަޅާފައި ވަނީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށާއި އެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކުރެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ ސުޕްރީމް ކޯޓު ކުޑަކުރުން އޭނާ ސިފަކުރެއްވީ ބޮޑު ޖަރީމާއެއްގެ ގޮތުގަ އެވެ. "ދެން ބާރު އޮތީމަ ކޮންމެ ގޮތަކަށް ވެސް ކަންތައް ކުރެވިދާނެ. އަދި މިކަންކަން މި ހިނގާ ދިޔައީ ކިހިނެއްކަން ރަނގަޅަށް އެނގި ހުރި ބަޔަކު ރަނގަޅަށް މި އެއްޗެހި ވިސްނާލީމަ ވަރަށް ރަނގަޅަށް އެނގޭނެ. އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ޖަރީމާއެއް މި ހިންގަނީ އިނގޭތޯ،" ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުގެ ގޮތުގައި ކުރިން ހުންނެވި ގާސިމް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ: ސުޕްރީމް ކޯޓްގެ ފަނޑިޔާރުން މަދުކުރުމަކީ ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި. ---ފޮޓޯ: މަޖިލިސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރާއިރު، އޮޑިޓަ ޖެނެރަލްކަމުން ނިޔާޒު އިބްރާހިމް ދުރުކުރި ގޮތަށް ގާނޫނަށް ބަދަލު ގެނެސްގެން ފަނޑިޔާރުން ވެސް ދުރުކުރެވިދާނެ ކަމަށް އެހެން ބައެއް މެމްބަރުން ގަބޫލުކުރައްވަ އެވެ. ނަމަވެސް އެގޮތަށް ވަކިކުރުމަކީ ގާނޫނާ ހިލާފު އިސްލާހަކަށް ނުވާނެ ހެއްޔެވެ؟ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި، ސުލޫކީ މިންގަނޑުތަކާއި ފަނޑިޔާރުން އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުނުވާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިނުކުރެވޭނެ އެވެ. އަދި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް ކޮށްފައިވާ ކަމަށް ޖޭއެސްސީ އަށް ގަބޫލުކުރެވިގެން އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ. މިހާ ސާފުކޮށް ބުނެފައިވާއިރު، ޝަރީފުގެ ބިލްގައި މިހާރު ހުށަހަޅާފައިވާ ގޮތަށް ސުޕްރީމް ކޯޓު ކުޑަކޮށް، އަލުން ފަނޑިޔާރުން އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. ޖުޑިޝަރީ އިސްލާހުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށްގެން އެކަނި ނުފުދޭކަން، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަތަކުން ދޭހަވެ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ޖުޑިޝަރީ އިސްލާހުކުރުމަށްޓަކައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހެ އެވެ. ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވަން އޮތް ޖޭއެސްސީގެ މޮޑެލަކީ އެހެން ގައުމުތަކުގައި ފެއިލް ވެފައިވާ މޮޑެލެއް ކަމަށާއި އެހެންވެ މަޖިލީހުގެ މެމްބަރުން ވެސް އެކަމަށް ވިސްނަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެ އެވެ. ނަމަވެސް މަޖިލީހުގެ ތެރެއިން އެ ވިސްނުމެއް ނުފެނެ އެވެ. ޖުޑިޝަރީ އިސްލާހުކުރުމުގެ ވާހަކަ ދައްކާއިރު، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާ މެދު ފިޔަވަޅު ނޭޅުނު މައްސަލަ އާއި ހިޔާނާތުގެ ތުހްމަތުތައް އުފުލިފައިވާ ފަނޑިޔާރުން ކޯޓުތަކުގައި ތިއްބެވުމަކީ، ޖުޑިޝަރީ ދާއިރާއާ ގުޅިފައިވާ އެތައް ބަޔަކު ނަގާ މައްސަލައެކެވެ. ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް އެއް ބަޔަކު ތުހުމަތުކުރެ އެވެ. ޖުޑިޝަރީއާ ގުޅިފައިވާ މައްސަލަތައް މިހެން ހުރިއިރު ސުޕްރީމް ކޯޓްގެ ބެންޗް ބަދަލުކޮށްފި ނަމަ، ދެން އަންނަ ސަރުކާރަކުން ވެސް އެ ބެންޗް ބަދަލުކޮށް، އެ ބަޔަކު ބޭނުންވާ ގޮތަކަށް ސުޕްރީމް ކޯޓު އެކުލަވާލާނެ އެވެ. މިއީ މުޅި ޖުޑިޝަރީ އަށް ވެސް، ގައުމަށް ވެސް ރަނގަޅު ބަދަލަކަށް ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ