އަންހެނަކު ރަޖަމްކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ޒިނޭ ކުރި ކަމަށް އެއްބަސްވި އަންހެނަކު ރަޖަމްކުރަން ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ. މިއީ ރާއްޖޭގައި މީހަކު ރަޖަމްކުރަން ކުރި ފުރަތަމަ ހުކުމެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ރަޖަމްކުރަން (ކުދި ހިލައިން ތަޅައި މެރުމަށް) ހުކުމްކޮށްފައި ވަނީ ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ ދައުވާ ލިބުނު މީހެކެވެ. ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ ދައުވާ ދައުލަތުން އުފުލުމުން އެ އަންހެން މީހާ ވަނީ ޝަރީއަތުގައި ޒިނޭކުރި ކަމަށް އެއްބަސްވެފަ އެވެ. ގެމަނަފުށީ ކޯޓުގެ އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ގެމަނަފުށީ، އޯޝަންރީޑް، އައިޝަތު ލަތީފާގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލް ގެމަނަފުށީ ކޯޓަށް ހުށަހެޅި ދައުވާގެ ޝަރީއަތް ނިންމާފައި ވަނީ، ޝަރުއީ މިބާވަތުގެ މައްސަލަތައް ބަލައި ޝަރީއަތް ކުރުމާއި އަމަލުކުރަން ކަނޑައަޅާފައިވާ ޝަރުއީ އަދި ގާނޫނީ އިޖުރާތްތަކާއި އުސޫލްތަކާ ހިލާފަށް ކަމަށެވެ. ގެމަނަފުށީ ކޯޓުގެ ހުކުމް ބާތިލްކުރުމަށް ފަހު، އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކާ އެކު މައްސަލައިގެ ފައިލް މާދަމާ މެންދުރު 12:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށް ވެސް ގެމަނަފުށީ ކޯޓުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ