މެމްބަރު ނާޒިމް އެޑްމިޓްކުރީ ބައޮޕްސީ އާއި ފިޒިއޮތެރަޕީ ހަދަން: ކަރެކްޝަންސް

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް އަންގާރަަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ބައޮޕްސީ އާއި ފިޒިއޯތެރަޕީ ހަދަން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ. ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒް މިއަދު ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ނާޒިމަށް އަންނަނީ ފަރުވާ ދެމުން ކަމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ނާރުގެ ބަލިތަކާއި ޔޫރިން މައްސަލައެއްގައި ކަމަށް މޫސަ ވިދާޅުވި އެވެ. މީގެ ކުރިން ނާޒިމް އުނގަނޑުގައި ރިއްސާތީ ވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ނާޒިމް ހުކުމް ތަންފީޒުކުރައްވަނީ ހިންމަފުށީ އައްސޭރި ޖަލުގަ އެވެ. ނާޒިމްގެ މައްޗަށް ހުކުމް އައީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، ނާޒިމް މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން އެ ބިޑް ކާމިޔާބު ކުރުމުންނެވެ. ދިދަ ގަތުމަށް ލިބުނު 1،425،000 ރުފިޔާއަކީ ކުންފުނި ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ނާޒިމް މަކަރާއި ހީލަތުން ހޯދާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލާގެ ހުކުމުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ