ފުޓްބޯޅަ ދަނޑުގެ ބިން ހަވާލު ކުރަން ދެކޮޅު ހަދައި، އޮއްޕޮ އެފްއޭއެމާ ދެކޮޅަށް ކޯޓަށް

މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ގުދަން ހުސްކުރަން ފުޓްބޯޅް އެސޯސިއޭޝަން (އެފްއޭއެމް)އިން ތަކުރާރުކޮށް އެންގި އެންގުންތަކަށް ދެކޮޅު ހަދައި، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ކުންފުނިން އެންމެ ފަހުން އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ. ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލްގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން، މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ގުދަން ހުސް ނުކޮށްގެން، އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމްގެ އެކްސްކޯއިން ނިންމީ މިދިޔަ ހަފުތާގައެވެ. އެނގިފައިވާ ގޮތުގައި އެ ނިންމުމަށް ވާސިލުވުމުގެ ކުރިން އެފްއޭއެމުން ވަނީ އެކި ފަހަރު މަތިން އެ ބިން ހުސްކުރުމަށް އެ ކުންފުނީގައި އެދިފައެވެ. އެހެންނަމަވެސް، އެ ކުންފުނިން އެ ބިން ހުސްކުރުމަށް ދެކޮޅު ހަދައި އެންމެ ފަހުން އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީއެވެ. ސިވިލް ކޯޓަށް އޮއްޕޮގެ ކުންފުނިން ހުށަހެޅި މައްސަލަ އެ ކޯޓަށް މިހާރު ބަލައިގަނެފައި ވާއިރު، އޮއްޕޮގެ ކުންފުނިން ވަނީ އެފްއޭއެމްގެ އެ ބިން ހުސްކުރުން ހުއްޓުވުމާ ދެކޮޅަށް އަމުރެއް ނެރެދިނުމަށް ވެސް އެދިފައެވެ. އަދި މީގެ އިތުރުން، އޮއްޕޮގެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އޮއްޕޮގެ ކުންފުނިން ސިވިލް ކޯޓުގައި އެދިފައިވެއެވެ. އެފްއޭއެމުން މިދިޔަ ހަފުތާގައި ބުނި ގޮތުގައި، މާފަންނު ސްޓޭޑިއަމްގައި އޮއްޕޮގެ ކުންފުނިން ގުދަން ހަދައިފައި ވަނީ، 2017 އިން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށް ޚާއްސަކޮށްގެން ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަންއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، ފުޓްބޯޅަ ދަނޑު އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ގުދަން ހަދާފައިވާ ފަރާތްތަކުގެ ތެރެއިން، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެ ބިން ހުސްކުރުމަށް އެކި ފަހަރުގެ މަތީން އެންގުމުން ވެސް އެ ބިން ހުސްކުރުމަށް ވަނީ އިއުތިރާޒުކޮށްފައި ކަމަށް އެފްއޭއެމުން ބުންޏެވެ. އެފްއޭއެމުން ބުނި ގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި އޮއްޕޮގެ ކުންފުނިން ވަނީ 2،700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފައެވެ. އެ ގުދަން، 25 އަހަރަށް ދޫކޮށްފައި ވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ބުންޏެވެ. އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީ ނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއި ބެހޭގޮތުން އެފްއޭއެމާއެކު އެއްބަސްވުމެއް ހަދާފައެއް ނުވާކަމަށް އެފްއޭއެމުން ބުންޏެވެ. މީގެ އިތުރުން 2،700 އަކަފޫޓްގައި އިމާރާތްކޮށްފައި ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އަދި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ވެސް ފާސްކުރުމަކާ ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ