2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވިއަން ކްރިއޭޓިވިޓީ އެކްސްޕޯ" ގައި ބައިވެރިވުމަށް މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ.
މޯލްޑިވިއަން ކްރިއޭޓިވިޓީ އެކްސްޕޯއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އީޖާދީ މަސައްކަތްތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ފުރުސަތު ފަހިކޮށްދޭ މަންސައެކެވެ. ބީސީސީން ބުނި ގޮތުގައި މިހާރުވެސް 300 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީ ކޮށްފައިވުމަކީ މި ހަރަކާތަށް އޮތް ތަރުހީބު ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ.
މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބީސީސީން ވަނީ އިލްތިމާސްކޮށްފައެވެ. އެކްސްޕޯގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ expo.mv ޕޯޓަލް މެދުވެރިކޮށެވެ. ބައިވެރިވުމުގެ އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މި ފަހަރުގެ އެކްސްޕޯގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އުމުރުން 13 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށާއި، ދިވެހި ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މި އަހަރުގެ އެކްސްޕޯއަކީ ދިވެހި އުފެއްދުންތެރިންނަށް އެންމެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ހަރަކާތަކަށް ހެދުމެވެ. މޯލްޑިވިއަން ކްރިއޭޓިވިޓީ އެކްސްޕޯ ބޭއްވުމަށް ތާވަލުކޮށްފައިވަނީ 23 އިން 31 އޮކްޓޫބަރު 2026 އަށެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަށް 300 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ