ގެނބެމުންދިޔަ ދެ ކުއްޖަކު ސަލާމަތްކޮށްފި

އއ. ހިމަންދޫ އުތުރު ފަރާތު މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބެމުންދިޔަ ދެ ކުއްޖަކު، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށު އުތުރު ފަރާތު މޫދު ސަރަހައްދުގައި މިއަދު ހަވީރުއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ސަރަހައްދުގައި ހުރި އަންހެނެއްގެ ފަރާތުންނެވެ. މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގެނބެމުންދިޔަ 11 އަހަރާއި 12 އަހަރުގެ މި ދެ ކުދިން ސަލާމަތްކުރުމަށްޓަކައި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު އާންމު ފަރާތެއް ކަމަށްވާ މުޙައްމަދު އާޙިލް ވަނީ ވަގުތުން މޫދަށް ފުންމާލައި، ފަތާފައި އެ ކުދިން ތިބި ސަރަހައްދަށް ގޮސްފައެވެ. މި ދެ މީހުންގެ އިތުރުން ހިމަންދޫގެ އިތުރު ދެ މީހަކުވެސް ވަނީ މި ކުދިން އެއްގަމަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސަލާމަތްކުރި ދެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވީ ނަމަވެސް، އެ ކުދިންގެ ހާލު ސީރިއަސްއެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ